Roadha Mihaaru
ރޭނިސްގެ ތުހުމަތެއް: ޕީޕީއެމްގެ އިންތިހާބު އޮޅުވާލި!

ޕީޕީއެމްގެ އިންތިހާބު އޮޅުވާލި ކަމަށް ރޭނިސް ސަލީމް ތުހުމަތު ކުރައްވައިފި

07 ނޮވެމްބަރ 2022

ވަކި ކެންޑިޑޭޓުންތަކެއް ޗެނަލް13 އިން ޕްރޮމޯޓްކުރުން ޕާޓީގެ ލީޑަޝިޕުން ބަލައިނުގަންނަކަން އިއުލާންކުރުމަށް ފަހު ބޭއްވި ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި އިތުރަށް ވޯޓު ކަރުދާސް އަޅައި ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިލިމާލެ ދާއިރާ އަށް ވާދަކުރެއްވި ޖޭއެސްސީގެ ކުރީގެ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ތުހުމަތު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވަކި ކެންޑިޑޭޓުންތަކެއް ޗެނަލް13 އިން ޕްރޮމޯޓްކުރުން ޕާޓީގެ ލީޑަޝިޕުން ބަލައިނުގަންނަކަން އިއުލާންކުރުމަށް ފަހު ބޭއްވި ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި އިތުރަށް ވޯޓު ކަރުދާސް އަޅައި ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިލިމާލެ ދާއިރާ އަށް ވާދަކުރެއްވި ޖޭއެސްސީގެ ކުރީގެ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ތުހުމަތު ކުރައްވައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ އިންތިހާބުގައި އޭނާގެ މައްޗަށް ކުރި ހޯއްދެވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕާޓީގެ ހަރަކާތް ކޮމިޓީގެ ޗެއާ، މުހައްމަދު އިސްމާއިލް އެވެ.

ޕީޕީއެމުން މި އިންތިހާބުގެ ރަސްމީ ނަތީޖާ އަދި އާއްމުނުކުރިއަސް އެ ދެ ބޭފުޅުންނަށް ލިބިވަޑައިގަތް ވޯޓުގައި ބޮޑު ފަރަގެއް ހުރި ކަމަށް އެ ޕާޓީން ބުންޏެވެ.

ޕީޕީއެމްގެ ގާނޫނީ ބައެއް ކަންކަމުގައި އިސްކޮށް އުޅުއްވާ ރޭނިސް ސަލީމް ވަނީ، ވިލިމާލެ ދާއިރާގެ އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތު ކުރައްވައި ޕާޓީއަށް ރަސްމީކޮށް ޝަކުވާ ހުށަހަޅުއްވައިފަ އެވެ. ވޯޓު ނެގި ދުވަހު ވެސް އޭނާ ވަނީ ވޯޓުލާ މަރުކަޒުގައި ވެސް އިތުރަށް ކަރުދާސްއަޅާފައިވާ މައްސަލަ ނަންގަވައިފަ އެވެ.

ރޭނިސް ސަލީމް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ބައެއް އިސް ބައެއް ބޭފުޅުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޔާމީނާއި ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެގެން ކަަމަށް ބުނެ ވޯޓު ފޮއްޓަށް އިތުރަށް ވޯޓު ކަރުދާސް އަޅާފައިވާ ކަމަށެވެ. ޕީޕީއެމްގެ ތެރެއިން ވޯޓު ކަރުދާސް މުހައްމަދު އިސްމާއީލާ ހަވާލުކުރީ، ސަލީމް ތުހުމަތު ކުރެއްވި ގޮތުގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޝިޔާމްގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު ހިމެނިވަޑައިގެންނެވެ.

"މިކަމުގައި ބައިވެރިވި އެހެން ބޭފުޅުން އަޅުގަނޑުގެ ގާތުގައި އެކަމަށް ވަނީ އިއުތިރާފުވެފައި. އެހެންކަމުން ތިބޭފުޅުންނަށް އަޅުގަނޑު އެދެނީ ކުރިއެރުމާއި ކާމިޔާބު. އަޅުގަނޑުގެ ހިތުގައި ތި ބޭފުޅުންނާ މެދު އެއްވެސް ހިތްބުރަކަމެއް ނެތް. ވަރަށް ހެޔޮއެދުމާއި ސަލާމް،" އޭނާ ފޮނުއްވި މެސެޖުގައި ވިދާޅުވި އެވެ.

