Roadha Mihaaru
ހޮޓެލް އޭޝިއާގެ ޕްރީ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ހޮޓެލް އޭޝިއާ އެގްޒިބިޝަނަށް ޕްރީ- ރެޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލައިފި

27 ސެޕްޓެމްބަރ 2022

އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ހޮސްޕިޓަލިޓީ އެގްޒިބިޝަނަށް ޒިޔާރަތް ކުރަން ބޭނުންވާ މީހުން ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ހޮސްޕިޓަލިޓީ އެގްޒިބިޝަނަށް ޒިޔާރަތް ކުރަން ބޭނުންވާ މީހުން ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ މައުރަޒު އިންތިޒާމުކުރާ މޯލްޑިވްސް އެގްޒިބިޝަން ކޮންފަރެންސް (މެކްސް) އިން ބުނީ، 16 ވަނަ ހޮޓެލް އޭޝިއާ އެގްޒިބިޝަން ކުރީ އަހަރުތަކަށް ވުރެ ފުރިހަމަ ވާނެ ކަމަށެވެ. ސަބަބަކީ ކޮވިޑުގެ ބަލިމަޑުކަމަށް ފަހު، ބާއްވާ ފުރަތަމަ މައުރަޒަށް ވުމާއި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމާ ވެސް ގުޅިފައިވާތީ މި އަހަރު އިތުރަށް ހާއްސަ ވާނެ ކަމަށް މެކްސް އިން ބުންޏެވެ.

މި އަހަރުގެ މައުރަޒު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 އިން 12 އަށެވެ. އެ މައުރަޒާއެކު، އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު އަންނަ މަހުގެ 9 އިން 12 އަށް ބާއްވާނެ އެވެ.

ދަރުބާރުގޭގައި ބާއްވާ މި އަހަރުގެ މައުރަޒުގައި 175 ސްޓޯލަކުން ގިނަ ބްރޭންޑުތަކެއްގެ އުފެއްދުންތައް ދައްކައިލާނެ ކަމަށް މެކްސް އިން ބުނެ އެވެ.

މައުރަޒުގައި ކަލިނަރީ ޗެލެންޖުގެ އިތުރުން ދެ ބެވަރެޖު ޗެލެންޖެއް ވެސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ލަންކާގެ ނެޝަނަލް ޗެމްބާ އޮފް އެކްސްޕޯޓާސް އިން އެންޑޯސް ކޮށްފައިވާ މައުރަޒުގައި ހިމެނޭ އެންމެ ފޯރިގަދަ އެއް ބައި ކަމަށްވާ ކަލިނަރީ ޗެލެންޖުގައި ރަޖިސްޓަރީ ކުރުމަށް ހުޅުވައިލި ފުރުސަތުގައި 20 ގައުމެއްގެ 600 އަށް ވުރެ ގިނަ ޝެފުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ރިސޯޓުތަކުގެ ޝެފުން ވެސް ހިމެނެ އެވެ.

ފުޑް އެންޑް ބެވަރެޖާއި ހޮސްޕިޓާލިޓީ ދާއިރާގެ ގިނަ ބަޔަކު އެއްތަނަކުން ފެންނާނެ އެ މައުރަޒަކީ މެކްސް އިން ބުނިގޮތުގައި ވިޔަފާރިގެ ފަހި ފުރުސަތުތަކެއް ލިބި، އުފެއްދުންތައް މާކެޓް ކުރުމަށް ބޭނުން ކުރެވޭނެ އަގުހުރި ޕްލެޓްފޯމެކެވެ.

މައުރަޒުގެ މި އަހަރުގެ ވެސް މެއިން ސްޕޮންސަރަކީ ބެސްޓް ބައި މޯލްޑިވްސް އެވެ.