Roadha Mihaaru
އޯގަނިކް ފާމިންއާ މެދު ވިސްނަންޖެހޭ: ރައީސް

އޯގަނިކް ފާމިންއާ މެދު ވިސްނަންޖެހޭ: ރައީސް

16 އޮކްޓޯބަރ 2022

ކެމިކަލް އެކުލެވޭ ކާނާގެ ބާވަތްތަކީ ސިއްހަތަށް އެންމެ ރަނގަޅު ކާނާ އަށް ނުވާތީ، އޯގެނިކް ފާމިންއާ މެދު ވިސްނަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކެމިކަލް އެކުލެވޭ ކާނާގެ ބާވަތްތަކީ ސިއްހަތަށް އެންމެ ރަނގަޅު ކާނާ އަށް ނުވާތީ، އޯގެނިކް ފާމިންއާ މެދު ވިސްނަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ދަނޑުވެރިކަމުގެ ވައްޓަފާޅި އަށް ބަދަލުތަކެއް ގެންނަން ޖެހެނީ ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރޭ ވަރު އިތުރުވާއިރު އެއީ ކާބޯތަކެތީގައި އެކުލެވޭ ކެމިކަލެއްގެ ސަބަބުން ވެސް ދިމާވެދާނެ ކަމަކަށް ވާތީ ކަމަށެވެ.

އެކަމުގެ އަސްލު ސަބަބު ހޯދަން ޖެހިފައިވާ ކަމަށާއި އެފަދަ ދިރާސާއެއް ރާއްޖޭގައި ހެދިފައި ނެތަސް އެެއީ ސިއްހަތަށް އެންމެ ރަނގަޅު ކާނާ ނޫން ކަމަށް މުޅި ދުނިޔެ އެއްބަސްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ، ތަރައްގީވަމުން އަންނަ ގައުމުތަކުން އޯގަނިކް ފާމިން އަށް އަމާޒު ހިފާފައިވާތީ، ރާއްޖޭގެ ދަނޑުވެރިން ވެސް އެކަމަށް އިސްކަން ދިނުމަށް ރައީސް އެދިވަޑައިގަތެވެ.

އެ ކަމަކު ކުއްލިއަކަށް އޯގަނިކް ފާމިން އަށް ބަދަލުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އެގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެ މަނިކުފާނު މިސާލު ޖެއްސެވީ ސްރީ ލަންކާގެ ހާލަތުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ލަންކާގައި ފާޓިލައިޒާ އެތެރެކުރުން ކުއްލިއަކަށް މަނާކުރުމާ އެކު ދަނޑުވެރިކަމުގެ ސިނާއަތް މުޅިން ހުއްޓި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

"އެހެންވީމާ މިކަމާ ދޭތެރޭގައި ވިސްނާ [އޯގަނިކް ފާމިންއާ މެދު] ފުރަތަމަ ކުރަންވީ ކަމަކީ އެ ގެނެވެނީ ރަނގަޅު ފާޓިލައިޒާތޯ ބެލުން. ގަނޑުބަނޑު ނުކޮށް ހުރި ރަނގަޅު ފާޓިލައިޒާ އެ ބޭނުންކުރަން އޮތް ގޮތަށް ކުރުން. އެ އަށް ފަހު މަޑުމަޑުން އޯގަނިކް ފާމިން އަށް ބަދަލުވުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ކެމިކަލް އެކުލެވޭ ބާވަތްތަތަކީ ސިއްހަތަށް އެންމެ ރަނގަޅު ކާނާ ނޫން ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށާއި އެހެންވެ، ކުރިއަރާފައިވާ ގައުމުތަކުގައި ބަދަލުވަމުން ދަނީ އޯގަނިކް ފާމިން އަށް ކަމަށެވެ.

