Roadha Mihaaru
5 ޓާޝަރީ ހޮސްޕިޓަލާ އެކު ޚިދުމަތް އެއް ވިއުގައަކަށް

ފަސް ޓާޝަރީ ހޮސްޕިޓަލާ އެކު އެއް ވިއުގައަކުން ޚިދުމަތް ގުޅާލަނީ

03 އޮކްޓޯބަރ 2019

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މަދުވެގެން ޓާޝަރީ ފަސް ހޮސްޕިޓަލް ހިންގަން ފެށުމާ އެކު، ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒުތަކެއް އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުގެ އެކްޝަން ޕްލޭންގައި ހިމަނައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މަދުވެގެން ޓާޝަރީ ފަސް ހޮސްޕިޓަލް ހިންގަން ފެށުމާ އެކު، ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒުތަކެއް އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުގެ އެކްޝަން ޕްލޭންގައި ހިމަނައިފި އެވެ.

ރޭ އިއުލާން ކުރި، ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭންގައި، ސިއްހީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ފާހަގަކޮށްފައިވެ އެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ޚިދުމަތްތައް އެއް ތަނަކަށް ޖަމާވެ، ބަލިކަށިވެ އަދި ފުރިހަމަނުވެފައި އޮތުމުން ދިމާވި މައްސަލަތައް ކަމަށް އޭގައި ވެ އެވެ. ސިއްހީ ޚިދުމަތްތަކަށް އެކަށީގެންވާ ސިޔާސަތުތަކެއް ކަނޑައެޅިފައި ނެތުން ފާހަގަކޮށް ބުނެފައި ވަނީ އެ ސަބަބުތަކާ ހެދި ސިއްހީ ދާއިރާ އަށް ބޭނުންވާ ތަކެތި ހޯދުމާއި ދަތުރުފަތުރުކުރުމުގެ ޚަރަދު ބޮޑުވެފައިވާ ކަމަށެވެ.

ސިއްހީ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމާ އެކު، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ، ޕްލޭންގައިވާ ގޮތުން ބަލިބަލިން ރައްކާތެރިވުމެވެ. އެގޮތުން ހަށިހެޔޮ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއަރުވާނެ އެވެ. އަދި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒުތަކެއް އެއް ވިއުގައަކުން ގުޅާލުން ވެސް ހިމެނެ އެވެ.

ތުއްތު ކުދިންނާއި މައިންގެ ރައްކާތެރިކަމަށް ދުޅަހެޔޮ ޕްރޮގްރާމްތައް ވަރުގަދަކޮށް ބަލި މީހުންނާއި ސިއްހީ ޚިދުމަތް ދޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ޚިދުމަތުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފަހައްޓަން ވަނީ ނިންމައިފަ އެވެ.

ޕްލޭންގައި ބުނީ ތަމްރީން ލިބިފައިވާ ފޫޅުމައިންނާއި އެހެނިހެން އަސާސީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް މެދުވެރިކޮށް ވިހެއުމާއި ގުޅޭ އެންމެހައި އަސާސީ ހިދުމަތްތައް ސިއްހީ ދާއިރާގެ ހުރިހާ ހަރުފަތެއްގައި ވެސް ލިބޭން އިންތިޒާމް ހަމަަޖައްސާނެ ކަމަށެވެ.

ކޮންމެ ރަށެއްގައި ވެސް ގޭގެ އަށް ޒިޔާރަތްކޮށް، ހެލްތު ޗެކަޕް ހަދައިދީ އަދި ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ތަމްރީން ލިިބިފައިވާ ޚިދުމަތްތެރިން ހޯދާނެ ކަމަށް ޕްލޭންގައި ވެ އެވެ. އަސާސީ ބޭސްބޭހުގެ އަގު 2018 ވަނަ އަހަރާ އަޅާބަލާއިރު 33 ޕަސެންޓަށް ދަށްކުރުމާއި އާސަންދަ މެދުވެރިކޮށް މެންޓަލް ހެލްތާއި ގުޅުން ހުރި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަން ވެސް ވަނީ ވައުދުވެފަ އެވެ.

ހިތުގެ ބަލިތަކާއި ކެންސަރާއި ހަކުރު ބަލި ނުވަތަ ނޭވާލާ ނިޒާމުގެ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް 2018 ވަނަ އަހަރާ އަޅާބަލާއިރު 15 ޕަސެންޓަށް ދަށްކުރަން ވެސް ވަނީ އަމާޒު ހިފައިފަ އެވެ. މީގެ އިތުރުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ފެންމަތިވާ މައްސަލަތަކުގެ ތެރެއިން 75 ޕަސެންޓް މައްސަލަތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ބެލިފައިވުން ހިމެނެ އެވެ.

މަދުވެގެން ދެ ސަރަހައްދެއްގައި ސާމްޕަލް ޓްރާންސްފަ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ގައުމީ އެމްބިއުލަންސްގެ ޚިދުމަތެއް ގާއިމްކުރުން ވެސް ފަސް އަހަރުން ހާސިލްކުރާނެ ކަމަށް ޕްލޭންގައިވެ އެވެ.