Roadha Mihaaru
ފުރުސަތު ގެއްލޭ ގޮތް ހެދީ ގާނޫނާ ހިލާފަށް: ދިރާގު

ފުރުސަތު ގެއްލޭ ގޮތް ހެދީ ބްރޯޑްކާސްޓިން ގާނޫނާ ހިލާފަށް: ދިރާގު

07 ނޮވެމްބަރ 2022

ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭ ގޮތަށް ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ގަވާއިދަށް ބަދަލު ގެނައީ ބްރޯޑްކާސްޓިން ގާނޫނާ ހިލާފަށް ކަމަށް ދިރާގުން ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ހިދުމަތް ނުދެވޭ ގޮތަށް ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ގަވާއިދަށް ބަދަލު ގެނައީ ބްރޯޑްކާސްޓިން ގާނޫނާ ހިލާފަށް ކަމަށް ދިރާގުން ބުނެފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ގަވައިދަށް ބަދަލު ގެނައުމުން ދިރާގު ޓީވީގެ ލައިސަންސް އާކުރެވެން ނެތުމުން ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާއާ ގުޅިގެން މިއަދު ކޯޓުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ވަކީލް ހުސެން ސިރާޖު ވިދާޅުވީ ރީބްރޯޑްކާސްޓްކުރުމުގެ ލައިންސަންސް ދިރާގަށް ލިބިފައިވަނީ ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން ކަމަށެވެ. ގަވައިދަށް ބަދަލު ގެނައީ ގާނޫނުގެ ދަށުން ލިބޭ ބާރުގެ ދަށުން ކަމަށް ކޮމިޝަނުން ބުނި ނަމަވެސް ދިރާގުން ކޯޓުގައި ބުނީ ގާނޫނުގައި ނެތް ޝަރުތުތަކެއް ކަނޑަނޭޅޭނެކަން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އެނގޭ ކަމަށެވެ.

ސިރާޖު ވިދާޅުވީ ގާނޫނުގެ 28 ވަނަ މާއްދާގައި، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އޮތް ފަރާތުން ލައިސަންސް އާކުރަން ހުށަހަޅާއިރު ހުންނަންޖެހޭ ޝަރުތުތައް ބަޔާންކޮށްފައިވާ ކަމަށެވެ. ވަކީލް ވިދާޅުވީ އެ ޝަރުތުތައް ދިރާގުގެ ކިބައިގައި ފުރިހަމަވާ ކަމަށެވެ. އެކަމަކު ކޮމިޝަނުން ލައިސަންސް އާކޮށް ނުދޭން ނިންމީ ގަވައިދަކާ ހަވާލާދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްބީސީގެ އެ ނިންމުމަކީ ބްރޯޑްކާސްޓިން ގާނޫނުގެ 25 ވަނަ މާއްދާ އާއި 29 ވަނަ މާއްދާ އާއި 30 ވަނަ މާއްދާއާ ހިލާފް ނިންމުމެއް ކަމަށް ކަނޑަައަޅައިދިނުމަށާއި ދިރާގަކީ ރީބްރޯޑްކާސްޓް ކުރުމުގެ ލައިންސަންސަށް ޝަރުތު ހަމަވާ ކުންފުންޏެއް ކަމަށްވާ ކަނޑައަޅައިދިނުމަށް ދިރާގުން ވަނީ ދައުވާގައި އެދިފަ އެވެ.

ސިރާޖު ވިދާޅުވީ ގާނޫނުގައި ބުނާ ޝަރުތުތައް ދިރާގުގެ ކިބައިން އުނި ނުވާ ކަމަށެވެ. އެހެންވެ އިދާރީ ގަވައިދަކާ ހަވާލާދީ، ލައިންސަންސް އާކޮށްނުދޭން ނިންމި ނިންމުމަކީ ދިރާގަށް ހައްގުތަކެއް ގެއްލިގެންދާ ނިންމުމެއް ކަމަށް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ މިއީ ވާދަވެރި މާކެޓެއް އޮތް ދާއިރާއެއް ކަމަށާއި މިއީ އެތައް ދުވަހަކުން ކަސްޓަމަ ބޭސްއެއް އުފެއްދޭ ހިދުމަތެއް ކަމަށެވެ. މިހާރު ދިރާގު ޓީވީގެ ޑޮމެސްޓިކް ފަނަރަ ވަރަކަށް ހާސް ކަސްޓަމަރުން އަދި އަދި ކޮމާޝަލް ކަސްޓަމަރުންގެ އަދަދު ވެސް 1،400 އަށް ވުރެ ގިނަ ކަމަށް ސިރާޖު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދިރާގު ޓީވީ އަކީ ތިރީހަކަށް މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ހިދުމަތެއް ކަމަށެވެ.

ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން ދިރާގަށް 10 އަހަރުގެ ރީބްރޯޑްކާސްޓިން ލައިންސަންސް ދިނީ ޖެނުއަރީ 30، 2013 ގަ އެވެ. މި މުއްދަތު ހަމަވަނީ ޖެނުއަރީ 29، 2023 އަށެވެ. ކޮމިޝަނުން ނިންމާފައި ވަނީ މިހާރު ގަވައިދަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން، މުއްދަތު ހަމަވުމަށް ފަހު ދިރާގަށް ލައިސަންސް އާކޮށްނުދޭށެވެ.

ދިރާގުން ބުނީ ގާނޫނުގައި ބުނާ ގޮތަށް، ލައިންސަންސްގެ މުއްދަތު ހަމަވާން ތިން މަސް ދުވަހަށް ވުމުން ލައިންސަންސް އާކުރުމަށް އެދުމުން، މިހާރު އޮތް ލައިންސަންސް އާކޮށްނުދޭން ނިންމާފައި ވާތީ ދިރާގު ޓީވީގެ ކަސްޓަމަރުން ގެއްލި ދިރާގަށް އިޔާދަ ނުކުރެވޭނެ ގެއްލުމެއް ވެދާނެ ކަމަށެވެ. އެހެންވެ ދިރާގުން އެދުުނީ ކޮމިޝަަނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި ހުކުމް ކުރުމާ ހަމައަށް، ރިބްރޯޑްކާސްޓްކުރުުގެ ހައްގު ދިރާގަށް އޮންނާނެ ކަމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ލައިންސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ކޯޓުން މައްސަލަ ނިންމާނެ ކަމުގެ ޔަގީންކަމެއް އޮތް ނަމަ ވަގުތީ އަމުރެއް ނުނެރުނަސް މައްސަލައެއް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ވަކީލް ޝާން ސޯލިހް މުހައްމަދު ވަނީ ދިރާގުން ކޮށްފައިވާ ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެދިފައިވާ ވަގުތީ އަމުރާއި ދައުވާގެ ހުކުމުގެ ނަތީޖާ އެއްގޮތް ކަމަށާއި އެހެންވެ ވަގުތީ އަމުރެއް ނެރެން ނުޖެހޭ ކަމަށެވެ.

މިއަދު ޝަރީއަތް ނިންމާލެއްވީ ވަގުތީ އަމުރާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަން އިއުލާނުކުރައްވަމުންނެވެ.