"އެހެންވީމާ ރާއްޖޭގެ ދަނޑުވެރިކަން ކުރާ ފަރާތްތަކުން ވެސް މިއާ ދޭތެރޭގައި ވިސްނަން ޖެހޭ،" ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކާށިދޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކާށިދުއަކީ ޒަމާނުއްސުރެ ދަނޑުވެރިކަމުގައި އެންމެ މަޝްހޫރު އެއް ރަށް ކަމަށާއި ދަނޑުވެރިކަމުގެ ހުރިހާ ބާވަތެއްހެން އެ ރަށުގައި އާލާވެފައިވާ ކަމަށެވެ. ކާށިދޫގައި ރާއްޖޭގެ އެހެން ބައެއް ރަށްތަކުގެ ދަނޑުވެރިން ވެސް މިހާރު އިންވެސްޓްކުރަމުން އަންނަ ކަމަށާއި އެކަމުން އެނގެނީ ކާށިދޫގައި ދަނޑުވެރިކަމަށް ފަހި މުސްތަގުބަލެއް އޮތް ކަން ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރިއަރާފައިވާ ގައުމުތަކުގައި ބަދަލުވަމުން އެ ދަނީ އޯގަނިކް ފާމިން އަށް. އެހެންވީމާ ރާއްޖޭގެ ދަނޑުވެރިކަން ކުރާ ފަރާތްތަކުން ވެސް މިއާ ދޭތެރޭގައި ވިސްނަން ޖެހޭ،"--- ރައީސް

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީ ކުރާނެ ގޮތުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މިދިޔަ ހަތަރު އަހަރު ތަފާތު ފޯރަމްތައް ބާއްވާފައިވާއިރު ދަނޑުވެރިންގެ ފަރާތުން ފާހަގަކުރެވުނު އެންމެ ބޮޑު ޝަކުވާއަކީ ދިގު މުއްދަތަކަށް އިންވެސްޓްކުރަން އެކަށީގެންވާ ބޮޑެތި ބިން ނުލިބުން ކަމަށެވެ. "މިދިޔަ އަހަރު ދަނޑުވެރިންގެ ދުވަސް ފާހަގަކުރިއިރު، ދަނޑުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް އޮތީ ސަރުކާރުން ދަނޑުވެރިކަމަށް ދޫކުރާ ލުއި ލޯނުގެ މިންވަރު ކުޑަވުން. އަނެއް ކަމަކީ އާންމުންނާއި ކުންފުނިތަކުގެ މެދުގައި ހުރި ފަރަގުގެ ސަބަބުން ލޯނު ހޯދުމުގައި ކުރިމަތިވާ ދަތިތައް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ޝަކުވާތައް އަހައި މިހާރު ވަނީ ހައްލު ހޯދައި ދީފަ އެވެ. އޭގެ ތެރޭގައި އާންމުންނަށް ދެ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެ އެވެ.

ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރަން ކާށިދޫގައި ސަރުކާރުން މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހަނދާނީ ފިލައެއް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރަން ކާށިދޫގައި ސަރުކާރުން މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހަނދާނީ ފިލައެއް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ދަނޑުވެރިކަމުގައި ނުކިއްސަރު ކަންތައްތަކެއް ފާހަގަވާން އެބަ ހުއްޓެވެ. ދަނޑުވެރިންގެ އުފެއްދުންތަކަށް ބޭނުން ޖެހިފައިވާ ވަރާއި އުފެއްދޭ މިންވަރުގައި ނުބައްދަލުތަކެއް އެބަ ހުރި ކަމަށާއި އެ ތަކެތި ތާޒާކަމާ އެކު ބާޒާރަށް ނެރުމުގައި ވެސް ދަތިތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

"މުޅި ރާއްޖެ އަށް ބަލާއިރު ދަނޑުވެރި އުފެއްދުންތައް މާކެޓް ކުރުމަކީ އަދިވެސް ވަރަށް ބޮޑު ގޮންޖެހުމެއް،" ރައީސް ވިދާޅުވި އެވެ.

