Roadha Mihaaru
ތުރާކުނު ބޭރުން ފެނުނު ބޯޓުން 4 މީހަކު ވަނީ ގެއްލިފަ

ތުރާކުނުގެ ބޭރުން ފެނުނު މަސްބޯޓުން ހަތަރު މީހަކު ވަނީ ގެއްލިފައި: ލަންކާ

09 ޖެނުއަރީ 2017

ހއ. ތުރާކުނުގެ ބޭރުން ފެނުނު ސްރީ ލަންކާގެ މަސް ބޯޓުގައި ތިބި ހަތަރު މީހަކު ގެއްލިފައިވާ ކަމަށް ލަންކާ ސަރުކާރުން މިއަދު ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ހއ. ތުރާކުނުގެ ބޭރުން ފެނުނު ސްރީ ލަންކާގެ މަސް ބޯޓުގައި ތިބި ހަތަރު މީހަކު ގެއްލިފައިވާ ކަމަށް ލަންކާ ސަރުކާރުން މިއަދު ބުނެފި އެވެ.

"ކަނޑު ރޯދި" ނަމަކަށް ކިޔާ ދޯންޏަކަށް 25 ފޫޓުގެ ބޯޓު ފެނުނީ ތުރާކުނުގެ 30 މޭލު ބޭރުން އޮޔާ ދަނިކޮށެވެ. އޭރު އެ ބޯޓުގައި ތިބި ދެ މީހުން މިހާރު ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހއ. ދިއްދޫ އަށް ގެންގޮސް، ފުލުހުންނާ ހަވާލުކޮށްފަ އެވެ. އެ ދެ މީހުންގެ ހާލު ރަނގަޅެވެ.

ލަންކާގެ މަސްދޯނީގައި ތިބި ދެ މީހުން އުލިގަމު ބަނދަރުމަތީގައި.-- ފޮޓޯ: ސޯޝަލް މީޑިއާ

ލަންކާގެ މަސްދޯނީގައި ތިބި ދެ މީހުން އުލިގަމު ބަނދަރުމަތީގައި.-- ފޮޓޯ: ސޯޝަލް މީޑިއާ

ލަންކާގެ ޑެޕިއުޓީ މިނިސްޓަރު އެޗްއެމްއެމް ހާރިސް އެ ގައުމުގެ ނޫސްތަކަށް މިއަދު ވިދާޅުވި ގޮތުގައި އެ ބޯޓުގައި ހަ މަސްވެރިޔަކު ތިއްބެވެ. އޭގެ ތެރެއިން ދެ މީހަކު ފެނިފައި ވާއިރު، ބާކީ ތިބި ހަތަރު މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުން ހޯދުމުގައި ރާއްޖޭގެ އެހީތެރިކަމަށް އެދޭނަން،" ހާރިސް ވިދާޅުވި އެވެ.

އެކަމަކު، އެމްއެންޑީއެފްގެ ތަރުޖަމާނަކު މިއަދު ވިދާޅުވި ގޮތުގައި އެ ފަަދަ ކަމަކަށް ލަންކާގެ ސަރުކާރުން އަދި އެދިފައެއް ނުވެ އެވެ. އެ ދޯންޏާއި އޭގައި ތިބި ދެ މަސްވެރިންގެ ކަންކަން މިހާރު ބަލަހައްޓަނީ، އޭނާ ވިދާޅުވި ގޮތުގައި، ފުލުހުންނެވެ.

ލަންކާގެ މަސްދޯނި ހއ. އުލިގަމު ބަނދަރުގައި.-- ފޮޓޯ: ސޯޝަލް މީޑިއާ

ލަންކާގެ މަސްދޯނި ހއ. އުލިގަމު ބަނދަރުގައި.-- ފޮޓޯ: ސޯޝަލް މީޑިއާ

ފުލުހުންގެ ތަރުޖަމަނާކު މިއަދު ވިދާޅުވީ ލަންކާގެ މަސް ބޯޓުގައި ތިބި ދެ މީހުން އަނބުރާ ލަންކާ އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެ މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގެ ނޫސްތަކުން މިއަދު ބުނި ގޮތުގައި ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ދެ މަސްވެރިން އަނބުރާ ލަންކާ އަށް ގެންދިއުމަށް ޑެޕިއުޓީ މިނިސްޓަރު މިއަދު ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ލަންކާގެ ނޫސްތަކުން ބުނި ގޮތުގައި ބޯޓު މަހަށް ނިކުތީ މިދިޔަ މަހުގެ 24 ގައި އެ ގައުމުގެ އިރުމަތީ އަވަށެއް ކަމަަށްވާ އޮލުވިލް އިންނެވެ. އެ ބޯޓުގައި ތިބީ އެ ސަރަހައްދުގެ ސިޓީއެއް ކަމަށްވާ ކަލްމުނާއީ އަށް ނިސްބަތްވާ މަސްވެރިން ކަމަށްވެ އެވެ.