Roadha Mihaaru
ގޭންގު މާރާމާރީއެއްގައި ގެއަކަށް ވަދެ ވަޅިޖަހައިފި

ދެ ގޭންގެއްގެ މެދުގައި މާރާމާރީ: ގެއަކަށް ވަދެ ވަޅި ޖެހީ ނިދަން އޮއްވައި

17 އޮކްޓޯބަރ 2022

މާލޭގެ ދެ ގޭންގެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި، ގެއަކަށް ވަދެ މީހަކު ނިދަން އޮއްވައި ތޫނު އެއްޗަކުން ރޭ ހަމަލާދީފި އެވެ.

މާލޭގެ ދެ ގޭންގެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި، ގެއަކަށް ވަދެ މީހަކު ނިދަން އޮއްވައި ތޫނު އެއްޗަކުން ރޭ ހަމަލާދީފި އެވެ.

އެނގިފައިވާ ގޮތުގައި އެ ހަމަނުޖެހުން ފުރަތަމަ ފެށީ މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގަ އެވެ. އެ ތަނުގައި ގޭންގެއްގެ މީހަކު، އެހެން ގޭންގަކަށް ނިސްބަތްވާ މީހަކާ ދެމެދު ޖެހުނު މައްސަލައެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީ އެވެ.

އޭގެ ފަހުން މާލޭގެ ގެއަކަށް ވަދެ ހަމަލާދިނީ، ބަދަލު ހިފުމުގެ ގޮތުންނެވެ. މާފަންނުގައި ހުންނަ ގެއަކަށް ގޭންގުން ވަދެގަތީ އެ ގޭގެ ދޮރު ހަލާކުކޮށްލައިގެން ކަމަށް ވެ އެވެ. އޭރު، ހަމަލާދިން ޒުވާނާ އޮތީ ނިދާފައި ކަަމަށް މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ.

ގޯޅިގަނޑެއްގެ ތެރޭގައި ލަކުޑި ސިޑިއަކުން އަރަން ޖެހޭ ގޮތަށް ހަދާފައި ހުރި އެއް ކޮޓަރީގެ އެ އެޕާޓްމެންޓުގެ އެތެރެ ފެންނަ ވީޑިއޯއެއް "މިހާރު" އަށް ލިބިފައިވާއިރު އެ ވީޑިއޯ އިން ފެންނަނީ އެނދާއި ބެޑްޝީޓާއި ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓަ އެވެ.

އެނދުމަތީގައި އަޅާފައި އޮތް ރީނދޫ ކުލައިގެ ކުއިލްޓެއް ބިންމައްޗަށް ވެއްޓިފައި އޮތް އިރު އޭގައި ވެސް އޮތީ ހުސް ލެ އެވެ. އެނދުން ފެށިގެން ސިޑިއާ ހިސާބަށް ލޭ ތިކިތައް ޖަހާފައި ހުރި މަންޒަރު ފެނެ އެވެ. އަދި ސިޑީގެ ތަނބެއްގައި ލޭ ހޭކިފައި ހުއްޓައި ވެސް ފެނެ އެވެ.

ފުލުހުން މިއަދު ބުނީ މާލޭގެ ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓް ހައުސްއެއްގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓެއް ރޭ ދަންވަރު 2:38 ގައި ލިބިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގި ސީނުން ދިވެހި ފިރިހެނަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ފަހުން، މާފަންނު ގެއެއްގައި މީހަކަށް ހަމަލާ ދިން ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭގެ 3:34 ހާއިރު އެވެ. އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ދެ މައްސަލަ ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.