Roadha Mihaaru
ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް

ޕާކިސްތާން ބަލިކޮށް ފައިނަލުގެ ފަހު ޖާގަ އޮސްޓްރޭލިއާ އަށް

12 ނޮވެމްބަރ 2021

ދުބާއީ (ނޮވެމްބަރު 12) - މެޗުގައި އެއް އޯވަރުގެ ކުޅުން ބާކީ އޮއްވައި އޮސްޓްރޭލިއާ އިން ފަސް ވިކެޓުން ޕާކިސްތާން ބަލިކޮށް ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދުބާއީ (ނޮވެމްބަރު 12) - މެޗުގައި އެއް އޯވަރުގެ ކުޅުން ބާކީ އޮއްވައި އޮސްޓްރޭލިއާ އިން ފަސް ވިކެޓުން ޕާކިސްތާން ބަލިކޮށް ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޕާކިސްތާނުން ފުރަތަމަ ކުޅެން އެރިއިރު އެޓީމުން 20 އޯވަރު ތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 176 ލަނޑު ހަދައިފަ އެވެ. އެޓީމުގެ މުހައްމަދު ރިޒްވާން 52 ބޯޅައިން 67 ލަނޑު ހެދިއިރު ފަޚަރް ޒަމާން ނުބައި ނުވެ 32 ބޯލައިން 55 ލަނޑު ހެދި އެވެ.

އޮސްޓްރޭލިއާ އިން ޖަވާބުގައި ކުޅެން އަރައި 19 އޯވަރު ތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 177 ލަނޑު ހަމަކޮށްފަ އެވެ. ނަވާރަވަނަ އޯވަރުގެ ފަހު ތިން ބޯޅަ ވެސް އެޓީމުގެ މެތިއު ވޭޑް ވަނީ ހަޔަކަށް ޖަހައިފަ އެވެ. އޭނާ ވަނީ ނުބައި ނުވެ، 17 ބޯޅައިން 41 ލަނޑު ހަދައިފަ އެވެ.

އޮސްޓްރޭލިއާގެ ކެޕްޓަން އާރޮން ފިންޗް ފުރަތަމަ ބޯޅައިން ނުބައިވިއިރު، އޭނާއާއެކު އެރި އޯޕަނިން ބެޓްސްމަން ޑޭވިޑް ވާނާ ވަނީ 30 ބޯޅައިން 49 ލަނޑު ހަދައިފަ އެވެ. އަދި އެޓީމުގެ މާކަސް ސްޓޮއިނިސް ވަނީ ނުބައިނުވެ 31 ބޯޅައިން 40 ލަނޑު ހަދައިފަ އެވެ.

މެޗުގެ 15 އޯވަރުގެ ކުޅުން ނިމުނުއިރު އޮސްޓްރޭލިއާ އަށް ހަމަކުރެވުނީ 115 ލަނޑެވެ. ނަމަވެސް އެޓީމު މޮޅުވީ ޖެހިގެން އައި ހަތަރު އޯވަރުގައި 62 ލަނޑު ހަދައިގެންނެވެ.

މިއީ 2010 ވަނަ އަހަރު މި މުބާރާތުގެ ދެވަނަ ހޯދި އޮސްޓްރޭލިއާ ޓީ20 ވޯލްޑް ކަޕް ފައިނަލުގައި ވާދަކުރާ ދެވަނަ ފަހަރެވެ. ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރު އެޓީމު ބަލިވީ، މިއަހަރުގެ ފުރަތަމަ ސެމީގައި ނިއުޒިލެންޑް އަތުން ބަލިވި އިންގްލެންޑް އަތުންނެވެ.

އޮސްޓްރޭލިއާ އާއި ނިއުޒިލެންޑް ބައްދަލުކުރާ މި އަހަރުގެ ޓީ20 ވޯލްޑް ކަޕްގެ ފައިނަލް އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރެއެވެ.