Roadha Mihaaru
ސާފަށް ދެކޯޗެއްގެ ތައްޔާރުވުން؛ މޮރިއޭރޯ އާއި އުރްބާނީ

ސާފް ޗެމްޕިއަންޝިޕަށް ދެ ކޯޗެއްގެ ތައްޔާރުވުން؛ މޮރިއޭރޯ އާއި އުރްބާނީ

25 ޖޫން 2023

ބަންގްލަދޭޝްގައި 2009 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް، ރާއްޖޭގެ ޓީމު ތައްޔާރުކުރަން އޭރުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ ވަރުގަދަ ޕްލޭނެއް ހެދި އެވެ. އެކުވެރިކަމުގެ މެޗުތަކާއި އެ މެޗުތަކުގައި ޓީމު ރޮޓޭޓްކުރާނެ ގޮތެއް ވެސް އޭނާ ކަނޑައެޅި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބަންގްލަދޭޝްގައި 2009 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް، ރާއްޖޭގެ ޓީމު ތައްޔާރުކުރަން އޭރުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ ވަރުގަދަ ޕްލޭނެއް ހެދި އެވެ. އެކުވެރިކަމުގެ މެޗުތަކާއި އެ މެޗުތަކުގައި ޓީމު ރޮޓޭޓްކުރާނެ ގޮތެއް ވެސް އޭނާ ކަނޑައެޅި އެވެ.

ބަހުރޭނުގައި 10 ދުވަހު ކުރިއަށްގެން ދިޔަ ޓްރޭނިން ކޭމްޕްގައި އެ ތަނުގެ ކްލަބްތަކާ ދެކޮޅަށް ހަތް މެޗު ކުޅުނެވެ. ދެން ޓީމު މެލޭޝިއާ އަށް ގޮސް އެ ގައުމުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެ އެ ޓީމު ބަލި ކުރި އެވެ. އަދި އޭގެ ފަހުން މެލޭޝިއާގެ ޓޮޕް ދެ ކްލަބާ ދެކޮޅަސް ދެ މެޗު ކުޅުނެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާންވެގެން ގައުމީ ޓީމުން ދޮޅު މަސް ދުވަހުގެ ޓްރޭނިން ކުރިއަށް ގެންދިޔަ އެވެ. ޖަޕާނުގައި 10 ދުވަސް ކޭމްޕްގައި ހޭދަ ކުރި އެވެ. އެކުވެރިކަމުގެ މެޗެއް ނުކުޅެ އެވެ. ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ، ޕްރީ ޓޯނަމެންޓް ޕްރެސް ކޮންފަރެންސްގައި ބުނީ މުބާރާތަށް ހާއްސަކޮށް މެޗެއް ނުނުކުޅުނު ނަމަވެސް ކުރިން ކުޅެފައި ހުރި މެޗުތަކުގައި ނަތީޖާ ނެރެފައިވުމުން ޓީމަށް އިތުބާރު އެބައތް ކަމަށެވެ.

ގައުމީ ޓީމުގެ މައުލޫމާތު އެނގޭ މީހަކު ބުނީ އެކުވެރިކަމުގެ މެޗެއް ކުޅެން މޮރިއޭރޯ ބޭނުން ނުވީ ކަމަށެވެ. މުބާރާތަށް ޓީމު ދިޔައިރު ޓީމުގެ ފެންވަރު ވަޒަންކޮށް ނުލެވުމުން ފުރަތަމަ މެޗުގައި އެ މައްސަލަ ކުރިމަތިވި ކަމަށް ތަޖުރިބާކާރުން ބުންޏެވެ. އެކަމަކު ޖަޕާނު ކަހަލަ ފުޓްބޯޅައިގެ ވަސީލަތް ގައުމެއްގައި އެތަނުގެ ކްލަބްތަކާ ދެކޮޅަށް ވެސް މެޗުތަކެއް ކުޅުނުނަމަ ފުރަތަމަ މެޗުގައި ކުރިމަތިވި މައްސަލަތައް ކުޑަ ކުރެވުނީސް ކަމަށް ކުރިން ވާހަކަ ދެއްކި ކުޅުންތެރިޔާ ބުންޏެވެ.

އުރުބާނީގެ ޓްރޭނިން ސެޝަނެއްގައި ގައުމީ ޓީމު ވޯމްއަޕް ކުރަނީ: އޭނާ އަކީ ރާއްޖެ އައި އެންމެ މޮޅު ޓްރޭނަރުކަމަށް ކުރީގެ ކުޅުންތެރިން ބުނޭ

އުރުބާނީގެ ޓްރޭނިން ސެޝަނެއްގައި ގައުމީ ޓީމު ވޯމްއަޕް ކުރަނީ: އޭނާ އަކީ ރާއްޖެ އައި އެންމެ މޮޅު ޓްރޭނަރުކަމަށް ކުރީގެ ކުޅުންތެރިން ބުނޭ

އުރްބާނީގެ ތަފާތަކަށްވީ މުބާރާތުގެ ކުރިން ޓީމު ދެނެގަންނަން އޭނާ ކުރި މަސައްކަތެވެ. ގިނަ މެޗުތަކެއް ކުޅެ މުބާރާތް އައިރު ޓީމު އޮތީ ރަނގަޅު ހާލަތެއްގަ އެވެ.

