Roadha Mihaaru
އެންމެ ގިނައީ ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުން

މިދިޔަ އަހަރު އީޕީއޭއަށް އެންމެ ގިނައިން ރިޕޯޓްކުރީ ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމުގެ މައްސަލަ

19 ޖެނުއަރީ 2023

މިދިޔަ އަހަރު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމުގެ މައްސަލަތައް ކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ އަހަރު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމުގެ މައްސަލަތައް ކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އީޕީއޭ އިން ދިން ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ އަހަރު އެ އެޖެންސީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 29 ޕަސެންޓަކީ ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމުގެ މައްސަލަތަކެވެ. ރުއްގަސް ކެނޑުމުގެ 55 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.

މިދިޔަ އަހަރު ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ފަޅުންނާއި ގޮނޑުދޮށުން ވެލިނެގުމުގެ މައްސަލަތަކެވެ. އޭގެ 45 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.

• އީއައިއޭއާ ހިލާފަށް މަސައްކަތްކުރުމުގެ 35 މައްސަލަ

• ރަށްގިރުމުގެ 15 މައްސަލަ

• އެހެނިހެން 25 މައްސަލަ

އީޕީއޭއިން ބުނީ ހުއްދަ ހޯދައިގެން ރުއްގަސް ނެގުމަށް ވެސް މިދިޔަ އަހަރު ވަރަށް ގިނަ ހުއްދަތައް ދޫކޮށްފައިވާ ކަމަށެވެ. އެ ހުއްދައިގެ ދަށުން 6،505 ރުކާއި 473 ގަސް ނެގުމުގެ ހުއްދަ ދިން ކަމަށް ބުންޏެވެ.

އެންމެ ގިނައިން ރުއްގަސް ނެގީ ނ. ލަންދޫންނެވެ. އެ ރަށުން 1،438 ރުއް ނެގި އެވެ.

އާންމުކޮށް ރުއްގަސް ނެގުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ހިމެނެނީ އަލަށް ގޯތިދޫކުރުމަށާއި މަގު ހެދުމަށާއި ސްޕޯޓް އެރީނާ ހެދުމާ އަދި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްކުރުމަށް ކަމަށް އީޕީއޭއިން ބުންޏެވެ.

އެގޮތަށް ނަގާ ރުއްގަހުގެ ބޮޑު ބައެއް ގެންދަނީ ރަށުން ބޭރަށެވެ. މިދިޔަ އަހަރު ރަށްރަށުން ނެގި ރުއްގަހުގެ ތެރެއިން 86 ޕަސެންޓް ވަނީ އެހެން ރަށްރަށަށް ގެންގޮސްފަ އެވެ.

އީޕީއޭގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު އެކި ޕްރޮޖެކްޓުތައް ހިންގުމަށް ހުށަހެޅި 295 އީއައިއޭ ރިޕޯޓް ވެސް ޕްރޮސެސްކޮށްފައިވެ އެވެ.