Roadha Mihaaru
މުސާރަ ނުދޭ ވާހަކަ ބާއްވާފައި ކޯޗު އާ އެއްބަސްވުމަކަށް

މުސާރަ ނުދޭ ވާހަކަ ބާއްވާފައި މޮރިއޭރޯ ކޮންޓްރެކްޓް އާ ކޮށްފި

11 އޮކްޓޯބަރ 2022

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް މުސާރަ ނުދެވޭ ކަމަށް ދެކެވޭ ވާހަކަތައް އެއްފަރާތް ކުރުމަށް ފަހު، ރާއްޖޭގެ ކޯޗު ކަމުގައި އިތުރު އަހަރަކަށް ދެމިހުރުމަށް އޭނާ އެއްބަސްވުން އާ ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް މުސާރަ ނުދެވޭ ކަމަށް ދެކެވޭ ވާހަކަތައް އެއްފަރާތް ކުރުމަށް ފަހު، ރާއްޖޭގެ ކޯޗު ކަމުގައި އިތުރު އަހަރަކަށް ދެމިހުރުމަށް އޭނާ އެއްބަސްވުން އާ ކޮށްފި އެވެ.

މިދިޔަ އަހަރު، އޭނާ އާއެކު އެފްއޭއެމުން ހެދި އެއްބަސްވުން، މިދިޔަ މަހު 30 ގައި ވަނީ ހަމަވެފަ އެވެ. އިޓަލީގެ އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރު، މޮރިއޭރޯ އާއެކު އެއްބަސްވުން އާ ކޮށްފައިވާކަން އެފްއޭއެމުން އިއުލާން ކުރި އެވެ.

މޮރިއޭރޯ އަށް 10 މަހުގެ މުސާރަ ނުދޭ ވާހަކަ ވަނީ ފެތުރިފަ އެވެ. އެ ވާހަކަ އެންމެ ފުރަތަމަ ފެންމަތި ކުރީ، ރާއްޖޭގެ އެސިސްޓެންޓް ކޯޗަކަށް މޮރިއޭރޯގެ ލަފާގެ މަތިން ގެނައި ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އެވެ. މޮރިއޭރޯ އަށް މުސާރަ ދީފައި ނުވާކަން ވަނީ ކަށަވަރު ވެފަ އެވެ. ޖެނުއަރީ މަހު ރާއްޖޭގެ އެސިސްޓެންޓް ކޯޗު ކަމާ ހަވާލުވި ސިމާއޯ އަށް ވެސް މުސާރަ ނުދީގެން އޭނާ ވެސް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ. ޖޫން މަހުގެ ނިޔަލަށް އޭނާ އަށް ދޭން ޖެހޭ މުސާރަ ދީފައެއް ނުވެ އެވެ.

ލަންކާގައި ކުޅުނު މަހިންދަރާޖަޕަކުސަ މުބާރާތުގެ ތެރެއިން މޮރިއޭރޯ: އެ މުބާރާތުގައި އެއް ވެސް މެޗަކުން ރާއްޖެ މޮޅެއް ނުވި --- ފޮޓޯ: އެފްއޭއެމް

ލަންކާގައި ކުޅުނު މަހިންދަރާޖަޕަކުސަ މުބާރާތުގެ ތެރެއިން މޮރިއޭރޯ: އެ މުބާރާތުގައި އެއް ވެސް މެޗަކުން ރާއްޖެ މޮޅެއް ނުވި --- ފޮޓޯ: އެފްއޭއެމް

ގައުމީ އަންހެން ޓީމަށް، ޖެނުއަރީ މަހު ހަމަޖެއްސި ކޯޗު ސާބިއާގެ ޑޭވޯ ބާބާ އަށް ވެސް ހަ މަހުގެ މުސާރަ ނުދީގެން އޭނާގެ ފަރާތުން ފީފާ އަށް ހުށަހެޅި މައްސަލަ އާ ގުޅިގެން އޭނާ އަށް ވެސް ބަދަލު ދިނުމަށް ފީފާއިން އެފްއޭއެމް އަށް އެންގި އެވެ. އެ ފައިސާ ޑޭވޯ އަށް ދިނުމަށް، ފީފާއިން އެފްއޭއެމް އަށް ދިން 45 ދުވަހުގެ މުހުލަތު ވަނީ ހަމަވީ އިރު ވެސް އެފްއޭއެމުން އެ ފައިސާ ދައްކާފަ އެއް ނުވެ އެވެ.

