Roadha Mihaaru
ސްޓޭޝަނުން އަންހެނަކު ނެރުނީ މަސައްކަތަށް ހުރަސްއެޅުމުން

އައްޑޫ ޕޮލިސް ސްޓޭޝަނުން އަންހެނަކު ދަމާފައި ނެރުނީ ޑްރަގްގެ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅުމުން: ފުލުހުން

17 އޮކްޓޯބަރ 2022

އައްޑޫ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އަންހެނަކު ދަމާފައި ނެރެން ޖެހުނީ ފުލުހުން ތަހުގީގުކުރަމުން ދިޔަ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް އޭނާ ހުރަސްއަޅައި މަސްލަހަތު ނަގައިލަން މަސައްކަތްކުރުމުން ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އަންހެނަކު ދަމާފައި ނެރެން ޖެހުނީ ފުލުހުން ތަހުގީގުކުރަމުން ދިޔަ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް އޭނާ ހުރަސްއަޅައި މަސްލަހަތު ނަގައިލަން މަސައްކަތްކުރުމުން ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ އައްޑޫގައި ވައްކަމާއި މަސްތުވާތަކެތި އަދި ޖަމާއަތް ހަދައިގެން ކުށްކުރާ މީހުންނަށް އަމާޒުކޮށްގެން ހާއްސަ އޮޕަރޭޝަން މިހާރު ކުރިއަށް ގެންދާ ކަމަށެވެ. އެ އޮޕަރޭޝަންގެ ތެރެއިން މިދިޔަ ހުކުރު ދުވަހުގެ ރޭ ސ. ހުޅުމީދޫގައި ފުލުހުން ފެޓްރޯލް ކުރަމުން ދިޔައިރު، މަގުމަތިން ފެނުނު އުމުރުން 37 އަހަރުގެ ފިރިހެނެއްގެ ހަރަކާތްތައް ހުރި ގޮތުން މަސްތުވެގެން ހުރި ކަމަށް ތުހުމަތުކުރެވޭތީ ހުއްޓުވައި ސުވާލުކުރި އެވެ.

އެކަމަކު، އެ ފިރިހެން މީހާއާ ފުލުހުން ސުވާލު ކުރަން ފެށުމުން، ފުލުހުންނަށް މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ބުނެ އުމުރުން 35 އަހަރުގެ އަންހެނަކު ފުލުހުންނާއި އެ ފިރިހެން މީހާގެ ދެމެދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅަން މަސައްކަތް ކުރި ކަމަށް ބަޔާނުގައި ވެ އެވެ.

ފުލުހުން ބުނި ގޮތުގައި، އެ ފިރިހެން މީހާ ޕޮލިސް ސްޓޭޝަނަށް ގެންދިއުމުން، އެ އަންހެން މީހާ އިތުރު އަންހެނަކާ އެކު އެ ތަނަށް ވަދެ، ފިރިހެން މީހާ ދޫކޮށްލަން ގޮވައި އަޑުގަދަކޮށް، މަސްލަހަތު ނަގާލައި ހަމަނުޖެހުން ހިންގި އެވެ. އެގޮތަށް ކަންތައް ނުކޮށް، ސްޓޭޝަނުން ނުކުންނަން ނަސޭހަތް ދިނުމުން ވެސް އެ ދެ އަންހެނުން އެކަމަށް އިންކާރު ކުރި ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ޕޮލިސް ސްޓޭޝަނަށް ދިޔަ އެކަކު ނެރުމަށް މަސައްކަތްކުރާއިރު ހަމަނުޖެހުން ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް.

ބާރުގެ ބޭނުންކޮށްގެން އެ މީހުން ޕޮލިސް ސްޓޭޝަނުން ނެރުނީ ފުލުހުންގެ ބަހަށް އިންކާރުކުރުމުން ކަމަށް ބުންޏެވެ.

"އެމީހުން ނެރުމަށް މަސައްކަތްކުރި އަންހެން ފުލުހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވެ އެވެ. މިކަމުގެ ތެރެއަށް އަންހެން ދެ ފުލުހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެ އެވެ،" ޕޮލިސް ސްޓޭޝަނަށް ވަން އަންހެނަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ ވީޑިއޯއަކާއެކު ސޯޝަލް މީޑިއާގައި އާންމުކޮށް، ފުލުހުންނަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ވެ އެވެ.

ފުލުހުން ބުނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ހޯދައި ކަން ހިނގައިދިޔަ ގޮތް ވެސް ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އިން ފެންނަ ގޮތުގައި ތިން ފުލުހަކު އެ އަންހެން މީހާ ނަގައިގަނެގެން ސްޓޭޝަނުން ބޭރަށް ނެރެ އެވެ. އެ އަންހެން މީހާ އެކަމަށް ދެކޮޅު ހަދައި، ފުލުހުން ގައިގައި ކޮޅުފައިން ޖަހާތަން ފެނެ އެވެ. އަދި ކުލަ ހެދުމުގައި ހުރި އެހެން އަންހެނަކު އޭނާގެ ގައިގައި ފައިން ޖަހާތަން ފެނެ އެވެ.