Roadha Mihaaru
ގިނަ ރަށްތަކަކަށް އެއް އީއައިއޭ ހުށަހަޅާ މައްސަލަ ބޮޑު

މަޝްރޫއުތައް ހިންގުމަށް ގިނަ ރަށްތަކަކަށް އެއް އީއައިއޭ ރިޕޯޓެއް ހުށަހަޅާ މައްސަލަ ބޮޑުވެއްޖެ

20 ސެޕްޓެމްބަރ 2022

ތިމާވެށީގެ މަޝްރޫއުތައް ހިންގުމަށްޓަކައި، ތިމާވެއްޓަށް އަސަރު ފޯރާނެ ވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހުށަހަޅާއިރު، އެއް ރަށަށް ވުރެ ގިނަ ރަށްރަށަށް އެއް ރިޕޯޓެއް ހުށަހަޅާ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވުމަށް އީޕީއޭ އިން ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތިމާވެށީގެ މަޝްރޫއުތައް ހިންގުމަށްޓަކައި، ތިމާވެއްޓަށް އަސަރު ފޯރާނެ ވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހުށަހަޅާއިރު، އެއް ރަށަށް ވުރެ ގިނަ ރަށްރަށަށް އެއް ރިޕޯޓެއް ހުށަހަޅާ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވުމަށް އީޕީއޭ އިން ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.

އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ، އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އެއް އީއައިއޭއެއްގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެދި ހުއްދަ ހޯދަން ހުށަނޭޅުމަށް ތިމާވެށީގެ ކޮންސަލްޓަންޓުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.

އެ ބަދަލު ގެނަން ޖެހުނީ "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދު"ގެ ބައެއް މާއްދާތައް ތަންފީޒު ކުރުމުގައި އީޕީއޭ އަށް ގޮންޖެހުންތަކާ ކުރިމަތިވަމުން ދާތީ ކަމަށް ބުންޏެވެ. ނަމަވެސް އެއީ ސީދާ ކޮން މާއްދާތަކެއް ކަމެއް ބުނެފައެއް ނެތެވެ.

އެ އިސްލާހާ އެކު، އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް، އެއް އެޕްލިކޭޝަން ފޯމަކުން، އެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެއް އީއައިއޭއެއްގެ ގޮތުގައި ހުށަހަޅާފައިވާ ނަމަ، އެފަދަ އެޕްލިކޭޝަންތައް ބާތިލް ކުރާނެ ކަމަށް އީޕީއޭ އިން ބުނެ އެވެ.

މިދިޔަ މަހުގެ 23 އިން ފެށިގެން އެ އިސްލާހަށް އަމަލުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް، މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ނޭދެވޭ އަސަރު ކުޑަ މަޝްރޫއުތައް ކަމަށް، އެ މަޝްރޫއެއްގެ ތިމާވެށީގެ ކޮންސަލްޓަންޓަށް ފެނިއްޖެ ނަމަ، އެއް ހުއްދައެއްގެ ދަށުން، އެކި ރަށް ހިމެނޭ ގޮތަށް ހުއްދަ އަށް އެދެވިދާނެ އެވެ.

ތަރައްގީގެ ކޮންމެ މަޝްރޫއުއެއް ހިންގާއިރު ވެސް އީއައިއޭ ހަދަން އޮންނައިރު، އެ ރިޕޯޓުން ފާހަގަވާ ކަންކަމަށް ސަމާލުކަން ނުދީ މި ފަހުން ބައެއް މަޝްރޫއުތައް ހިންގާތީ ކަމާބެހޭ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވެ އެވެ.