Roadha Mihaaru
ކޯކުގެ ބުއިންތައް ރާއްޖެއިން އުފައްދާ ދަޅުގައި މާކެޓަށް

ރާއްޖޭގައި އުފައްދާ ދަޅުގައި ކޮކާކޯލާގެ ބުއިންތައް ބަންދުކޮށް މާކެޓަށް ނެރެފި

15 ނޮވެމްބަރ 2022

ކޮކާ ކޯލާ ކުންފުނިން ފުރަތަމަ ފަހަރަށް، އެ ކުންފުނިން ސީދާ ރާއްޖޭގައި އުފައްދާ ދަޅުގައި ބުއިންތައް ބަންދުކޮށް މާކެޓްކުރަން ފަށައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ކޮކާ ކޯލާ ކުންފުނިން ފުރަތަމަ ފަހަރަށް، އެ ކުންފުނިން ސީދާ ރާއްޖޭގައި އުފައްދާ ދަޅުގައި ބުއިންތައް ބަންދުކޮށް މާކެޓްކުރަން ފަށައިފި އެވެ.

ކޮކާ ކޯލާއިން ބުނީ އެއީ ދެމެހެއްޓެނިވި ޕެކޭޖިން ސޮލިއުޝަންތައް ތައާރަފްކުރުމުގެ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) ގެ އާ އިންވެސްޓްމަންޓުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ރާއްޖޭގައި އުފަދްދައި ދަޅުގައި ކޮކާ ކޯލާ ބަންދުކޮށްފައި --ފޮޓޯ: ކޮކާ ކޯލާ

ރާއްޖޭގައި އުފަދްދައި ދަޅުގައި ކޮކާ ކޯލާ ބަންދުކޮށްފައި --ފޮޓޯ: ކޮކާ ކޯލާ

ކ. ތުލުސްދޫގައި ހުންނަ އެމްއޭޑަބްލިއުސީގެ ބޮޓްލިން ޕްލާންޓްގައި އަލަށް ގާއިމްކުރި ކޭނިން ލައިނާ އެކު ކޮކާ ކޯލާއިން ރާއްޖޭގައި ވިއްކާ ޕެކޭޖިން ރޭންޖް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އާ އިންވެސްޓްމެންޓާ އެކު ކޮކާ-ކޯލާ، ކޮކާ-ކޯލާ ޒީރޯ ޝުގާ، ޑައިޓް ކޯކް، ސްޕްރައިޓް، ފެންޓާ އޮރެންޖް، ފެންޓާ ސްޓްރޯބެރީ އަދި ޝްވެޕްސް ރޭންޖް މިހާރު ރާއްޖޭގައި އުފައްދާފައިވާ 330 އެމްއެލް އަދި 185 އެމްއެލްގެ ދަޅުގައި ލިބެން ހުންނާނެ އެވެ.

ބަންދުކޮށްފައި ހުރި ކޯލާ ދަޅުތަކެ--ފޮޓޯ: ކޮކާ ކޯލާ

ބަންދުކޮށްފައި ހުރި ކޯލާ ދަޅުތަކެ--ފޮޓޯ: ކޮކާ ކޯލާ

ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކޮށް، އެ ކުންފުނީގެ ޕެކެޖިން ބޭނުންކުރުމުގެ ވަށާޖެހޭ އިގްތިސޯދެއް އުފެއްދުމަށްޓަކައި ކޮކާ ކޯލާއިން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.

ދާދި ފަހުން، އެ ކުންފުނިން ވަނިީ ސްޕްރައިޓްގެ މަޝްހޫރު ފެހި ކުލައިގެ ފުޅީގެ ބަދަލުގައި އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްފަ އެވެ. އެ ފުޅި ބޭނުންކުރުމަށް ފަހު އެއްކޮށް، ރީސައިކަލްކޮށް، އަލުން ބޭނުންކުރުމުގެ ފުރުސަތު ބޮޑުވެ، ރާއްޖޭގައި ޕްލާސްޓިކަށް ވަށާޖެހޭ ހައްލެއް ހޯދުމަށް އެހީތެރިވެދޭނެ ކަމަށް ކޮކާ ކޯލާއިން ބުންޏެވެ.

އެ ކުންފުނީގެ ބުއިންތަކުގެ ތެރޭގައި ހިމެނޭ ކޮކާ-ކޯލާ، ސްޕްރައިޓް، ފެންޓާ، ޝްވެޕްސް އަދި ބޮނަކުއާ ބިއްލޫރި ފުޅިތަކުގައި ލިބޭނެ އެވެ.

ޕެކޭޖިން ބަދަލުކުރުމުގެ އިތުރުން ޕްލާސްޓިކް ކުނި ނައްތާލުމަށް އަމަލީ ގޮތުން ހައްލު ހޯދުމުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކާ އެކު ވެސް ކޮކާ-ކޯލާ އިން ވަނީ ވަރުގަދަ ޕާޓްނަޝިޕެއް ގާއިމްކޮށްފަ އެވެ.

ރާއްޖޭގައި އުފައްދާ ދަޅުގައި ބަންދުކޮށް މާކެޓަށް ނެރެފައިވާ ދަޅުތަކެއް --ފޮޓޯ: ކޮކާ ކޯލާ

ރާއްޖޭގައި އުފައްދާ ދަޅުގައި ބަންދުކޮށް މާކެޓަށް ނެރެފައިވާ ދަޅުތަކެއް --ފޮޓޯ: ކޮކާ ކޯލާ

"ކޮކާ-ކޯލާއިން އަންނަނީ ރާއްޖެ އާއި ދުނިޔެއަކީ އެންމެންނަށް ވެސް ރަނގަޅު ތަނަކަށް ހެދުމަށްޓަކައި، ބޭނުންކުރުމަށް ފަހު އުކާލާ ޕެޓް ފުޅި އެއްކޮށް އަދި މިފަދަ ކަންކަމުގެ ތަޖުރިބާ ހިއްސާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ދެމެހެއްޓެނިވި އިގްތިސާދަކަށް އެޅޭ ފިޔަވަޅުތައް ފުޅާކުރަމުން." ކޮކާ-ކޯލާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ އުދެއްދުންތަކުގެ ޕެކެޖިން ރިސައިކަލް ކުރުމަށް ކުރާ މަސައްކަތްތަކަށް އިންވެސްޓް ކުރުމުގައި ދެމިހުންނާނެ ކަމަށެވެ.

އެމްއޭޑަބްލިއުސީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވިގޮތުގައި، އެ ކުންފުނީގެ މަގްސަދަކީ އާ އިންވެސްޓްމަންޓްތަކުން އިގްތިސާދީ ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ.

"ކަސްޓަމަރުންނާއި ފަތުރުވެރިކަމުގެ ސިނާއަތަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭއިރު، އަޅުގަނޑުމެންގެ ޕެކޭޖިންގެ ވަށައިގެން ވަށާޖެހޭ އިގްތިސާދީ ވިސްނުމެއް އާލާކޮށް، ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރެވޭނެ ގޮތްތައް ހޯދުމުގައި ވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވޭ،" ސަންޖޭ ވިދާޅުވި އެވެ.