Roadha Mihaaru
ވިލިމާލޭގައި ބަގީ ދުއްވަން ސިޓީކައުންސިލުން ތައްޔާރުވަނީ

ސިޓީ ކައުންސިލުން އަމިއްލަ އަށް ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފަށަނީ

22 ސެޕްޓެމްބަރ 2022

ވިލިމާލޭގައި ބަގީގެ ހިދުމަތް މާލެ ސިޓީ ކައުންސިލުން އަމިއްލަ އަށް ދޭން ނިންމައި އެ ކަމަށް ބޭނުންވާ އުޅަނދުތައް ހޯދަން އިއުލާނުކޮށްފި އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް މާލެ ސިޓީ ކައުންސިލުން އަމިއްލަ އަށް ދޭން ނިންމައި އެ ކަމަށް ބޭނުންވާ އުޅަނދުތައް ހޯދަން އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައިވާ ގޮތުން އެ ހިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ހަ ބަގީ ބޭނުންވެ އެވެ. އެހެންވެ، އިލެކްޓްރިކް ބަގީ ސިޓީ ކައުންސިލަށް ހޯދައިދޭން ބޭނުންވާ ފަރާތްތަކުން އަންނަ ހަފުތާގެ ބުދަ ދުވަހު މައުލޫމާތު ސާފުކުރުމަށް ފަހު އަންނަ މަހުގެ 5 ގައި އަގުތައް ހުށަހަޅަން ކައުންސިލުން އެދެ އެވެ.

ސިޓީ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނެއްގައިވާ ގޮތުން މައުލޫމާތު ސާފުކޮށްދިނުން އޮންނާނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 11 ޖަހާއިރު އެވެ. ބަގީ ސަޕްލައި ކޮށްދޭނެ އަގު ހުށަހަޅަން ޖެހެނީ އޮކްޓޫބަރު 5 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ. މައުލޫމާތު ސާފުކޮށްދިނުމާއި އަގުތައް ވެސް ބަލައިގަންނާނީ ހ. ހުޅުގަލި ގައި ހިންގާ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަންގަ އެވެ.

ވިލިމާލޭގައި މިހާރު ވެސް ބަގީ ދުއްވާ، އެކަމަކު ކައުންސިލުން ހިތްހަމައެއް ނުޖެހޭ!

މާލޭގެ ފަސްވަނަ އަވަށް، ވިލިމާލޭގައި މިހާރު ވެސް އިލެކްޓްރިކް ބަގީގެ ހިދުމަތް ދިނުމަށް އަމިއްލަ ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު، "ނައިންޓީ ނައިން ހޯލްޑިން" އިން އެ ހިދުމަތް ދޭ ގޮތާ މެދު ސިޓީ ކައުންސިލުން ހިތްހަމަނުޖެހޭތީ އެއްބަސްވުމަށް އަމަލުކުރުން ހުއްޓުވައި ދިނުމުގެ މައްސަލަ އޮތީ ސިވިލް ކޯޓުގަ އެވެ.

އެ ކުންފުންޏަށް އެ އަވަށުން ދޫކޮށްފައިވާ ބިންތައް ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީ އަށް އަމަލުކުރަން ނުޖެހޭ ކަމަށް އަންގައި އެ ކޯޓުން ވަނީ މިދިޔަ މަހުގެ 31 ގައި ވަގުތީ އަމުރެއް ނެރެފަ އެވެ.

ނަމަވެސް "ނައިންޓީ ނައިން ހޯލްޑިން" އިން ބުނާގޮތުގައި ސިޓީ ކައުންސިލުން އެ ކުންފުންޏަށް ކޮށްދޭން ޖެހޭ ކަމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ބައެއް ކަންކަން ކޮށް ނުދޭތީ ބަގީގެ ހިދުމަތް ދޭން އުނދަގުލެވެ. އޭގެ ތެރޭގައި ބަސް ރޫޓު ހެދުން ފަދަ ކަންކަން ހިމެނެ އެވެ. ބަސް ރޫޓާއި ވެހިކަލް ހުއްޓިތައް ގާއިމު ކޮށްނުދީ، ކައުންސިލުން އެއްބަސްވުން ބާތިލުކުރަން ކަނޑައަޅާފައި ވަނީ އެ އެއްބަސްވުުމުގެ މަގުސަދާއި ގާނޫނާ ހިލާފަށް ކަމަށް ވެސް "ނައިންޓީ ނައިން ހޯލްޑިން" އިން ބުންޏެވެ.

އެ މައްސަލަ މިހާރު ޝަރުއީ މަރުހަލާގައި އޮތް އިރު ދެ ފަރާތުން ވެސް ތިބީ ސިވިލް ކޯޓުގެ ނިންމުމުގެ އިންތިޒާރުގަ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބަގީގެ ހިދުމަތާ މެދު ހިތްހަމަނުޖެހިގެން ގިނަ ބަޔަކު އޭނާ އަށް ޝަކުވާ ހުށަހަޅާ ކަމަށެވެ.

މާލޭގެ މޭޔަރު ޑރ. މުއިއްޒު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭގެ މޭޔަރު ޑރ. މުއިއްޒު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ހައްލަކީ ހިދުމަތް ދެވޭނެ ގޮތެއް ވުން. ހިދުމަތް ދެވޭނެ ގޮތެއް ހޯދަން ކައުންސިލުން އޮތީ ނިންމާފައި. ކޯޓުން އަދި މައްސަލަ ނުނިމުނަސް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން މިކަމުގައި ހައްލެއް ހޯދޭނެ ގޮތެއް ބަލަން،" މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް ވިލިމާލޭގައި އެބަޖެހޭ ވިލިމާލޭގެ އެންވަޔަރުމެންޓާ ގުޅޭ ޓްރާންސްޕޯޓް ނިޒާމެއް އަންނަން. އެހެންވީމާ އެ މަސައްކަތް އެބަކުރަން."

މުއިއްޒު ވިދާޅުވިގޮތުގައި އެ ކަމަށް ހައްލެއް ހޯދާނީ ކޯޓުގައި މިހާރު އޮތް މައްސަލަ އަށް ހުރަސްނޭޅޭ ގޮތަށެވެ.