Roadha Mihaaru
ދަށް ކުޅުމެއް، ކޯޗަށް ޓާގެޓް ވެސް ހާސިލް ނުކުރެވުނު

ދަށް ކުޅުމެއް، ކޯޗަށް ޓާގެޓް ވެސް ހާސިލް ނުކުރެވުނު

15 ޑިސެމްބަރ 2022

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ މެލޭޝިއާ އަތުން ރާއްޖެ 3-0 ބަލިވި މެޗު ކުޅުމުގެ ކުރިން ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނީ ބަލިވުން މައްސަލައެއް ނޫން ކަމަށާއި އޭނާ އިސްކަން ދެނީ ރަނގަޅު ގޭމެއް ކުޅެން ކަމަށެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ މެލޭޝިއާ އަތުން ރާއްޖެ 3-0 ބަލިވި މެޗު ކުޅުމުގެ ކުރިން ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނީ ބަލިވުން މައްސަލައެއް ނޫން ކަމަށާއި އޭނާ އިސްކަން ދެނީ ރަނގަޅު ގޭމެއް ކުޅެން ކަމަށެވެ.

އެކަމަކު ރޭ ރާއްޖެ އަށް ރަނގަޅު ޝޮޓެއް ވެސް ނެހެދުނެވެ. އެކަށީގެންވާ ޕާސިން ގޭމެއް ވެސް ނުކުޅެވުނެވެ.

ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމަށް ކުޅުނު ކުރީގެ ކުޅުންތެރިޔަކު ބުނި ގޮތުގައި އެ މެޗަކީ މިހާތަނަށް ރާއްޖޭގެ ޓީމުން ކުޅުނު އެންމެ ފެންވަރު ދަށް މެޗު ކަމަށެވެ.

ފުޓްބޯޅައިގެ ތަޖުރިބާކާރު އެހެން މީހަކު ބުނި ގޮތުގައި މިދިޔަ ހަތްވަރަކަށް އަހަރަށް ބެލިޔަސް މިހާ ދަށް ކުޅުމެއް ރާއްޖޭގެ ޓީމަކުން ނުފެންނަ ކަމަށެވެ.

މެލޭޝިއާ އާ ދެކޮޅަށް ރޭ، ރާއްޖެއިން ކުޅުނު މެޗުގެ ތެރެއިން މެޗުން ރާއްޖެ ބަލިވީ 3-0 ން --- ފޮޓޯ: އެފްއޭއެމް

މެލޭޝިއާ އާ ދެކޮޅަށް ރޭ، ރާއްޖެއިން ކުޅުނު މެޗުގެ ތެރެއިން މެޗުން ރާއްޖެ ބަލިވީ 3-0 ން --- ފޮޓޯ: އެފްއޭއެމް

"މިދިޔަ ހައެއް ނުވަތަ ހަތް ވަރަކަށް އަހަރުތެރޭ ގައުމީ ޓީމު ކުޅުނު ހުރިހާ މެޗެއް ކަހަލަގޮތަކަށް އަހަންނަށް ހުންނާނެ ބެލިފަ. މިރޭ (ރޭ) ގެ މެޗަކީ މިދިޔަ ހަތް ވަރަކަށް އަހަރުތެރޭ އަހަންނަށް ފެނުނު އެންމެ ދަށް މެޗު،" އޭނާ ބުންޏެވެ.

"ކުޅުންތެރިންގެ ޕޮޒިޝަންތައް ވެސް ގޯސް. އެ މީހުންނަށް [މެލޭޝިއާގެ ޓީމަށް] ބޯޅަ ލިބޭއިރު ރާއްޖޭގެ ކުޅުންތެރިޔަކު އެކަށީގެންވާ ވަރަށް ޕްރެސް ވެސް ކޮށްނުލާ. އިދިކޮޅު ކުޅުންތެރިޔާ އަތުގައި ބޯޅަ އޮންނައިރު ކައިރިވާ ރާއްޖޭގެ ކުޅުންތެރިޔާ އާ ދެމެދު ވެސް ވަރަށް ބޮޑު ދުރުމިނެއް ހުރޭ."

ރާއްޖޭގެ ޓީމުން މެލޭޝިއާގެ މެޗަށް ދިޔައީ މޭލާގައި 20 ދުވަހު ތަމްރީން ހެދުމަށް ފަހު ކަމަށް މެޗުގެ ކުރިން މޮރިއޭރޯ ބުންޏެވެ. ރާއްޖޭގެ ޓޮޕް ޑިވިޝަން ނިމިފައި ވުމުން ކުޅުންތެރިން، ކްލަބް ފުޓްބޯޅައާ ދުރުގައި ގާތްގަނޑަކަށް ހަތަރު މަސް ވޭތުކޮށްފި އެވެ.

އެކަމަކު "މިހާރު" އާ ވާހަކަ ދެއްކި އެހެން ކޯޗަކު ބުނީ މީގެ ކުރިން ވެސް ގައުމީ ޓީމު މެޗުތަކަށް ތައްޔާރުވާން ލީގު، ދިގު މުއްދަތަކަށް މެދު ކަނޑާލާ ކަމަށެވެ. ފުޓްބޯޅަ ސީޒަން ކުރިއަށް ނުދާތީ ގައުމީ ޓީމަށް އަސަރު ކުރާ ވާހަކަ ދެއްކުން މިހާރު އިންސާފުވެރި ނޫން ކަމަށް އޭނާ ބުންޏެވެ.

ޓީމުގެ ޓްރޭނިންގައި މޮރިއޭރޯ: ޓީމުގެ ކުޅުމާ މެދު ބޮޑެތި ފާޑުކިޔުންތައް އެބަހުރި --- ފޮޓޯ: އެފްއޭއެމް

ޓީމުގެ ޓްރޭނިންގައި މޮރިއޭރޯ: ޓީމުގެ ކުޅުމާ މެދު ބޮޑެތި ފާޑުކިޔުންތައް އެބަހުރި --- ފޮޓޯ: އެފްއޭއެމް

"އޭރު ވެސް ގައުމީ ޓީމަށް ލީގު މެދުކަނޑާލާއިރު އަޅުގަނޑުމެން ދިވެހި ކޯޗުން ބުނަން ދެއްތޯ ގައުމީ ޓީމަށް ވެސް ރަނގަޅު ވާނީ ކްލަބް ފުޓްބޯޅަ ދިގު މުއްދަތަކަށް މެދުކަނޑާނުލާ ކުރިއަށް ދިއުމޭ،" ރާއްޖޭގެ ކޯޗަކު ބުންޏެވެ.

"ސީޒަން ނިމިގެން ގިނަ ދުވަސްތަކެއް ވެސް ވެއްޖެ. ގައުމީ ޓީމަށް އޭގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފުމަކީ ހިތާމައެއް."

ނަތީޖާ ދަށްކޮށް ދިޔަ ނަމަވެސް އެކަށީގެންވާ ކުޅުމެއް ދެއްކުނު ނަމަ ކޯޗުގެ ޓާގެޓް ހާސިލްވީހެވެ. އެކަމަކު ރަނގަޅަށް ނުކުޅެވި އެކަން ވެސް ހާސިލްނުވީ އެވެ.

ގައުމީ ޓީމުން ރޭ ދެއްކި ކުޅުމާ މެދު ބައެއް އާންމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކުވެރިކަމުގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެއިން ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ސިންގަޕޫރުގަ އެވެ.