12 އޮކްޓޯބަރ 2022
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާ މައްސަލައިގައި އޭނާގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދައުލަތުން ލިޔުމުން ޖަވާބު ދިނީ މުއްދަތު ހަމަވި ފަހުން ކަމަށް ނިންމައި ލިޔުމުން ދިން ޖަވާބު ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާ މައްސަލައިގައި އޭނާގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދައުލަތުން ލިޔުމުން ޖަވާބު ދިނީ މުއްދަތު ހަމަވި ފަހުން ކަމަށް ނިންމައި ލިޔުމުން ދިން ޖަވާބު ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އާޒިމާގެ މައްޗަށް ދައުލަތުން ދައުވާކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއިން އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ވަދެފައިވާ ކަމަށް ބެލެވި އޭސީސީއާ އެކު އެއްބަސްވުމެއް ހަދައި އެ ފައިސާ އެސްކްރޯ އެކައުންޓަކަށް ޖަމާކުރި ކަމުގެ ރަސްމީ ލިޔުންތައް ފޮނުވުމުގައި ގާނޫނާ ހިލާފަށް އަމަލުކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އެވެ.
ކުރިން އާޒިމާގެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ތަނާޒުލްވެވަޑައިގަތުމުން، މައްސަލައާ ހަވާލުވެވަޑައިގެންނެވި ގާޒީ އަލީ އާދަމް ވަނީ މި އަހަރުގެ މާޗު މަހު މައްސަލައިގެ އިބްތިދާއީ މަރުހަލާ އަލުން ފައްޓަވައިފަ އެވެ. އަދި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ނިންމައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ދެ ފަރާތަށް ވެސް ފުރުސަތު ދެއްވި އެވެ.
ދައުލަތުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާއިރު، އާޒިމާގެ ފަރާތުން ހަތަރު ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ އެ ހުށަހެޅުންތަކާ ބެހޭގޮތުން ވާހަކަދެއްކުމެވެ. އެއީ މީގެ ކުރިން ވެސް އޭނާގެ ފަރާތުން ކޯޓުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކެކެވެ.
އާޒިމާގެ ފަރާތުން ހުށަހެޅުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ގޮސް ވަކި ހިސާބަކުން އޭނާގެ ފަރާތުން ދައުލަތުން ހުށަހެޅުންތަކަށް ޖަވާބު ފޮނުވި ގޮތާ ބެހޭގޮތުން އިޖުރާއީ މައްސަލައެއް ފާހަގަކުރި އެވެ.
އެގޮތުން، އާޒިމާ މިއަދު ފާހަގަކުރެއްވީ، އޭނާގެ ފަރާތުން 30 މެއިގައި ހުށަހެޅުންތައް ހުށަހެޅި ނަމަވެސް، އެއަށް ދައުލަތުން ޖަވާބު ހުށަހެޅީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުުގެ ގަވައިދުގައި ލިޔުމުން ޖަވާބު ހުށަހަޅަން އޮންނަ ދެ ދުވަސް ފާއިތުވި ފަހުން ކަމަށެވެ. ދައުލަތުން ލިޔުމުން ޖަވާބު ހުށަހެޅީ ދެ މަސް ފަހުންކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ، އެ ލިޔުންތައް ކޯޓުން ބަލައިގަނެގެން ނުވާނެ ކަމަށެވެ.
ދައުލަތުން ބުނި ގޮތުގައި ލިޔުމުން ޖަވާބުދާރީވުމުގެ އިތުރުން އަނގަބަހުން ޖަވާބުދާރީވުމަށް ވެސް ގާނޫނުން އޮންނަނީ ހުޅުވާލައިފަ އެވެ. އެހެންކަމުން، ލިޔުމުން ޖަވާބު ދިނުމަކީ ލާޒިމު ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.
ޖިނާއީ އިޖުރާއަތުގެ ގަވައިދުގައި އޮންނަނީ މައްސަލައިގެ އަޑުއެހުން ބޭއްވުމުގެ ދެ ދުވަސް ކުރިން ލިޔުމުން ޖަވާބު ފޮނުވުމަށް ކަމަށް ވެސް ދައުލަތުން ފާހަގަކުރި އެވެ. ދައުލަތުން ބުނި ގޮތުގައި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގައި ދެ ދުވަސް ދީފައި އޮތުމުގެ ބޭނުމަކީ ލިޔުމުން ހުށަހަޅަން ޖެހޭ ގޮތް ހެދުން ނޫން ކަމަށެވެ.
