Roadha Mihaaru
ނުރައްކާތެރި ކުށްވެރިންގެ ޓެގު އަޅުވަން ހައްލެއް ހޯދަނީ

ނުރައްކާތެރި ކުށްވެރިންގެ ޓެގު އެޅުވޭނެ ގޮތެއް ނެތިގެން އޭޖީއާ އެކު މަޝްވަރާކުރަނީ

20 ސެޕްޓެމްބަރ 2022

ކުށުގެ ވެށީގައި އުޅޭ، ލޭއޮހޮރުވުން ފަދަ އަނިޔާވެރި އަމަލުތައް ހިންގަން ފަސްނުޖެހޭ ކުށްވެރިންގެ ޓެގު އަޅުވައި މޮނިޓާކުރެވެން މިހާރު ނެތިގެން ގާނޫނީ އެ ބާރުވެރިކަން ހޯދަން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުށުގެ ވެށީގައި އުޅޭ، ލޭއޮހޮރުވުން ފަދަ އަނިޔާވެރި އަމަލުތައް ހިންގަން ފަސްނުޖެހޭ ކުށްވެރިންގެ ޓެގު އަޅުވައި މޮނިޓާކުރެވެން މިހާރު ނެތިގެން ގާނޫނީ އެ ބާރުވެރިކަން ހޯދަން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ ނުރައްކާތެރި ކުށްވެރިން ހުކުމް ތަންފީޒުނުވެ ދޫވެފައި ތިބުމުގެ ކަންބޮޑުވުމާ އެކު ޚާއްސަ ބަޖެޓެއް މިދިޔަ އަހަރުގެ ތެރޭގައި ކަނޑައަޅައި ހޯމް މިނިސްޓްރީން ވަނީ 100 ޓެގު ހޯދައިފަ އެވެ. އެކަމަކު މިހާތަނަށް ޓެގު އަޅުވައި އެއްވެސް ކުށްވެރިއަކު މޮނިޓާކުރަމުން ނުދެ އެވެ.

މޮނިޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރު ނެރެ ކުށްވެރިންގެ ފައިގައި ޓެގު އަޅުވަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގަ އެވެ. އޭރު މޮނިކޮން އަމުރު ނެރެ، ކުށްވެރިންގެ ފައިގައި ޓެގު އެޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ.

އޭރު މޮނިކޮން އަމުރު ހިންގީ އެ ގާނޫނުގައި ބުނާ ކުށްކުރާ ކަމަށް ތުހުމަތުކުރާ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށެވެ. މިނިސްޓަރު ހައި ކޯޓުގައި އެދިގެން އަމުރު ނެރުމަށް ފަހު، އެ ތަންފީޒު ކުރުމުގެ މަރުހަލާ އާއި އަމުރު މުރާޖައާ ކުރުމުގެ ބާރު ވެސް އޮންނަނީ މިނިސްޓަރަށެވެ.

ނުރައްކާތެރި ކުށްވެރިން ކަމަށް ފުލުހުން ކަނޑައަޅާ މީހުންގެ މައްޗަށް އެ ގާނޫނުގެ ދަށުން އަމުރު ނެރެ، ޓެގު އަޅުވައި ބެލެހެއްޓި އެވެ. އެކަމަކު އޭގެ ތެރެއިން ބާރުގަދަ މީހުން، އޭރު ވެސް ޖެހުނީ ދޫކޮށްލާށެވެ.

ޓެރަރިޒަމްގެ އެ ގާނޫނު މިހާރު އިސްލާހުކޮށްފައި އޮތުމުން އޭރު ޓެގު އަޅުވައިގެން މޮނިޓާކުރި ގޮތަކަށް އެކަން މިހާރު ކުރެވޭކަށް ނެތެވެ.

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުރިން ޓެގު އެޅުވިޔަސް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އަށް ވިދާޅުވީ މޮނިކޮން އަމުރު ނެރެން މިހާރު ކަނޑައަޅާފައި އޮތް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ނުރައްކާތެރި ކުށްވެރިންގެ ޓެގެއް ނޭޅުވޭނެ ކަމަށެވެ. ޓެގު އަޅުވައިގެން މޮނިޓާކުރެވޭނެ ކަމަށް އެ ގާނޫނުގައި އޮތީ ޓެރަރިޒަމްގެ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނެވެ.

