Roadha Mihaaru
ފަހު ވަގުތު ޖިރޫ މިލާން ސަލާމަތްކޮށްދީފި

މަލްޑިނީ މިލާން ކޮޅަށް ލަނޑު ޖެހި ނަމަވެސް ޖިރޫ އެ ޓީމު ސަލާމަތްކޮށްދީފި

06 ނޮވެމްބަރ 2022

އޭސީ މިލާނުގެ ޓެކްނިކަލް ޑައިރެކްޓަރު ޕައޮލޯ މަލްޑިނީގެ ދަރިފުޅު ޑެނިއަލް މަލްޑިނީ، އެ ޓީމު ކޮޅަށް ލަނޑު ޖެހި ނަމަވެސް، ފަހު ވަގުތު އޮލިވިއޭ ޖިރޫގެ ލަނޑުން އިޓާލިއަން ލީގުގައި ރޭ ސްޕީޒިއާ އަތުން 2-1 އިން މިލާން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޭސީ މިލާނުގެ ޓެކްނިކަލް ޑައިރެކްޓަރު ޕައޮލޯ މަލްޑިނީގެ ދަރިފުޅު ޑެނިއަލް މަލްޑިނީ، އެ ޓީމު ކޮޅަށް ލަނޑު ޖެހި ނަމަވެސް، ފަހު ވަގުތު އޮލިވިއޭ ޖިރޫގެ ލަނޑުން އިޓާލިއަން ލީގުގައި ރޭ ސްޕީޒިއާ އަތުން 2-1 އިން މިލާން މޮޅުވެއްޖެ އެވެ.

މިލާނުގެ ލޯނެއްގެ ދަށުން ސްޕީޒިއާ އަށް ކުޅޭ ޑެނިއަލް އަކީ، މަލްޑިނީ އާއިލާގެ މެމްބަރުންގެ ތެރެއިން މިލާނާ ދެކޮޅަށް ސެން ސީރޯ ސްޓޭޑިއަމުގައި 1967 ގެ ފަހުން ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ. އެންމެ ފަހުން މިލާނާ ދެކޮޅަށް ކުޅުނީ 1967 ގައި ޓޮރިނޯ އަށް އޭރު ކުޅުނު ޑެނިއަލްގެ ކާފަ ސެޒާ މަލްޑިނީ އެވެ.

އެކަމަކު ސެޒާ ވަނީ ފަހުން މިލާނަށް ކުޅެ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ކުޅެފަ އެވެ. އޭގެ ފަހުން ޑެނިއަލްގެ ބައްޕަ ޕައޮލޯ މަލްޑިނީ ވެސް 25 އަހަރު މިލާނަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.

ޑެނިއަލް ވެސް މިލާނުގެ ޔޫތު އެކަޑަމީން ތަމްރީންވެ މިދިޔަ ސީޒަނުގެ ނިޔަލަށް ކުޅުނީ މިލާނަށެވެ. އެކަމަކު އިތުރު ތަޖުރިބާ ހޯދުމަށް ސްޕީޒިއާ އަށް ލޯން އުސޫލުން ބަދަލުވީ އެވެ. އެ ނިންމުން ނިންމީ އޭނާގެ ބައްޕަ ޕައޮލޯ މަލްޑިނީ އެވެ.

ސްޕީޒިއާގެ ޑެނިއަލް މަލްޑިނީ (ވ) އަތުން ބޯޅަ ހޯދަން މިލާނުގެ ފިކާޔޯ ޓޮމޯރީ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ސްޕީޒިއާގެ ޑެނިއަލް މަލްޑިނީ (ވ) އަތުން ބޯޅަ ހޯދަން މިލާނުގެ ފިކާޔޯ ޓޮމޯރީ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ރޭ މިލާނުން 21 ވަނަ މިނެޓުގައި ކެޕްޓަން ތެއޯ ހެނާންޑޭޒްގެ ގޯލުން ލީޑު ނެގި އެވެ. ސްޕީޒިއާ އަށް ޑެނިއަލް އެއްވަރުކޮށްދިނީ 59 ވަނަ މިނެޓުގަ އެވެ. މިލާން މޮޅުވީ 89 ވަނަ މިނެޓުގައި ޖިރޫ ވައްދާލި މޮޅު ގޯލަކުންނެވެ. މި ލަނޑަށް ފަހު ޖާޒީ ބޭލުމުން ޖިރޫ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ޖިރޫ ބުނީ ޖާޒީ ބޭލުނީ ކުރިން ރީނދޫ ކާޑެއް ދައްކާފައި އޮތްކަން ހަނދާން ނެތިފައި ހުރުމުން ކަމަށެވެ.

މި މޮޅާ އެކު މިލާން އޮތީ 29 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި 35 ޕޮއިންޓާ އެކު އޮތީ ރޭ އެޓަލާންޓާ އަތުން 2-1 އިން މޮޅުވި ނަޕޯލީ އެވެ. އެޓަލާންޓާ އޮތީ 27 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

އެޓަލަންޓާ އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އަޑެމޮލާ ލުކްމަންގެ ޕެނަލްޓީއަކުން ޖެހި ގޯލުން 19 ވަނަ މިނެޓުގައި ކުރި ހޯދި އެވެ. ނަޕޯލީ ފަހަތުން އަރައި މޮޅުވީ 23 ވަނަ މިނެޓުގައި ވިކްޓަ އޮސިމްހެން އަދި 35 ވަނަ މިނެޓުގައި އެލިފް އެލްމާސް ޖެހި ގޯލުންނެވެ.