އިރުކޮޅަށް ޝަރީއަތް މެދުކަނޑާލެއްވުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ، އާޒިމާ އެދިވަޑައިގެންނެވި ގޮތަށް އޭނާގެ ހުށަހެޅުންތަކަށް ދައުލަތުން ލިޔުމުން ހުށަހެޅި ޖަވާބު ހުށަހެޅީ ގަވައިދުގައި އޮތް މުއްދަތު ހަމަވިފަހުން ކަމަށެވެ. އަދި ކޯޓަށް އެ ލިޔުންތައް ބަލައިގަނެވުނީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
ލިޔުމުން ހުށަހެޅި ޖަވާބު ބަލައިނުގަތަސް، އާޒިމާގެ ހުށަހެޅުންތަކަށް އަނގަބަހުން ޖަވާބު ދިނުމުުގެ ފުރުސަތު އޮންނާނެކަން އަލީ އާދަމް ދައުލަތަށް ހަނދާންކޮށްދެއްވި އެވެ.
މިއަދު އާޒިމާގެ ފަރާތުން ޝަރީއަތުގެ ކުރީގެ ދެ ހުށަހެޅުމެއް ކޯޓުގައި ތަފްސީލުކޮށްދީފައިވެ އެވެ. އެގޮތުން، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވޮޑަމުލާގެ މައްސަލައިގައި ކުރި ދައުވާ ސާބިތުނުވާ ކަަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ، އޭނާގެ މައްޗަށް ދައުވާތައް ނުކުރެވޭނެ ކަމަށެވެ. އާޒިމާގެ ވަކީލު އައިޝަތު ފަޒްނާ ވިދާޅުވީ އަސްލު ކުށްކުރި މީހާ (ޕްރިންސިޕަލް) މައްޗަށް ކުށް ސާބިތު ނުވަނީސް، އެކަމުގައި ބައިވެރިވި މީހާ (އެކްސެސަރީ) މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންތަކެއް ބަލައިނުގަނެވޭނެ ކަމަށް ބުނެ ވެސް ހުށަހެޅުމެއް ހުށަހެޅި އެވެ.
އެގޮތުން، ދައުލަތުގެ ހެއްކަކަށް ޔާމީން ހުށަހަޅާފައިވާއިރު، ޔާމީނަކީ އަސްލު ކުށް ކުރި މީހާ ކަމަށް ބުނާ މީހާއަށްވާއިރު، އާޒިމާއާ ދެކޮޅަށް އޭނާއަށް ހެކިބަސް ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އަކީ އެމްއެމްޕީއާރްސީގެ މައްސަލަައާ ގުޅިގެން ފުލުހުން ތަހުގީގެއް ހިންގާފައިވާ، އަދި އެ މައްސަލައާ ގުޅިގެން އިންޒާރު އަންނަ ކަމަށް ބުނެ ރާއްޖެ ދޫކޮށް ގޮސްފައިވާ މީހަކަށްވާއިރު، އޭނާގެ ހެކިބަސް ވެސް ބަލައިނުގަނެވޭނެ ކަމަށް ބުނެފައިވެ އެވެ.
ބީއެމްއެލްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ހެއްކަކަށް ހުށަހަޅާފައިވާއިރު، އޭނާ އަކީ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅޭ ކަމެއްގައި މަޖިލީހުގެ ކޮމިޓީއަކަށް ދޮގު މައުލޫމާތު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ މީހެއްކަން އާޒިމާގެ ފަރާތުން ފާހަގަކުރި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ އާޒިމާގެ ދެ ވަކީލުން ވެސް އެހެން މައްސަލަތަކެއްގެ އަޑުއެހުންތަކަކަށް ވަޑައިގަންނަވަން ޖެހުމުންނެވެ. ދެން އޮންނަ އަޑުއެހުމެއްގައި ވެސް އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.
ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު އެމަނިކުފާނު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެ އޭސީސީއަށް އާޒިމާއަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ އެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރަން އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން އުޅުނު ކަމަށް ބުނެ އެވެ.
ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
އާޒިމާގެ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް
"ޔާމީން މިނިވަންވުމުން އަޅުގަނޑަށް ދައުވާ ނުކުރެވޭނެ"
ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނުދިން
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި
އާޒިމާ މިހާރު ކުރައްވަނީ ގާޒީ ބަދަލުވުމުގެ ޝަކުވާ
ޔާމީން ލޯންޑަކުރެއްވި ފައިސާ ދައުލަތަށް ނަގަން އެދެފި