އިސްލާހެއް ހުށަހަޅައި 2019 ގައި ހަރުކަށިކޮށްފައިވާ އެ ގާނޫނުގައި އޮތީ ޓެރަރިޒަމް މާނަކޮށްފަ އެވެ. އެހެންކަމުން މޮނިކޮން އަމުރު ނެރެ ޓެގު އެޅުވޭނީ އެ ކުށްތަކުގައި ހިމެނޭ މީހުންގެ އެކަނި ކަން ކޮމިޝަނަރު ފާހަގަކުރެއްވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މޮނިކޮން އަމުރު ނެރެވޭނީ ޓެރަރިޒަމްގެ ކުށްތަކަށް އެކަނި ކަމަށް ގާނޫނުގައި ކަނޑައޅާފައިވާތީ ނުރައްކާތެރި ކުށްވެރިން މޮނިޓާކޮށް ބެލެހެއްޓޭނެ ގޮތަށް ގާނޫނަށް އިސްލާހްކުރަން އަންނަނީ މަސައްކަތް ކުރަމުން.- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: މޮނިކޮން އަމުރު ނެރެވޭނީ ޓެރަރިޒަމްގެ ކުށްތަކަށް އެކަނި ކަމަށް ގާނޫނުގައި ކަނޑައޅާފައިވާތީ ނުރައްކާތެރި ކުށްވެރިން މޮނިޓާކޮށް ބެލެހެއްޓޭނެ ގޮތަށް ގާނޫނަށް އިސްލާހްކުރަން އަންނަނީ މަސައްކަތް ކުރަމުން.- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓެރަރިޒަމްގެ ކުށްތައް މާނަކުރަން ޖެހުނީ، ކުރީގެ ގާނޫނު ނަހަމަ ގޮތުގައި ގިނަ ބައެއްގެ މައްޗަށް ހިންގާފައި އޮތުމުންނެވެ.

ޓެރަރިޒަމް ކަމަށް ގާނޫނުގައި މިހާރު ބުނެފައި ވަނީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށާއި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ އަމަލުތަކެވެ.

ކޮމިޝަނަރު ވިދާޅުވީ މި ސަރުކާރުގައި ޓެގު ހޯދައި ސޮފްޓްވެއާ ގެނެސް ފުލުހުން ތަމްރީންކުރިއަސް މިހާރު އެކަން ކުރެވެން ނެތީ ގާނޫނީ ގޮތުން އެ ހުރަސް ކުރިމަތިވެފައި އޮތުމުން ކަމަށެވެ.

އެއީ ހައްލު ހޯދަން ޖެހޭ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައި ކޮމިޝަނަރު ވިދާޅުވީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ގޭންގް ކުށްތައް މަނާކުރުމުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އޭޖީއާ އެކު މަޝްވަރާތަކެއް ކުރެވި އުއްމީދަކީ މި ދައުރުގެ ތެރޭގައި އިސްލާހެއް މަޖިލީހަށް ހުށަހެޅިގެން ދިއުން ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ މި ދައުރުގެ ތެރޭގައި އިސްލާހު ފާސްވެ އެކަމަށް ހައްލެއް ލިބުން،" އޭނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި ގޭންގް ކުށްތައް ހުއްޓުވަން ނުރައްކާތެރި ކުށްވެރިންގެ ފައިގައި ޓެގު ނޭޅުވިޔަސް ފުލުހުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުށްވެރިން ޖަމާވެ އުޅޭ ވެށިތައް ބެލެހެއްޓުމާއި އެ މީހުންގެ ހަރަކާތްތައް ގާތުން ބެލެހެއްޓުމަކީ އޭގެތެރޭގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނުރައްކާތެރި ކުށްވެރިންނާ ދެކޮޅަށް ކުރާ މަސައްކަތުގައި އެކަށީގެންވާ ހައްލުތަކެއް ހޯދޭނެ ކަމަށެވެ.