Roadha Mihaaru
ބަސް ދަތުރަށް އުނދަގޫވާ ގޮތަށް ޕާކުކުރުން މަދުވެއްޖެ

ސްޓިކާ ޖަހަން ފެށުމުން ބަހަށް އުނދަގޫވާ ގޮތަށް ޕާކުކުރުން މަދުވެއްޖެ

19 ސެޕްޓެމްބަރ 2022

މާލޭގައި ބަސް ދަތުރުތަކަށް އުނދަގުވާ ގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖަހަން ފެށުމުން، ގަވާއިދާ ޚިލާފަށް ޕާކުކުރުން މި ހަފުތާގައި މަދުވެފައިވާ ކަން ފުލުހުން އާއްމުކުރި ތަފާސްހިސާބުން ހާމަވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގައި ބަސް ދަތުރުތަކަށް އުނދަގުވާ ގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖަހަން ފެށުމުން، ގަވާއިދާ ޚިލާފަށް ޕާކުކުރުން މި ހަފުތާގައި މަދުވެފައިވާ ކަން ފުލުހުން އާއްމުކުރި ތަފާސްހިސާބުން ހާމަވެއްޖެ އެވެ.

އާއްމުންނަށް ދަތުރުފަތުރުގެ ލުއި ފަސޭހަކަމަށް ބަހުގެ ހިދުމަތް މީގެ ހަފުތާއެއްހާ ދުވަސްކުރިން ފެށިއިރު، ބަސް ސްޓޮޕްތަކާ އެކު ދަތުރުތަކަށް އުނދަގޫވާ ގޮތަށް ގިނަ އަދަދަކަށް ވެހިކަލް ޕާކުކޮށްފައި ހުރެ އެވެ. މިކަން ހުއްޓުވަން ފިޔަވަޅު އަޅަން ފަށައި، ފުރަތަމަ ހަފުތާގައި ފުލުހުން ވަނީ 538 ވެހިކަލެއްގައި ސްޓިކާ ޖަހައިފަ އެވެ.

އެކަމަކު މި ހަފުތާގައި އެ އަދަދު ވަނީ ދެ ގުނަ ދަށްވެފަ އެވެ.

ފުލުހުން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން ދެ ވަނަ ހަފުތާގައި ވަޔަލޭޝަން ސްޓިކާ ޖަހަން ޖެހުނީ 259 ވެހިކަލެއްގަ އެވެ.

މިނީ ބަހުގެ ހިދުމަތް ފެށި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޖުމަލް 797 ވައިލޭޝަން ސްޓިކާ ޖަހާފައިވެ އެވެ. އަދި 69 ސައިކަލު ޓޯކުރި އެވެ.

ފުލުހުން ބުނީ މާލޭގައި މިނީ ބަސް ރޫޓުގައި ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި ބަސް ރޫޓަށް އުނދަގޫވާ ގޮތަށް ޕާކުކުރާ ވެހިކަލްތަކުގައި ސްޓިކާ ޖަހާނެ ކަމަށެވެ. އަދި ވެހިކަލްތައް ޓޯކުރަންޖެހިއްޖެ ނަމަ، އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގެ އެންމެ ބޮޑެތި މަގުތަކުގައި މިނީ ބަސް ދަތުރުކުރާ ގޮތަށް ކަނޑައަޅައި މަޖީދީ މަގާއި އަމީނީ މަގުގެ އިތުރުން އޯކިޑް މަގުގައި ޕާކުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެ މަގުތަކުގައި ޕާކުކުރުމަށް ޕާކިން ޒޯނު ހެދުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އެބަދެ އެވެ.

މިނީ ބަހުގެ ހިދުމަތް ފެށި ދުވަސްވަރު ވަނީ ބަހަށް އުނދަގޫ ކުރުމަށް ބައެއް ޑްރައިވަރުން މަސައްކަތްކުރާ ކަމުގެ ޝަކުވާ ވެސް ކޮށްފަ އެވެ.

ކުރިން މަޖީދީ މަގުގައި އެވަރަށް ޓެކްސީތައް ދަތުރުނުކުރިޔަސް ބަސް ފެށުމުން އެކަން ކުރަން ފެށީ "ޖެއްސުމަށް" ކަމަށް ބުނެ ބައެއް މީހުން ޓެކްސީ ޑްރައިވަރުންނަށް ފާޑުކިޔެވެ. އަދި ސައިކަލު ދުއްވާ ފަރާތްތަކުން ވެސް ސީދާ ބަސް ހުއްޓިއަށްވާ ގޮތަށް ޕާކުކޮށްފައި ހުންނަ މައްސަލަ ބޮޑުވެ، ފުލުހުން ސްޓިކާ ޖަހައިގެން އެކަން ހުއްޓުވަން ނިކުތީ އެވެ.

މިނީ ބަހުގެ ހިދުމަތްތައް ފެށީއްސުރެ އަދި ކުރިއަށް އޮތް ދެ ހަފްތާގައި ވެސް ހިލޭ ދަތުރުކުރެވޭ ގޮތަށް ވަނީ ނިންމައިފަ އެވެ.