އެހެންވެ އެ މަނިކުފާނު ވިދާޅުވީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އުފެއްދީ ދަނޑުވެރިންނަށް ކާބޯތަކެތި ބާޒާރަށް ނެރުމަށް ފަސޭހައަކަށް ކަމަށެވެ. އެ ކުންފުނިން މި ވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަނީ 715 ދަނޑުވެރިންނާ އެކު އެއްބަސްވުމެއް ގާއިމުކޮށް، އެ މީހުން އުފައްދާ ތަކެތި ބާޒާރަށް ނެރުމުގަ އެވެ.

ތާޒާކަމާއެކު ދަނޑުވެރިން އުފައްދާ ބާވަތްތައް ބާޒާރަށް ނެރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އޭގެ ދަށުން 9 ރަށެއްގައި އެ ކުންފުނިން މިހާރު ވެސް ޑިސްޓްރިބިއުޝަން ސެންޓަރާ އެކު އަވިން އުފައްދާ ހަކަތައިން ފިނިކޮށްދޭ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ތަންތަން ލަސްތަކެއް ނުވެ ހުޅުވޭނެ އެވެ. އެއާ އެކު އެ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރަން ސަމާލުކަން ދޭންޖެހެނީ ސިއްހީ ކާރިސާއެެއް ނުވަތަ އަސްކަރީ ކުރިމަތިލުމެއް ފެށިދާނެތީ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެފަދަ ލޮޅުންތަކާ އެކު ކާނާގެ ރައްކާތެރިކަމަށް ހުރަސް އެޅޭތީ ދުރާލައި ފިޔަަވަޅު އެޅުމުގެ މުހިއްމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެ ލޮޅުމަކާއެކު، ކާނާގެ ރައްކާތެރިކަމަށް އެތައް ހުރަސްތަކަކާއި ދަތިތަކެއް އެބަ ކުރިމަތިވޭ. މިއީ ސީރިއަސް ގޮތެއްގައި ވިސްނައި ދުރާލައި ފިޔަވަޅު އަޅަންޖެހޭ ކަމެއް. ދުނިޔެ ކިތަންމެހާ ވެސް ތަރައްގީ ވެއްޖެ. އިމްޕޯޓް އެކްސްޕޯޓް ވަރަށް ފުޅާވެ އެހާމެ އަވަސް ވެއްޖެ،" ރައީސް ވިދާޅުވި އެވެ.

"ނަމަވެސް، އެކަށީގެންވާ ވަރަށް ކާޑުގެ ބާވަތްތަކާއި ކާނާ ލިބޭނެ ކަމުގެ ޔަގީންކަން އެއްވެސް ގައުމަކަށް މިހާރަކު ނެތް."

ރައީސް ވިދާޅުވި ގޮތުގައި ދަނޑުވެރިކަމުގެ އާ މޮޑެލެއް ތިން އަތޮޅެއްގެ ފަސް ރަށެއްގައި ފެށުމަށް އެގްރޯ ކުންފުނިން މަސައްކަތް އެބަ ކުރެ އެވެ. އެއީ ކާށިދު އާއި ނ. މަނަދު އާއި ލަންދު އާއި މާފަރާއި ލ. އިސްދޫގަ އެެވެ.

"މުޅި ރާއްޖެ އަށް ބަލާއިރު ދަނޑުވެރި އުފެއްދުންތައް މާކެޓް ކުރުމަކީ އަދިވެސް ވަރަށް ބޮޑު ގޮންޖެހުމެއް،"--- ރައީސް

އެ އިން ކޮންމެ ރަށެއްގައި ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތަކާއެކު، އެއް ލައްކަ އަކަފޫޓުގެ ބިން ތަރައްގީ ކުރުމަށް ޕްލޭންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ދަނޑުވެރިކަމަށް ސަރުކާރުން ދޭ އިސްކަމުގެ ސަބަބުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި 49 ރަށެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގައި 1،390 ދަނޑުވެރިން ތަމްރީނު ކޮށްފައިވާ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.