25 ސެޕްޓެމްބަރ 2022
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި ހެކިބަސް ނަގައި މިއަދު ނިންމާލައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި ހެކިބަސް ނަގައި މިއަދު ނިންމާލައިފި އެވެ.
ޔާމީނަށް ދައުވާކޮށްފައި ވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން 1 މިިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި މީގެ ކުރިން ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަގައި ވަނީ ނިންމާލާފަ އެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ނެގި ތިން ހެކިވެރިންގެ ހެކިބަހާ އެކު އާރަށު މައްސަލައިގައި ދައުލަތުން އަދި ދިފާއުން ވެސް ހުށަހެޅި ހެކިވެރިންގެ ހެކިބަސް މިއަދު ވަނީ ނަގައި ނިމިފަ އެވެ. ހެކިބަސް ނަގައި ނިމުމުން، މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް އިއުލާނު ކުރެއްވީ ދެން އޮންނާނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުން ކަމަށާއި އެކަމަށް ބާއްވާ އަޑުއެހުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.
ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ތައްޔާރުވުމަށް ހަތަރު ދުވަހަކީ މާ ކުޑަ މުއްދަތެއް ކަމަށް ބުނެ ޔާމީނާއި ޔޫސުފް ނައީމްގެ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ހެކިބަސް ދިރާސާކުރަން ވަގުތު ބޭނުންވާ ކަމަށް ބުނި ނަމަވެސް ގާޒީ ޝަކީލް ވިދާޅުވީ، ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުން ބާއްވާ ތާރީހު ފަސް ކުރެވެން އޮތް ނަމަ އެކަން ދެ ފަރާތަށް ވެސް އަންގަވާނެ ކަމަށެވެ.
މިއަދު އޮތް އަޑުއެހުމަށް ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި އެންމެ ފުރަތަމަ ހާޒިރު ކުރީ، އެމަނިކުފާނުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މިހާރުގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. އޭނާ ހުށަހެޅީ ދައުލަތުން ހުށަހަޅާފައި އޮތް ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ)ގެ ޔައުމިއްޔާއެއްގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމަށެވެ. އޭނާ 2013 އިން ފެށިގެން 2018 ވަނަ އަހަރަށް އެ ކައުންސިލުގައި މަސައްކަތް ކުރެއްވި އެވެ
ދިފާއީ ވަކީލު އާދަމް ޝަމީމް ކުރަވަމުން ގެންދެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އެކައުންސިލަށް ކަންކަން ހުށަހަޅާނީ ރައީސް އޮފީހުގައި އޮންނަ އީވައިސީ ސެކެޓްރިއޭޓަށް ކަމަށެވެ. އީވައިސީން މައްސަލައެއް ބަލައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމުން، ވަޒީރުން ޔައުމިއްޔާގައި ސޮއިކޮށް އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ސޮއި ކުރެއްވުމުން އެ ނިންމުމަށް ތަންފީޒީ ބާރު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އީވައިސީން މައްސަލައެއް ބަލައި ގޮތެއް ނިންމި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އެ ނިންމުމެއް އެންޑޯސް ނުކުރައްވަނީސް އެ ނިންމުމަކީ އެއްވެސް ބާރެއް އޮތް ނިންމުމަކަށް ވާނެތޯ ޝަމީމް އެއްސެވުމުން ސައީދު ވިދާޅުވީ، ރައީސް އެންޑޯސް ނުކުރައްވާހާ ހިނދަކު އޭގައި އެއްވެސް ބާރެއް ނޯންނާނެ ކަމަށެވެ.
ސައީދު އީވައިސީގައި މަސައްކަތް ކުރެއްވި އިރު އާރަށާ ގުޅޭ އެއްވެސް މައްސަލައެއް އެ ކޮމިޓީއަށް ހުށަހެޅި މަޝްވަރާ ކުރެވުނުތޯ އެއްސެވުމުން ސައީދު ވިދާޅުވީ، ވަކިވަކި މައްސަލަތައް ވިދާޅުވަން ނޭނގޭ ކަމަށެވެ.
