Roadha Mihaaru
ފައިސާ ނުލިބެނީސް މުޒާހަރާ ނުހުއްޓާނަން: މަސްވެރިން

ފައިސާ ނުލިބެނީސް މުޒާހަރާ ނުހުއްޓާނަން: މަސްވެރިން

13 ނޮވެމްބަރ 2022

ލ. މާންދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާތައް ހުއްޓާލަނީ އެ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ލިބުމުން ކަމަށް އެ މީހުން ބުނެފި އެވެެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ލ. މާންދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާތައް ހުއްޓާލަނީ އެ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ލިބުމުން ކަމަށް އެ މީހުން ބުނެފި އެވެެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާ ކަމަށް ބުނެ، ނުރުހުން ފާޅުކޮށް މާންދޫގައި ހިންގާ މަސް ފެކްޓަރީގެ ބޭރުގައި ގިނަ އަދަދެއްގެ މަސްވެރިން މުޒާހަރާ ކުރަން ފެށީ އިއްޔެ އެވެ. އެ މީހުން ބުނާ ގޮތުގައި ކިރާ މަހަށް ފައިސާ ލިބެނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ.

އަދި މިހާތަނަށް މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ އޮތް ކަމަށް ވެސް އެ މީހުން އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މަސްވެރިއަކު "މިހާރު" އަށް ބުނީ މުޒާހަރާތައް ހުއްޓާލާނީ އެ 21 މިލިއަން ރުފިޔާ ލިބުމުން ކަމަށެވެ. ނުވަތަ އެ ފައިސާއިން މަދުވެގެން އެއްބައި ލިބިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާރު ވެސް ހޮރައިޒަން [މާންދޫ ހިންގާ ކުންފުނީ)ގެ މީހުން ވާހަކަ ދައްކަމުން އެ ދަނީ. އެ ބޭފުޅުން ބުނަނީ ފައިސާ ދެވޭނެ ދުވަހެއް ނޭނގެއޭ. ވަގުތުން ހަމައެެއް ނުޖެއްސޭނެއޭ އެ ފައިސާއެއް. އަދި ކުރިއަށް އޮތް ހަފުތާގައި ވެސް ހަމަޖެހޭކަށް ނެތޭ،" އެ މަަސްވެރިޔާ ބުންޏެެވެ.

މާސްދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ.-- ފޮޓޯ: ސޯޝަލް މީޑިއާ

މާސްދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ.-- ފޮޓޯ: ސޯޝަލް މީޑިއާ

"އަޅުގަނޑުމެން މި ތިބީ މުޒާހަރާތައް ހުއްޓާލާ ގޮތަކަށް ނޫން. ހަމަ ކުރިއަށް ގެންދާނަން އެ ފައިސާ ލިބެންދެން. ނޫނީ އެ ފައިސާއިން އެއްބައި ލިބެންދެން."

އެ މުޒާހަރާގައި އިތުރު މަސްވެރިން ބައިވެރިވަމުން ދާއިރު، މިހާރު 26 ދޯންޏަކުން 300 އަށް ވުރެ ގިނަ މަސްވެރިން ދަނީ ބައިވެރިވަމުންނެވެ.

އެކަމަކު ހޮރައިޒަނުން ނެރުނު ބަޔާނެއްގައި ބުނީ މާންދޫ ފެކްޓަރީ އަށް ގަތުމަށް ފަހު، އެއްބަސްވާ މުއްދަތުގެ ތެރޭގައި ފައިސާ ދިނުމަކީ ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއް ކަމަށެވެ.

ނަމަވެސް މި ދުވަސްވަރަކީ މަސްވެރިން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ދަށް ދުވަސްވަރެއް ކަމަށާއި އޭގެ އަސަރު ޕްރައިވެޓް ކުންފުނިތަކަށް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އޭގެ ސަބަބުން ކުންފުނި ހިންގަން ދަތިވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެނީ ދަރަންޏަށް ފައިސާ ހޯދައިގެންނާއި އެ ކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުގެ އެހީގައި ކަމަށް ވެސް ހޮރައިޒަން އިން ބުންޏެވެ.