Roadha Mihaaru
އަމިއްލަ އިމާރާތްތަކަށް ދައުލަތުން 8.5 މިލިއަން

އަމިއްލަ މީސްމީހުންގެ އިމާރާތްތަކަށް ދައުލަތުން މަހަކު 8.5 މިލިއަން ރުފިޔާ، އެ މައްސަލާގައި ގަރާރެއް!

01 ނޮވެމްބަރ 2022

ދައުލަތުގެ އޮފީސްތައް ހިންގުމާއި އެހެނިހެން މަސައްކަތްތަކަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހޭ މައްސަލަ ހައްލު ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދައުލަތުގެ އޮފީސްތައް ހިންގުމާއި އެހެނިހެން މަސައްކަތްތަކަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހޭ މައްސަލަ ހައްލު ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި ގަރާރުގައި ވަނީ ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ކުއްޔަށް ހިފުމަށް މަހަކު 8.5 މިލިއަނަށް ވުރެ ގިނަ ފައިސާ ހޭދަކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ގުދަންތައް ބަދަލު ކުރުމުގެ ވިސްނުމާއި ޕްލޭނެއް އޮތް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށާއި އެ ނުރަނގަޅު އާދަ ދެމި އޮތުމަކީ ދައުލަތުގެ ފައިސާ އިން މެނޭޖު ކުރުމުގައި އިސްރާފު ބޮޑު އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް އެ ގަރާރުގައި ވެ އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި އެކަން ހުއްޓުވުން މުހިންމެވެ. އެހެންވެ، ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް ފަސޭހަ ވާނެ ގޮތަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް ކުއްޔަށް ހިފާފައިވާ އެ އިމާރާތްތަކަށް ފައިސާ ހަރަދު ކުރަންޖެހޭ މައްސަލަ ހައްލު ކޮށްފި ނަމަ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން ސީދާ އާންމުންގެ ކަންބޮޑުވުން ހުރި މައްސަލަތަކަށް ހަރަދު ކުރުމަށް އެ ފައިސާ ހުންނާނެ ކަމަށް ވެސް މުއިއްޒުގެ ގަރާރުގައި ވެ އެވެ.

"ދައުލަތުގެ ކަމާބެހޭ އިދާރާތައް މި މަޖިލިސްގެ ކޮމިޓީއަށް ހާޒިރުކޮށް މިކަމަށް އަވަސް ހައްލެއް ގެނެވޭނެ ގޮތްތައް ދެނެގަނެ، އަވަސް ހައްލެއް ހޯދުމަށް ގޮވާލައި މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަން،" ގަރާރުގައި ވެ އެވެ.

މާފަންނުގައި ހުންނަ ސްޓާ ސިނަމާ އިމާރާތުގައި ސަރުކާރުގެ ހަތަރު އިދާރާއެއް ހިންގާ އިރު ހ. ސަކީނާ މަންޒިލްއަކީ ވެސް ބޮޑު ކުއްޔެއް ދައްކަމުން ދައުލަތުގެ ދެ އޮފީހެއް ހުންނަ އިމާރާތެކެވެ.