Roadha Mihaaru

ނަތަންޔާހޫ އަނެއްކާ ވެސް އިޒްރޭލުގެ ވެރިކަމަށް

އިޒްރޭލުގެ ހަރުކަށި ދީނީ ސިޔާސަތުގެ ލީޑަރު ބިންޔާމީން ނަތަންޔާހޫ، އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު އަނެއްކާ ވެސް ބޮޑުވާން ފަށައިފި އެވެ.

ނަތަންޔާހޫ އަނެއްކާ ވެސް އިޒްރޭލުގެ ވެރިކަމަށް

އިޒްރޭލުގެ ހަރުކަށި ދީނީ ސިޔާސަތުގެ ލީޑަރު ބިންޔާމީން ނަތަންޔާހޫ، އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު އަނެއްކާ ވެސް ބޮޑުވާން ފަށައިފި އެވެ.

އެ ގައުމުގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ނަތަންޔާހޫގެ ލީކޫޑް ޕާޓީގެ މަދުވެގެން 30 މެމްބަރުން، ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވާނެ އެވެ. އިޒްރޭލުގެ އާންމު ރައްޔިތުންގެ މެދުގައި ސިޔާސީ ޕާޓީތަކުގެ މަގުބޫލުކަން ހުރި ނިސްބަތަށް ބަލާއިރު، 120 ގޮނޑީގެ މައްޗަށް އެކުލެވިގެންވާ ގާނޫނު ހަދާ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނީ ލީކޫޑް ޕާޓީ އެވެ.

ކަނާތު ފިޔަވައި ހައްދުފަހަނައެޅި ދީނީ ސަހްޔޫނީ ކޯލިޝަން އާއި އޮރްތޯޑޮކްސް ޔަހޫދީންގެ ދެ ޕާޓީއަކުން ވެސް، މިފަހަރުގެ އިންތިޚާބުގައި ނަތަންޔާހޫ އަށް ތާއީދުކުރާތީ، އެ ފަރާތްތަކުގެ ތާއީދާއެކު، 61 ނުވަތަ 62 ގޮނޑީގެ އަޣުލަބިއްޔަތު ލިބިގެންވާ ކޯލިޝަނެއް ހެދުމުގެ ފުރުސަތު ލީކޫޑް ޕާޓީއަށް ލިބިދާނެ އެވެ.

ބޮޑުވަޒީރު ޔައީރް ލަޕީޑް އިއްޔެގެ އިންތިހާބުގައި ވޯޓު ލައްވަނީ. --އޭއެފްޕީ

ބޮޑުވަޒީރު ޔައީރް ލަޕީޑް އިއްޔެގެ އިންތިހާބުގައި ވޯޓު ލައްވަނީ. --އޭއެފްޕީ

މިހާތަނަށް ސާފުކުރެވުނު ނަތީޖާއަށް ބަލާއިރު، އެހެން ޕާޓީތަކުގެ ތާއީދާއެކު ކޯލިޝަނެއް ހެދުމުގެ ފުރުސަތު މިވަގުތު އެންމެ ބޮޑީ ވެސް ލީކޫޑް ޕާޓީއަށެވެ. އެހެން ނަމަވެސް، ވޯޓުތައް ގުނައި ނިމެމުންދާ އިރު، މި ނޫން ނަތީޖާއެއް ވެސް ނުކުތުން އެކަށީގެންވެ އެވެ.

މިހާރުގެ ބޮޑުވަޒީރު ޔައީރް ލަޕީޑްގެ ޔޭޝް އަތީދު ޕާޓީ އާއި އެ ޕާޓީއާ ގުޅިފައިވާ ކޯލިޝަނަށް އެންމެ ގިނައިން ވެސް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 54-55 ގޮނޑި އެވެ. އެހެންކަމުން، މިފަހަރުގެ އިންތިޚާބާ އެކު މިހާރުގެ ބޮޑުވަޒީރު ޔައީރް ލަޕީޑްގެ ވެރިކަން ނިމުމަކަށް އަންނާނެކަމަށް މިހާރުވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ.

ތިން އަހަރާ ބައިގެ ތެރޭގައި އިޒްރޭލުގައި ބޭއްވި ފަސް ވަނަ އިންތިޚާބުގެ ވޯޓުލުން އިއްޔެ ނިމިފައިވާ އިރު، އިންތިޚާބުގެ ނަތީޖާއާ މެދު އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ އިޒްރޭލުގައި ދިރިއުޅޭ އަރަބިންގެ މެދުގަ އެވެ. މިހާތަނަށް ސާފުކުރި ނަތީޖާގައި ކުރި ހޯދަމުން ދަނީ، ފާޅުގައި ފަލަސްތީނު މީހުންނާ ދެކޮޅަށް މަސައްކަތްކުރާ ޕާޓީތައް ކަމަށްވާތީ އެވެ.

"ހަރުކަށިކަން އަންނަނީ މި ގައުމުގައި ވަކި ހިއްޕަމުން. މިއީ އަރަބިންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. މިގައުމުގެ ހުރިހާ އަރަބިން ވެސް މި އިންތިހާބުގައި ވޯޓުލުން މުހިންމު ކަމަށް، މުޅި ކެމްޕޭންގައި ވެސް ބުނަމުން މިއަންނަނީ އެ ސަބަބަށްޓަކައި. ނަތަންޔާހޫއަކީ ނުރައްކަލެއް. މިހާރުގެ ހާލަތު ރަނގަޅެއް ނޫން،" އިޒްރޭލުގެ އަރަބި ރައްޔިތެއް ކަމަށްވާ އަންވަރު ޣަޒާލް، ސީއެންއެން އަށް ބުންޏެވެ.

އަރަބި ދަރިކޮޅުގެ އެހެން ރައްޔިތަކު ބުނި ގޮތުގައި ނަތަންޔާހޫ އަށާއި ހަރުކަށި ދީނީ ޕާޓީތަކަށް ގިނަ ގޮނޑިތައް ލިބެމުން އެދަނީ ވެސް، އިޒްރޭލުގެ އާންމު ރައްޔިތުންގެ މެދުގައި ފަލަސްތީނާ މެދު އޮތް ނަފްރަތާއި ރުޅިވެރިކަން އިތުރުވަމުން ދާތީ އެވެ.