އާ އަހަރާއި ސަރުކާރު ބަންދުތަކާ ދިމާކޮށް، މާލެ އާއި ރަށްރަށުގައި ރާއްޖޭގައި އެންމެ ފުޅާކޮށް އޮންނަނީ ބަނގުރަލުގެ ވިޔަފާރި އެވެ. ފެން އުފުލާހެން ކޮނޑުގައި ޖަހައިގެން އުފުލާ އެއްޗަކަށް ބަނގުރާ ވެއްޖެ އެވެ. ހުރިހާ ސަރުކާރުތަކުން ފަރުވާ ކުޑަކޮށްފައި އެވަނީ އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ ޖަރީމާއަކަށެވެ.
26 އޮކްޓޯބަރ 2022
އާ އަހަރާއި ސަރުކާރު ބަންދުތަކާ ދިމާކޮށް، މާލެ އާއި ރަށްރަށުގައި ރާއްޖޭގައި އެންމެ ފުޅާކޮށް އޮންނަނީ ބަނގުރަލުގެ ވިޔަފާރި އެވެ. ފެން އުފުލާހެން ކޮނޑުގައި ޖަހައިގެން އުފުލާ އެއްޗަކަށް ބަނގުރާ ވެއްޖެ އެވެ. ހުރިހާ ސަރުކާރުތަކުން ފަރުވާ ކުޑަކޮށްފައި އެވަނީ އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ ޖަރީމާއަކަށެވެ.
މަސްތުވާތަކެއްޗަށް ހަރުކަށި އަދަބުތަކާއި ބޮޑެތި ޖޫރިމަނާތައް ހިމަނައިގެން ބޮޑު ގާނޫނެއް ފާސް ކުރިޔަސް، ބަނގުރަލުގެ މައްސަލަތަކަކީ އެއްވެސް ސަރުކާރަކަށް މާ ބޮޑު ކަމަކަށް ނުވެ އެވެ. ބަނގުރާ ބުއިމުގެ އަސާސީ އަދަބެއްގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި އޮންނަނީ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.
ކުށަށް އެއްބަސްވެއްޖެ ނަމަ، 27 ދުވަހުގެ ޖަލު ހުކުމަކަށް އަދަބު ކުޑަވެ އެވެ. ޖޫރިމަނާއަކަށް ބަދަލުކޮށްފި ނަމަ، އެއީ 5،400ރ. އެވެ. ދެން އޮންނަނީ އިސްލާމީ ޝަރީއަތުގައި އޮންނަ 40 އެތިފަހަރުން ހައްދު ޖެހުމެވެ. އެކަމަކު ޑްރަގެއް ބޭނުންކޮށްފި ނަމަ މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ.
ބަނގުރާ ގެންގުޅުމުގެ މައްސަލަތަކުގައި ކުރަނީ ކުށެއް ކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ދައުވާ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. އަދި ކުށަށް އެއްބަސްވެއްޖެ ނަމަ، އަދަބުގެ މިންވަރު ތިން މަހާއި 18 ދުވަހަށް ޖަލަށްލުމެވެ. ޖޫރިމަނާއަކަށް ބަދަލުކުރާ ނަމަ، 21،000ރ. އެވެ.
"ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ އެހާ ލުއި އަދަބެއް އޮންނާތީ"
ބައެއް މައްސަލަތަކުގައި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ކުރެ އެވެ. މީގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. އަދި އެއްބަސްވެއްޖެނަމަ، އެއް މަހާއި 24 ދުވަހެވެ. ޖޫރިމަނާ އަށް ބަދަލުކުރުމުން 10،600ރ. އެވެ.
މިދިޔަ އަހަރު 400 އަށް ވުރެ ގިނަ ބިޔަރު ދަޅާއި ބަނގުރާ ފުޅި މާލެ އެތެރެ ކުރަނިކޮށް އަތުލައިގަތް މީހަކަށް ވެސް ދާދިފަހުން އައީ 7،800ރ. ގެ ޖޫރިމަނާ އެކެވެ. އެއީ އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އެވެ.
ފުލުހުންގެ ވެސް ކަންބޮޑުވުމަކީ ބަނގުރަލުގެ މައްސަލަތަކުގައި ފުލުހުން ކިތަންމެ ސީރިއަސްކޮށް ދެކި، ގާނޫނު ސީރިއަސް ނުވާތީ އެވެ. ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއްގެ އަގުހުރި އެތައް ހާސް ފުޅިއެއްގެ ބަނގުރަލާއި ބިޔަރު ދަޅު ފުލުހުންގެ އޮޕަރޭޝަންތަކުގައި އަތުލައިގަނެ، ނައްތާލަ އެވެ.