"ދިހަ ދުވަސްތެރޭ ހަތް މެޗު. ހެނދުނު ޕްރެކްޓިސްކޮށްފައި ހަވީރު މެޗު. އެއް ދުވަހު ކުޅުނު ފުރަތަމަ 11 އެއް ނޫން އަނެއް ދުވަހު ކުޅޭނީ. އެގޮތަށް ކޯޗު ދިޔައީ އެ މެޗުތަކުގައި ޓީމު ރޮޓޭޓް ކުރަމުން،" އޭރު ގައުމީ ޓީމަށް ކުޅުނު މިހާރު ކުޅުން ހުއްޓާލާފައިވާ ކުޅުންތެރިޔަކު ބުންޏެވެ.

"ޓްރޭނިން ނިންމާލާފަ އައިސް ރޫމަށް ވަދެފަ. ރޫމް ޝެއާ ކުރާ އަނެއް ކުޅުންތެރިޔާއާ ވާހަކަ ދައްކަން ތިބޭނެހޭ ވަގުތެއް ނޯވޭ. އަންނަ ގޮތަށް ނިދެނީ. އަނެއްކާ ހޭލައިގެން ތައްޔާރުވެގެން ބަހަށް އަރައިގެން ދަނޑަށް."

އޭރު ގައުމީ ޓީމަށް ކުޅުނު އެހެން ކުޅުންތެރިޔަކު ބުނީ ގައުމީ ޓީމަށް އައި އެންމެ މޮޅު ޓްރޭނަރަކީ އުރްބާނީ ކަމަށެވެ.

ގައުމީ ޓީމުގެ މިހާރުގެ ކޯޗު މޮރިއޭރޯ ޓީމުގެ ޓްރޭނިން ކޭމްޕްގައި ވަގުތު ލިބުނު އިރު ވެސް އޭނާގެ ތައްޔާރީތަކުގައި މައްސަލަ އުޅޭކަމަށް ތަޖުރިބާކާރުން ބުނޭ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގައުމީ ޓީމުގެ މިހާރުގެ ކޯޗު މޮރިއޭރޯ ޓީމުގެ ޓްރޭނިން ކޭމްޕްގައި ވަގުތު ލިބުނު އިރު ވެސް އޭނާގެ ތައްޔާރީތަކުގައި މައްސަލަ އުޅޭކަމަށް ތަޖުރިބާކާރުން ބުނޭ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ ދަތުރު ކުރި އެވެ. ފައިނަލުގައި 120 މިނެޓް ހިފަހައްޓާލަން ޖެހުނު އިރު ވެސް ކުޅުންތެރިންގެ ބުންވަރު ހުރި ކަމަށް އޭނާ ބުންޏެވެ.

"އަނެއްކާ ހަބޭހަށް ގޭމްގަނޑު ކުޅެފަ. އިންޑިއާ އަށް ޑިފެންސް ކުރަން މަޖުބޫރުވާރވަރަށް އެޓޭކްތައް ކޮށްފައި އޮންނާނީ،" ލަންކާގައި 2012 ގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތް ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމަށް ކާމިޔާބުކޮށް ދިން އުރުބާނީގެ ޕްލޭންތަކާ ބެހޭގޮތުން އޭރު ސީނިއާ ޓީމުގެ ކުޅުންތެރިޔަކު ބުންޏެވެ.

އުރްބާނީ ރާއްޖޭގައި މަސައްކަތް ކުރި ދުވަސްވަރު، ރާއްޖޭގެ ކްލަބްތައް ވަރުގަދަ އެެވެ. ދުރާލައި ޕްރީ ސީޒަން ފަށައި ޓީމުތައް ތިބެނީ ސީޒަނަށް ތައްޔާރުވެގެންނެވެ. އެކަމަކު މިހާރު ރަނގަޅު ޕްރީ ސީޒަނެއް ގިނަ ކްލަބްތަކަކުން ނުހަދަ އެވެ.

"އޭގެ އަސަރު ގައުމީ ޓީމަށް ނުކޮށް ނުދާނެ،" ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.

އޭނާ ބުނީ މިހާރު އާންމުން ދިވެހި ފުޓްބޯޅަ ބަލަނީ ހަމައެކަނި ސާފް ޗެމްޕިއަންޝިޕްގައި ކަމަށެވެ. ކްލަބްތަކުގެ ހާލަތާއި ފުޓްބޯޅަ ވެއްޓިފައި އޮތް މަރުހަލާއާ މެދު އާންމުން މިހާރު ސަމާލުކަމެއް ނުދޭ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖެއިން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މިއީ މޮރިއޭރޯ ގައުމީ ޓީމަށް ކޯޗުކޮށްދޭ ނުވަވަނަ މެޗެވެ. މެޗު ފަށާނީ ރާއްޖޭގަޑިން މެންދުރު ފަހު 3 ޖަހާއިރު އެވެ.