Roadha Mihaaru
މިނިމަމް ވޭޖާއެކު، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

މިނިމަމް ވޭޖް ދޭންޖެހޭ ދާއިރާތައް އިތުރުކޮށް، ވަޒީފާއާ ބެހޭ ގާނޫނުގެ އިސްލާހު ފާސްކޮށްފި

06 ސެޕްޓެމްބަރ 2020

މިނިމަމް ވޭޖް ބޯޑުގެ ނަމުގައި އުފައްދާ ބޯޑެއްގެ ލަފަޔާ އެކު، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް އޮންނަ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިނިމަމް ވޭޖް ބޯޑުގެ ނަމުގައި އުފައްދާ ބޯޑެއްގެ ލަފަޔާ އެކު، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް އޮންނަ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި އިސްލާހު މިއަދު ފާސްކުރީ އެ ބިލް ދިރާސާކުރަން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފެއްދި ޖޮއިންޓް ކޮމިޓީއަކުންނެވެ. އެ ކޮމިޓީން ބިލު ދިރާސާކޮށް އެކުލަވައިލި ރިޕޯޓް މިއަދު ފާސްކުރި އިރު އެ ރިޕޯޓަށް ވެސް މެމްބަރުން ގިނަ އިސްލާހުތަކެއް ހުށަހެޅުއްވި އެވެ. އޭގެ ތެރެއިން ގިނަ އިސްލާހުތަކެއް ވެސް ރިޕޯޓާއި އެކު ފާސްކުރި އެވެ. އިސްލާހުތަކާ އެކު ރިޕޯޓް ފާސްކުރީ މަޖިލީހުގައި މިއަދު ބޭއްވި މިދައުރުގެ އެންމެ ފަހު ޖަލްސާގައި 55 މެމްބަރެއްގެ ވޯޓުންނެވެ.

ސަރުކާރުން ހުށަހެޅި ބިލްގައި މިނިމަމް ވޭޖް ކަނޑައަޅަން ހުށަހަޅާފައި އޮތީ ހަތް ދާއިރާއަކުންނެވެ. އޭގެ ތެރެއަށް ކޮމިޓީން ވަނީ ދެ ދާއިރާއެއް އިތުރުކޮށްފަ އެވެ. އެހެންވެ މިއަދު ފާސްކުރި އިސްލާހާ އެކު މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭ މައިގަނޑު ނުވަ ދާއިރާއެއް އެބަ އޮތެވެ. އެ ދާއިރާތަކުން މިނިމަމް ވޭޖް ކަނޑަައަޅަން ފާސްކުރި ބިލްގައި އޮތީ އަންނަ އަހަރުން ފެށިގެންނެވެ.

މިނިމަމް ވޭޖް ކަނޑައަޅަަން ސަރުކާރުން ހުށަހެޅި ދާއިރާތައް

1- މަސްވެރިކަމާއި ދަނޑުވެރިކަން

2- ޓޫރިޒަމް

3- ކޮންސްޓްރަކްޝަން

4- ޓްރާންސްޕޯޓް

5- ސިއްހީ ދާއިރާ

6- ތައުލީމީ ދާއިރާ

7- ކުދި އަދި މެދު ފަންތީގެ ވިޔަފާރި

މީގެ އިތުރަށް ހިމަނަން ޖޮއިންޓް ކޮމިޓީން ހުށަހެޅީ އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާ ހިމެނުމަށެވެ. މިއަދު ބިލް ފާސްކުރީ އެ ދެ ދާއިރާ ހިމަނައިގެންނެވެ.

މިއަދު ފާސްކުރި ބިލްގައި މިނިމަމް ވޭޖާ ގުޅޭ ކަންތައްތަކުގައި މިނިސްޓަރަށާއި ބޯޑަށް ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ. އެގޮތުން ކުންފުންޏެއްގެ މުވައްޒަފުންނަށް ދޭ މުސާރައާ ބެހޭ ގޮތުން މިނިސްޓަރު ނުވަތަ ބޯޑުން ހޯދަން އެދޭ މައުލޫމާތެއް ނުދީފި ނަމަ 5،000،ރ އިން ޖޫރިމަނާކުރުމުގެ ބާރު ވެސް ބޯޑަށާއި މިނިސްޓަރަށް އޮންނާނެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން މި ބިލް ހުށަހެޅުއްވި ދުވަހު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމާފައި ވަނީ 4000ރ. އާއިި 8000.ރ އާ ދެމެދުގެ އަދަދުތަކުން ކަމަށެވެ.