"ބަނގުރާ ވިޔަސް އެ ވާނީ ހަމަ މަސްތުވާން ބޭނުންކުރާ އެއްޗަކަށް ދެއްތޯ. އަޅުގަނޑުމެން ފަދަ އިސްލާމީ ގައުމެއްގައި އެހާ ލުއިކޮށް ނެގިގެންވާނެ ކަންކަމެއް ނޫން އެއީކީ." ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ގެ ފަރާތުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒް ވިދާޅުވި އެވެ.
އަތުލައިގެންފައިވާ ބަނގުރާ ފުޅިތަކެއް --- ފޮޓޯ/ޕޮލިސް
"އަޅުގަނޑުމެންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ އެހާ ލުއި އަދަބެއް އޮންނާތީ. ގާނޫނު ފަހުން އިސްލާހު ކުރިއިރު އެ އަދަބު އެގޮތަށް މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ގާނޫނު އޮންނަ ގޮތުން ބާވަތާއި ބަރުދަނަށް ބަލައިގެން އަދަބުގެ މިންވަރު ބޮޑުވެ އެވެ. މިސާލަކަށް، 10 ގްރާމަށް ވުރެ ގިނައިން ކެނަބިސް ނުވަތަ ޑައިމޯފިންގެ ނަމަ، 14 ގްރާމަށް ވުރެ ގިނައިން ގެންގުޅެފިނަމަ، އެންމެ ކުޑަ އަދަބަކީ ވެސް އުމުރު ދުވަހުގެ ޖަލަށްލުމާ އެކު، 100،000ރ. ގެ ޖޫރިމަނާ އެކެވެ. އެ ތަކެތި ގެންގުޅުނީ އަމިއްލައަށް ބޭނުން ކުރަން ކަމަށް ވިޔަސް ބަރުދަން ހަމަވާނަމަ، އެ އަދަބުން ސަލާމަތެއް ނުވާނެ އެވެ.
އެކަމަކު ވިޔަފާރި ކުރުމަށްޓަކައި ބަނގުރާ ކޭސްކޭސް ކޮނޑުގައި ޖަހައިގެން މަގުމަތިން ދަނިކޮށް އަތުލައިގަތަސް، ގާނޫނުލް އުގޫބާތު އޮންނަ ގޮތުން އަދަބު ބޮޑެއް ނުވެ އެވެ. އަސާސީ މިންގަނޑަށް ވުރެ އަދަބު ބޮޑުކުރަން ދައުލަތުން އެދިފައެއް ވެސް ނޯވެ އެވެ. ބަނގުރާ ކޭސް ވެހިކަލްތަކަށް އަރުވައިގެން ދިޔަޔަސް، އަނެއް ބަޔަކު ގޭގެ ކޭސްތައް ގުދަން ކޮށްފައި ހުއްޓަސް، އަދަބަކީ ގިނަވެގެން ހަތަރު މަހެވެ.
"ހަމައެކަނި ރަލުގެ ލައިސަންސެއް ނޫން. ރިސޯޓް ހިންގުމުގެ ލައިސަންސް ވެސް ސަސްޕެންޑް ކުރަންވީ. އޭރުން މިކަން ހައްލުވާނީ."
ފުލުހުން ވެސް ދެކޭ ގޮތުގައި ބޮޑެތި އަދަދުތަކުން ބަނގުރާ ގެންގުޅޭ މީހުންނަށް އަދަބު ބޮޑު ކުރެވޭނެ އުސޫލެއް އޮންނަން ޖެހެ އެވެ.
"މިސާލަކަށް ރާ ތަށްޓެއް ނުވަތަ އެންމެ ފުޅިއެއް ގެންގުޅޭ މީހާ އާއި ގިނަ އަދަދަކަށް އެ ތަކެތި ގެންގުޅޭ މީހާގެ އަދަބު ތަފާތު ވާންޖެހޭނެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި މި އޮންނަ ގޮތަށް، އަދަބު ބޮޑުވާން ޖެހޭނެ ވަކި ވަރަކަށް ވުރެ ގިނައިން ގެންގުޅޭނަމަ." ފާއިޒް ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ހިލާފަށް ބަނގުރަލަކީ ޚާއްސަ ހުއްދައެއްގެ ދަށުން ރިސޯޓްތަކާއި ސަފާރީތަކުގައި ޓޫރިސްޓުންނަށް އެކަނި ޚިދުމަތް ދިނުމަށްޓަކައި އެތެރެކުރެވޭ އެއްޗެކެވެ. އާންމުންގެ ތެރެއަށް މި ތަކެތި ދޫވަނީ މި ނިޒާމުގެ ތެރެއިން ކަމަށް ވިޔަސް، ހުއްދަ އޮންނަ ފަރާތަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅެއް ނޭޅެ އެވެ. ދައުލަތަށް ކުރެވޭ ހަމައެކަނި ކަމަކީ އެ މީހުން ލައިސަންސް ބާތިލް ކުރުމާއި ޖޫރިމަނާ ކުރުމެވެ.
"ހުއްދަ ދީފައިވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކަށް އަޅުގަނޑުމެން ފޮނުވަން އަބަދުވެސް." އޭނާ ވިދާޅުވި އެވެ.
ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު
ހުއްދަ އޮންނަ ބައެއް ފަރާތްތަކާ މެދު ޝައްކު ކުރެވޭ ކަންކަން ފުލުހުންނަށް އެތައް ފަހަރަކު ފެނެ އެވެ.
"ހަމައެއްގޮތަކަށް ވެސް ޓޫރިސްޓުންނަށް ހިދުމަތް ނުދޭ ތަންތަނުގައި ރާ ގެންގުޅޭ ކަމަށް އެބަ ފާހަގަވޭ." އޭނާ ވިދާޅުވި އެވެ.
ޖިނާއީ އަދުލުގެ ނިޒާމުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މައްސަލައަކީ ރާ ގެންގުޅުމުގެ ހުއްދަ އޮންނަ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅުތައް ސަރުކާރަށް ނޭޅޭތީ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ ކަންކަމުގައި، ރަލާއި އެއާ ގުޅޭ ވިޔަފާރި ލައިސަންސްތައް ވެސް ހިފަހައްޓަންޖެހެ އެވެ.
"ހަމައެކަނި ރަލުގެ ލައިސަންސެއް ނޫން. ރިސޯޓް ހިންގުމުގެ ލައިސަންސް ވެސް ސަސްޕެންޑް ކުރަންވީ. އޭރުން މިކަން ހައްލުވާނީ." އޭނާ ވިދާޅުވި އެވެ.
ރާއްޖެ އެތެރެކުރާ ބަނގުރަލުގެ ހުރިހާ ބާވަތެއް ދޫކުރަނީ އެއާޕޯޓުގައި ހުންނަ ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް މެދުވެރިކޮށެވެ. ބޮންޑެޑް ވެއާ ހައުސްއިން ނެރެގެން ރިސޯޓްތަކާއި ސަފާރީ ނޫން ތަނަކަށް ގެންދިއުން މަނަލެވެ. އެ ތަކެތި ގެންދެވެނީ ވެސް ކަސްޓަމްސުން ކަނޑައަޅާފައިވާ އުސޫލެއްގެ ތެރެއިންނެވެ.
އެކަމަކު މިހާ ފަސޭހައިން މި ތަކެތި އާންމުންގެ ތެރެއަށް ދޫވާނީ ޔަގީނުން ވެސް ކޮންމެ ބާގަނޑެއް އޭގެ ތެރޭގައި އޮވެގެންނެވެ.
މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި ގޮތުގައި ކަސްޓަމްސްއިން ރިސޯޓްތަކާއި ސަފާރީތަކަށް ރާ ދޫކުރަނީ ޓްރެކިން ޑިވައިސްތައް ހަރުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ކަމަށް ވިޔަސް، ބައެއް ފަހަރު އާންމު ސަރަހައްދުތަކަށް ވެސް އެ ތަކެތި ގެންދެ އެވެ.
"ބޮންޑެޑް ވެއާހައުސް އިން ދޫކުރަނީ ވެސް ޓްރެކިން ޑިވައިސް ހަރުކޮށްފައި. އެކަމަކު ބައެއް ފަހަރު ދާންޖެހޭ ތަނަށް އެ ތަކެތި ނުދާ ހާލަތުގައި ވެސް އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ އެބަހުރި." އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ފަދަ "ވަރުގަދަ ހަނގުރާމައެއް" ބަނގުރަލާ ދެކޮޅަށް މިހާތަނަށް ކުރެވިފައެއް ނެތެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކުރާ ފަދަ އުސޫލުން ބަނގުރަލުގެ މައްސަލަތަކާ މެދު އަމަލުކޮށްގެން ނޫން ގޮތަކަށް މިކަމަށް ހައްލެއް ގެނެވޭނެ ކަމަކަށް ނުފެނެ އެވެ.
ޖޫރިމަނާހޯދުމުގެ ނިޒާމެއް ޑްރަގް ޑީލަރުންނަށް ނުހިނގާ!
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު މީހަކަށް ޖޫރިމަނާ
ދެ ކިލޯ ޑްރަގް: ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި
ވަންވޭ ފަޅާފައި ދުއްވަނިކޮށް ހުއްޓުވިއިރު ފެނުނީ ޑްރަގް
ގަންނަ މީހާއަށް އުމުރު ދުވަސް، ވެރިންނަށް 1 ދުވަސް!
ޖިންސީ ގުނަވަނުގައި ޑްރަގް ފޮރުވައިގެން އުޅުމުން ޖަލަށް
ޑްރަގް ޑީލަރުން ޗޭނުޖަހަން ސުޕްރީމް ކޯޓުން ގޯހެއް؟
ޑްރަގް އުފުލާ މީހާގެ ސޮއި ވެސް ޗެއިންގައި އޮންނަންޖެހޭ
ބަނގުރަލާއެކު 200،000ރ. ހޯދައިިފި