ސަލީމްގެ މި ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށް ޕީޕީއެމުން ބުންޏެވެ. ސަލީމް ވެސް އަދި މި މައްސަލާގައި ވާހަކައެއް ނުދައްކަވަ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ ޕާޓީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅެއްގެ އަތްޕުޅަށް ވޯޓު ކަރުދާސް ނާރާނެ ކަމަށެވެ. އިންތިހާބު ކުރިއަށް ގެންދިޔައީ ވަކި ކޮމިޓީއަކުން ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގެ ވޯޓު ނެގުން ކުރިއަށް ދިޔައިރު ވޯޓުލާ މަރުކަޒެއްގައި އެ ޕާތީގެ މެމްބަރުންތަކެއް މަޑުކޮށްލައިގެން. -- ފޮޓޯ | ޕީޕީއެމް

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގެ ވޯޓު ނެގުން ކުރިއަށް ދިޔައިރު ވޯޓުލާ މަރުކަޒެއްގައި އެ ޕާތީގެ މެމްބަރުންތަކެއް މަޑުކޮށްލައިގެން. -- ފޮޓޯ | ޕީޕީއެމް

ތޮލާލް ވިދާޅުވި ގޮތުގައި ވިލިމާލެ ވޯޓު ފޮށީގައި ވޯޓުލީ މީހުންނަށް ވުރެ އިތުރަށް ކަރުދާސް ހުރި މައްސަލަ ވަނީ އަނގަބަހުން ހުށަހަޅައިފަ އެވެ. އެ ޝަކުވާއަކީ އެ ފޮށީގައި އިތުރަށް ހަތަރު ވޯޓު ކަރުދާސް އޮތުމެވެ.

"އެއީ، ނަތީޖާއަށް އަސަރުކުރާ ވަރުގެ ކަމެއް ނޫން. ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގު ބޮޑު. ހުށަހެޅި ޝަކުވާ ކޮމިޓީއަކުން އަންނަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއްގައި ވެސް ވޯޓުލީ މީހުންނަށް ވުރެ ކަރުދާސް އިތުރުވި މައްސަލައެއް އަންނަނީ ބަލަމުން ކަމަށެވެ.

މިގޮތަށް މައްސަލައެއް ދިމާވިޔަސް ޕީޕީއެމުންގެ ވޯޓު ކަރުދާސްތައް ނަގައި ފޮށިތަކަށް އެޅުމުގެ ޖާގައެއް އިންތިހާބު އިންތިޒާމްކޮށްފައި އޮތް ގޮތުން ނޯންނާނެ ކަމުގެ ޔަގީންކަން ތޮލާލް ދެއްވަ އެވެ.

"ވޯޓުލުމާ ހަމައަށް އެއްވެސް ބޭފުޅަކަށް ވޯޓު ކަރުދާސް ފެނިފައެއް ނޯންނާނެ، ނަމޫނާއެއް ވެސް ދައްކާފައެއް ވެސް ނޯންނާނެ،" ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނަށް އަމާޒުކުރި ތުހުމަތު ދިފާއު ކުރައްވައި ތޮލާލް ވިދާޅުވި އެވެ.

ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެ އިންތިހާބަކީ އެހެން ޕާޓީތަކަށް ދެއްކި ނަމޫނާއެކެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބު، އެ މަނިކުފާނުގެ ވެރިކަމުގައި ސިމެންތިގަށާ މެޝިންތަކާއި ތާނގީތަކަށް އަޅައިގެން ނަތީޖާ އިއުލާންކުރި ގޮތަށް ޕީޕީއެމުން ނުކުރާނެ ކަމަށް ވިދާޅުވެ، ޔާމީން ފާޑުވިދާޅުވި އެވެ.

ޕީޕީއެމާއި އެމްޑީޕީގެ އިންތިހާބުގެ ތަފާތު ދައްކަވައި އެމްޑީޕީން ޑިމޮކްރަސީގެ ވާހަކަ ނުދައްކަން ޔާމީން އެދިވަޑައިގަތުމުން، އެ ހާލަތު ކުރިމަތިކުރުވީ ހައްގުތައް ހިފަހައްޓަވައި އެމަނިކުފާނުގެ ވެރިކަމުގައިކަން ހަނދާންކޮށްދީ އެމްޑީޕީގެ މެމްބަރުން ވެސް ގެންދަވަނީ ރައްދު ދެމުންނެވެ.