Roadha Mihaaru
ރީކޯ އެމްޑީޕީއާ ގުޅުމަކީ ލިބުނު ހިތްވަރެއް: ރައީސް

ރީކޯ މޫސަ އެމްޑީޕީއާ ގުޅުމަކީ ލިބުނު ހިތްވަރެއް: ރައީސް

08 ނޮވެމްބަރ 2022

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަކީ އެންމެންނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަކީ އެންމެންނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ސިޔާސީ ދާއިރާއާ ދެ ތިން އަހަރު ވަންދެން ދުރުގައި ހުންނެވުމަށްފަހު، މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ ވަނީ އަލުން އެމްޑީޕީއަށް ގުޅިވަޑައިގެން، ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ފޯމު ހަވާލުކުރައްވައިފަ އެވެ.

މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެ މަނިކުފާނަށް ތާއިދުކުރައްވާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމަށްފަހު ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މޫސަ އަލުން އެ ޕާޓީއަށް ގުޅިވަޑައިގަތުމަކީ އެންމެންނަށް ވެސް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އޭނާއަކީ އަބަދު ވެސް އިސްލާހެއް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެމްޑީޕީއަށް މަރުޙަބާ." ޓްވީޓުގައިވެ އެވެ.

ޕާޓީގެ އިސްވެރިންނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އެތައް ދުވަހަކު އުޅުއްވުމަށް ފަހު، އެމްޑީޕީގެ ދަފްތަރުން ރީކޯގެ ނަން އުނިކުރީ ނޮވެމްބަރު 28، 2016 ގަ އެވެ. އެއީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެ ޕާޓީގެ ތްރީ ލައިން ވިޕާ ޚިލާފުވެ ވަޑައިގަތް މައްސަލައިގަ އެވެ.

އޭގެ ފަހުން ރީކޯ ޖުލައި 11، 2017 ގައި ސޮއިކުރެއްވީ އޭރު ވެރިކަން ކުރަމުން ދިޔަ ޕީޕީއެމަށެވެ. ނަމަވެސް، އެ ވެރިކަން ނިމުނު ފަހުން ޕީޕީއެމްގެ ހަރަކާތްތަކުން ރީކޯއެއް ނުފެނެ އެވެ. ފާއިތުވި އަހަރުތަކުގައި ރީކޯ ބޮޑަށް މަސައްކަތްކުރެއްވީ އަމިއްލަ ވިޔަފާރި ފުޅާކުރެއްވުމަށެވެ. ލ. އަތޮޅުގައި "ރަހާ" ގެ ނަމުގައި ނޮވެމްބަރު، 2019 ގައި ރިސޯޓެއް ހުޅުވައި އެ ތަނުގައި ގިނަ ވަގުތު ހޭދަކުރެއްވި ނަމަވެސް މި ފަހުން އޭނާ ގެންދެވީ މި ސަރުކާރުގެ ބައެއް ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ރީކޯ ވިދާޅުވީ ސިޔާސީ ކަންކަމުގައި އަމަލީގޮތުން ނޫޅުއްވި ނަމަވެސް ހިތް އޮތީ އެމްޑީޕީގައި ކަމަށެވެ.