ގައުމީ ފިރިހެން ޓީމުގެ ކޯޗު ކަމަށް މޮރިއޭރޯ ހަމަޖެއްސީ، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ކުރިންނެވެ. އެކަމަކު ޓީމާ ހަވާލުވާން އޭނާ ރާއްޖެ އައީ ސާފް ޗެމްޕިއަންޝިޕަށްފަހުގަ އެވެ. އެ މުބާރާތުގައި ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން އެވެ.

މޮރިއޭރޯގެ ކޯޗު ކަމުގެ ދަށުން ރާއްޖެއިން ކުޅުނު ފުރަތަމަ މުބާރާތް، ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކުސަ މުބާރާތުގައި ދިވެހި ޓީމަށް ކުރިމަތިވީ ނާކާމިޔާބެވެ. ކުޅުނު އެއް ވެސް މެޗަކުން ޓީމު މޮޅެއް ނުވި އެވެ. އެ މުބާރާތުގައި ބަންގަލަދޭޝް އާ ދެކޮޅަށް ކުޅެ 18 އަހަރު ފަހުން އެ ގައުމު އަތުން ރާއްޖެ ބަލިވި އެވެ.

ރާއްޖެ ކުޅުނު މެޗެއްގައި މޮރިއޭރޯ (ކ) ކުޅުންތެރިންނަށް އިރުޝާދު ދެނީ --- ފައިލް ފޮޓޯ: އެފްއޭއެމް

ރާއްޖެ ކުޅުނު މެޗެއްގައި މޮރިއޭރޯ (ކ) ކުޅުންތެރިންނަށް އިރުޝާދު ދެނީ --- ފައިލް ފޮޓޯ: އެފްއޭއެމް

އެކަމަކު މާޗް މަހު ބަންގްލަދޭޝް އާ ދެކޮޅަށް މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުން 2-0 ން ރާއްޖެ މޮޅުވި އެވެ. އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ލަންކާ އަތުން މޮޅުވި އެވެ. އެކަމަކު އުޒްބެކިސްތާނާއި ތައިލެންޑް އަތުން ބަލިވީ އެވެ.

މިދިޔަ މަހު ބުރުނާއި ދާރުއްސަލާމްގައި އެ ގައުމުގެ އިތުރުން ރާއްޖެ އާއި ލާއޯސް ވެސް ވާދަކުރި އިންޓަނޭޝަނަލް މެޗުތަކުގެ ސީރީޒްގައި އެ ދެ ޓީމުގެ މައްޗަށް ވެސް ރާއްޖެއިން ކާމިޔާބު ހޯދި އެވެ.

ރާއްޖޭގެ ކޯޗު ކަމާ ހަވާލުވުމުގެ ކުރިން މޮރިއޭރޯ، 52، އެންމެ ފަހުން މަސައްކަތް ކުރީ އަލްބޭނިއާގެ ޑައިނަމޯ ޓިރަނާގަ އެވެ. އެ ވާޒީފާއިން ވަކިވެ ރާއްޖޭގެ ކޯޗުކަން ލިބެންދެން ކޯޗުގެ ވަޒީފާއެއް ނެތި އޭނާ ދެ އަހަރު ހޭދަ ކުރި އެވެ. ގައުމުން ބޭރުގައި އޭނާގެ ފުރަތަމަ ތަޖުރިބާ އަކީ އައިވަރީ ކޯސްޓްގެ ކްލަބް، އެފްރިކާ ސްޕޯޓްސްގައި ކުރި މަސައްކަތެވެ. އޭނާ ވަނީ އިޓަލީގެ ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަން ކަމަށްވާ، ސެރީ ބީ އަދި ސެރީ ސީގެ ކްލަބުތަކުގައި މަސައްކަތް ކޮށްފަ އެވެ. އަދި ސްވިޒަލެންޑްގެ ކްލަބު ލުގާނޯ އަށް ވެސް ކޯޗު ކޮށްދިނެވެ.