Roadha Mihaaru
ސޫދާންގެ ގަބީލާ ކުރިމަތިލުންތަކުގައި 220 މަރު

ސޫދާންގެ ގަބީލާ ކުރިމަތިލުންތަކުގައި 220 މަރު

24 އޮކްޓޯބަރ 2022

ސޫދާންގެ ނުފޫޒު ގަދަ ދެ ގަބީލާއެއްގެ ދެމެދުގައި މިދިޔަ ހަފުތާ އިން ފެށިގެން ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް މަދުވެގެން 220 މީހުން މަރުވެއްޖެ ކަމަށް ސޫދާން ސަރުކާރުން އިއްޔެ ބުނެފި އެވެ.

ސޫދާންގެ ނުފޫޒު ގަދަ ދެ ގަބީލާއެއްގެ ދެމެދުގައި މިދިޔަ ހަފުތާ އިން ފެށިގެން ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް މަދުވެގެން 220 މީހުން މަރުވެއްޖެ ކަމަށް ސޫދާން ސަރުކާރުން އިއްޔެ ބުނެފި އެވެ.

ދެކުނު ސޫދާނާއި އިތިއޮޕިއާ ގުޅޭ ސަރަހައްދުގައި އޮންނަ ސޫދާންގެ ބްލޫ ނީލް ޕްފޮވިންސްގައި މި ކުރިމަތިލުންތައް ހިނގަމުން ދަނީ ހައުސާ ގަބީލާގެ މީހުންނާއި ބަރްތާ ގަބީލާގެ މީހުންނާ ދެމެދުގަ އެވެ. މި ދެ ގަބީލާގެ މެދުގައި ކުރިމަތިލުންތަކެއް ފެށުނީ، އެ ސަރަހައްދުގައި އޮންނަ ބިމެއްގެ މިލްކުވެރިކަމުގެ މައްސަލައިގައި އުފެދުނު އަރާރުމަކާ ގުޅިގެންނެވެ.

ބްލޫ ނީލް ޕްފޮވިންސްގެ ވާދީ އަލް މާހީ ކިޔާ އަވަށުގައި، ދެ ގަބީލާގެ މެދުގައި ކުރިމަތިލުންތައް ފެށުނީ މިދިޔަ ބުދަ ދުވަހު އެވެ. އަދި ބުރާސްފަތި ދުވަހު ވެސް ދެ ގަބީލާގެ ފިރިހެނުންތައް ލަޓިބުރިތަކާއި ދަގަނޑުބުރި ފަދަ ތަކެތި ހިފައިގެން ނުކުމެ އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާ ދިނެވެ.

އެ ޕްރޮވިންސްގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ދެ ގަބީލާގެ މެދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 220 ކަމަށް ބެލެވުނަސް، އެ އަދަދު އެއަށް ވުރެ މާ މަތިވާނެ ކަމަށް ބެލެވެ އެވެ. ދެ ފަރާތުގެ މެދުގައި ކުރިމަތިލުންތައް ހިނގި ސަރަހައްދަށް، ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ޓީމުތަކަށް ނުދެވޭތީ، މި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދެއް ނޭނގޭނެ އެވެ.

އިންސަނީ އެހީތެރިކަން ފޯރުކޮށްދޭ ޓީމުތަކެއް، ދެ ގަބީލާގެ މެދުގައި ކުރިމަތިލުން ހިނގި ސަރަހައްދަށް، މިދިޔަ ހޮނިހިރު ދިޔަ އެވެ. އެ ޓީމުތަކުން ބުނި ގޮތުގައި ކުރިމަތިލުން ހިނގި ސަރަހައްދުގެ ބިންމަތިން ފެނުނީ ލެޔާ ތަތްތެޅިފައި ހުރި ހަށިގަނޑުތަކެކެވެ. ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ތިބި އިރުވެސް، އެއިން މީހެއްގެ ހަށިގަނޑު އެ ތަނުން ނެގުމަށް، ދެ ގަބީލާއިން ކުރެ އެއްވެސް ގަބީލާއަކުން މަސައްކަތް ނުކުރާ ކަމަށް ވެސް އެ ޓީމުން ބުންޏެވެ.

އެ ސަރަހައްދުގެ ގިނަ ގެތަކުގައި ހުޅުޖަހައި ރޯކޮށްފައިވާ އިރު، އަންހެނުންނާއި މުސްކުޅިންނާއި ކުޑަކުދިން ފުރާނަ ސަލާމަތްކުރުމަށްޓަކައި އެ ސަރަހައްދުން ނުކުންނަމުންދާ ކަމަށް ވެސް، ހެލްތު މިނިސްޓްރީން ބުންޏެވެ.

މިހާރު އުފެދިފައިވާ ކުރިމަތިލުންތަކަކީ، ގަބީލާ ތަޅާފޮޅުންތައް ގިނަ ސޫދާންގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ނުހިނގާ ވަރުގެ ނުރައްކާތެރި ކުރިމަތިލުންތަކެއް ކަމަށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ، އދ.ގެ އިދާރާތަކުން ބުނެ އެވެ. ދެ ގަބީލާގެ މެދުގައި އަދިވެސް މައްސަލަ އިތުރަށް ގޯސްވަމުން ދާތީ، އެ ޕްރޮވިންސްގެ ސަރަހައްދީ ސަރުކާރުން މިހާރު ވަނީ، ރޭގަނޑުގެ ވަގުތުގައި އާންމުން ބޭރަށް ނުކުމެ އުޅުން މަނާކޮށް، ސިފައިން މަގުތަކަށް ނެރެފަ އެވެ.