Roadha Mihaaru
ގަސްތައް ނުނަގާ މަގު ހެދޭނެ ގޮތެއް ހޯދަންޖެހޭ: ނަޝީދު

އަމީނީ މަގުން ގަސްތައް ނުނަގައި މަގު ހެދޭނެ ގޮތެއް ހޯދަންޖެހޭ: ނަޝީދު

20 ސެޕްޓެމްބަރ 2022

މާލޭގެ އަމީނީ މަގުގެ ދެ ފަރާތުގައި އިންދާފައި ހުރި ގަސްތައް ސަރުކާރުން ނަގަމުންދާތީ އެކަމާ ކަންބޮޑުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގެ އަމީނީ މަގުގެ ދެ ފަރާތުގައި އިންދާފައި ހުރި ގަސްތައް ސަރުކާރުން ނަގަމުންދާތީ އެކަމާ ކަންބޮޑުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.

އަޑިގުޑުންތައް ގިނަ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރަމުން އަންނައިރު އެ މަގުގައި ހުރި ބޮޑެތި ގަސްތައް ނަގަމުންދާތީ އާންމުން ވެސް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެހެންވެ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އެކަމަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވީ އަމީނީ މަގުގައި އިންދާފައިވާ ގަސްތައް ކަނޑަމުންދާ ކަމުގެ އަޑުތައް އިވޭއިރު ގަހެއް ހެދުމަށް 15-20 އަކަށް އަހަރު ނަގާ ކަމަށެވެ. އެކަމަކު ދެތިން މަހުން މަގެއް ހަދައި ނިންމާލެވޭ ކަމަށާއި ގަސްތައް ބަހައްޓައިގެން އެކަން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

"ގަސްތައް ބަހައްޓައިގެން މަގު ހެދޭނެ ގޮތެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑު އުއްމީދުކުރަން މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވެސް މި ކަންކަމަށް ބައްލަވައި، ގަސްތައް ނުކަނޑައި މަގުތައް ހެދޭނެ ގޮތެއް ހޯއްދަވާނެ ކަަމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

މަގުގެ ދެ ފަރާތުގައި ހެދިފައިވާ ބިޔަ ގަސްތަކާ އެކު އަމީނީ މަގަކީ މާލޭގައި އެންމެ ފެހިކޮށް އޮންނަ އެއް މަގެވެ. އެ މަގުގައި 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ގަސްތައް އެބަ ހުއްޓެވެ.

މަގު ހެދުމަށް ކަމަށް ބުނެ އެ ގަސްތައް ކަނޑަމުންދާ ފޮޓޯތައް އާންމުވެ، ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އާރުޑީސީން އިއްޔެ ބުނީ، އެ ގަސްތައް ކެނޑުމުގެ ބަދަލުގައި ގަސްތައް ބުޑުން ނެގުމަށް ފަހު، ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީކުރާ ކުޑަގިރިއަށް ބަދަލުކުރާނެ ކަމަށެެވެ. އަދި އަމީނީ މަގުގެ މަސައްކަތް ނިމުމުން، އެ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި އެ ތަނުގައި ގަސް އިންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އާރްޑީސީން ބުނީ، އަމީނީ މަގު ހެދުމުގެ މަސައްކަތް ޕްލޭން ކުރީ އެ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށް ވިޔަސް ފެނާއި ނަރުދަމާ އަދި އެހެނިހެން ނެޓްވޯކްތަކުގެ މައި ހޮޅިތައް ވަޅުލާފައިވާތީ އެ ކަމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މިދިޔަ މަހުގެ 30 ގައި އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށިއިރު އެ މަޝްރޫއުގެ ދަށުން މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމަށްޓަކައި އެ މަގުގެ ބައެއް މިހާރު އޮތީ ބަންދުކޮށްފަ އެވެ. ޖުމުލަ 84 މިލިއަން ރުފިޔާގެ އެ މަޝްރޫއު 10 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.