ފަޅު ރަށްރަށް އެއް މިނިސްޓްރީން އެއް މިނިސްޓްރީއަށް ބަދަލުކުރަން އެދި އީވައިސީއަށް މައްސަލަ ހުށަހެޅޭތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ފަޅުރަށްރަށް ދޫކުރުމުގައި ދެ ވުޒާރާއެއްގެ ދެމެދުގައި މަޝްވަރާ ކުރުމަށް ފަހު ދެން ފަހުން އެކަން އަންގަން ޖެހޭ ފަރާތަކަށް އަންގާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އީވައިސީއަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.
ދައުލަތުން ބުނާ ގޮތުގައި އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޔޫސުފް ނައީމަށް ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރީ އީވައިސީގައި އެގޮތަށް ނިންމައިގެންނެވެ.
އޭނާ ވިދާޅުވީ، ހުރިހާ ޔައުމިއްޔާތަކެއްގައި މިނިސްޓަރުން ސޮއިކުރިކަން ސެކެޓްރިއޭޓުން ވަރަށް ފަރުވާތެރިކަމާ އެކު ކަށަވަރުކުރާނެ ކަމަށެވެ. އަދި އޭނާ ސޮއި ނުކުރައްވާ ޔައުމިއްޔާއެއް އޮންނާނެތޯ އެއްސެވުމުން ވިދާޅުވީ، "އޮވެގެން ނުވާނެ" ކަމަށެވެ. ސޮއި ނުކޮށް ވާ ނަމަ އެއީ ސައްހަ ޔައުމިއްޔާއަކަށް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށްދަނީ.
މިއަދުގެ އަޑުއެހުމުގެ ތެރެއިން ދައުލަތުން ހުށަހަޅާފައި އޮތް ޔައުމިއްޔާ ސައީދަށް ޝަރީއަތުގައި ދެއްކުމުން އޭނާ އެ ބައްލަވާފައި ވިދާޅުވީ، އެއީ ސައްހަ އެއްޗެއް ނޫން ކަމަށެވެ. އަދި އެއަށް ފަހު ދިފާއުގެ ސުވާލުތައް ނިންމާލި އެވެ.
"ނޫން މިއީ ސައްހަ ޔައުމިއްޔާއެއް ނޫން. އަޅުގަނޑުގެ ސޮއެއް އަދި މީގައި ބައިވެރިވި ބޭފުޅެއްގެ އެއްވެސް ސޮއެއް ނުފެނޭ،" ސައީދު ވިދާޅުވި އެވެ.
ސައީދު ކްރޮސްއެގްޒަމިން ކުރައްވަމުން ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް، ފުރަތަމަ ސުވާލު ކުރެއްވީ، އީވައިސީގެ ޔައުމިއްޔާއެއް ނަމަ އޭގައި ވަޒީރުންގެ ސޮއިކުރެވިފައި އޮންނަންވާނެ ކަމަށް އުސޫލެއް އޮވޭތޯ އެވެ. ސައީދު ވިދާޅުވީ، އެއީ ކަނޑައެޅިފައި އޮންނަ އުސޫލު ކަމަށެވެ. ސޮއިކުރުމަށް ފޮނުވަނީ ސެކެޓްރިއޭޓުން ކަމަށް ޔައުމިއްޔާގައި ބައިވެރިވިކަން އަމިއްލައަށް ކަށަވަރު ކުރައްވާތޯ ސުވާލު ކުރުމުން ވެސް އޭނާ ދަމަހައްޓަވަމުން ގެންދެވީ ހުރިހާ ޔައުމިއްޔާތަކެއްގައި ސޮއިކުރުވާ ކަމަށެވެ. އަދި ސެކެޓްރިއޭޓުގައި މަސައްކަތް ކުރި ބައެއް ބޭފުޅުންގެ ނަންތައް ވެސް ފާހަގަކުރެއްވި އެވެ.
ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަދި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި، އަހުމަދު ޒުހޫރު ވެސް މިއަދު ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކުރި އެވެ. އޭނާ ވެސް ވިދާޅުވީ، އީވައިސީގެ ނިންމުމަކަށް ބާރު ލިބޭނީ ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ ހިސާބުން ކަމަށެވެ. ސޮއިކޮށްފައި ނުވާ ޔައުމިއްޔާއެއް ސައްހަ ޔައުމިއްޔާއެއް ގޮތުގައި ބެލޭނެތޯ ވަކީލު ޝަމީމް ސުވާލު ކުރެއްވުމުން ޒުހޫރު ވިދާޅުވީ، އެއީ ސައްހަ ޔައުމިއްޔާއަކަށް ނުވާނެ ކަމަށެވެ.
އާރަށު މައްސަލައާ ގުޅޭ ކަމެއް އީވައިސީއަށް ހުށަހެޅި ބަހުސް ކުރެވުނުތޯ ސުވާލު ކުރުމުން ޒުހޫރު ވިދާޅުވީ، އެފަދަ ކަމެއް ހުށަހެޅިކަން ހަނދާނެއް ނެތް ކަމަށެވެ. އެފަދަ ކަމެއް ހިނގި ނަމަ އެޖެންޑާ ކުރެވި ޔައުމިއްޔާތަކުގައި ސޮއިކުރެވިފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ބައިވެރިވެވަޑައިގެންނެވި އެއްވެސް ބައްދަލުވުމެއްގެ ޔައުމިއްޔާގައި ސޮއިނުކޮށް އޮންނާނެތޯ ސުވާލުކުރުމުން ޒުހޫރު ވެސް ވިދާޅުވީ ނޯންނާނެ ކަމަށެވެ.
ޒުހޫރަށް ވެސް ދައުލަތުން ހުށަހެޅި ޔައުމިއްޔާ ދައްކުމުން އޭނާ އޭގެ ގަނޑުތައް ބަލާފައި ވިދާޅުވީ، އެއީ ސައްޔަ ޔައުމިއްޔާއެއް ނޫން ކަމަށެވެ. އަދި އޭނާ ސޮއިކޮށްފައި ނުވާކަން ފާހަގަކުރެއްވި އެވެ.
ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު މުޖުތާޒު ވެސް މިއަދު ދިފާއީ ހެއްކެއްގެ ގޮތުގައި ހާޒިރު ކުރި އެވެ.
ޝަމީމް ކުރަމުން ގެންދެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ރައީސް އޮފީހުން ސިޓީތައް ފޮނުވާއިރު، ސޮއި ކުރުމުގެ ބާރު ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިންނަށް އޮންނާނެ ކަމަށެވެ. އެހެންވެ، ބައެއް ފަހަރު ރައީސަށް ނޭނގި ވެސް "ރައީސް ވިދާޅުވެފައިވާ" ކަމަށް އިބާރާތްކޮށް ސިޓީ ފޮނުވާ ކަމަށް ވިދާޅުވި އެވެ. އެގޮތަށް ސިޓީގައި ބަޔާން ކުރުމަކީ ޒަމާނުއްސުރެ އަމަލުކުރުމުން އަންނަ އުސޫލު ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސަށް މަތިކޮށްފައި އޮންނަ ކަމެއް ކުރަން އެހެން ބޭފުޅަކު ރައީސް ވިދާޅުވެފައިވާ ކަމަށް އަންގައި ސިޓީއެއް ފޮނުވަފާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެގޮތަށް އަމަލުނުކުރާ ކަމަށެވެ.
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނުދިން
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
ޔާމީން ލޯންޑަކުރެއްވި ފައިސާ ދައުލަތަށް ނަގަން އެދެފި
ޕީޖީ އަމަލު ކުރައްވަނީ ޔާމީނަށް މަންފާވާ ގޮތަށް:ސިރާޖު
ޕީޖީ ވަކީލާއާބެހޭ ޝަކުވާ ޔާމީންގެ ފަރާތުން ހުށަހަޅައިފި
ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި