Roadha Mihaaru

އެމްއެންޔޫގެ ފޮތް މައުރަޒު އޮންނާނީ ހެނދުނު 10 އިން ރޭގަނޑޫ 10 އަށް

އެމްއެންޔޫގެ ފޮތް މައުރަޒުގެ ވަގުތު އިތުރުކޮށްފި އެވެ.

އެމްއެންޔޫގެ ފޮތް މައުރަޒު ބާއްވާ ވަގުތު އިތުރުކޮށްފި
އަހުމަދު އަރުޝަމް
އަހުމަދު އަރުޝަމް

09 އޮކްޓޯބަރ 2022

އެމްއެންޔޫގެ ފޮތް މައުރަޒުގެ ވަގުތު އިތުރުކޮށްފި އެވެ.

އަންނަ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައި ބާއްވާ އެ ފޮތް މައުރަޒުގެ ވަގުތު އިތުރު ކުރީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.

ކުރިން ހަމަޖެއްސި ގޮތުން ނަމަ މައުރަޒު އޮންނީ މެންދުރުފަހު 2:00 އިން ފެށިގެންނެވެ. ނަމަވެސް، އެމްއެންޔޫ އިން ބުނީ މައުރަޒުގެ ވަގުތު އިތުރުކުރަން ނިންމީ އެ އަށް ލިބޭ ތަރުހީބުގެ ބޮޑުވުމުން ކަމަށެވެ.

އެމްއެންޔޫގެ ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުން އަދި ގަންނަ މީހުންގެ ބާޒާރެކެވެ.

އެއީ ދިވެހި ލިޔުންތެރިން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދޭން ލިބޭނެ ފުރުސަތެއް ކަމަށް އެމްއެންޔޫ އިން ބުނެ އެވެ.

މައުރަޒުގެ ސަބަބުން ދިވެހި ލިޔުންތެރިންގެ ހުނަރު އާންމުންނަށް ދައްކައިލެވޭނެ ކަމަށާއި ޝާއިއުނުކޮށް ހުރި އާ ފޮތްތައް ވެސް އާންމުންނަށް ފެންނާނެ މާހައުލެއް ލިބޭނެ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

ފޮތަށް އަހުލުވެރިކޮށް، ފޮތް ކިޔުމުގެ އާދަ އުފައްދައި ދެމެހެއްޓުމުގެ ޝައުގު އުފެއްދުމާއި ފޮތް ވިއްކަން ބޭނުން ލިޔުންތެރިންނަށް އެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް މައުރަޒގެ އަމާޒެއް ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް މި އަހަރުގެ މައުރަޒުގައި ވެސް ހިލޭ ބައިވެރިވެވޭނެ އެވެ. މައުރަޒަށް ޒިޔާރަތް ކުރާކަށް އެއްވެސް ފީ އެއް ނުނަގާނެ އެވެ.

މި އަހަރުގެ މައުރަޒުގައި 22 ފަރާތަކުން ބައިވެރިވެ އެވެ.