Roadha Mihaaru
ވޯލްޑް ކަޕް ބޯޅައިގައިވާ ކުޑަ ޗިޕަކުން ބޮޑު މަންޒަރެއް

ވޯލްޑް ކަޕް ބޯޅައިގައިވާ ކުޑަ ޗިޕަކުން ބޮޑު މަންޒަރެއް

21 ނޮވެމްބަރ 2022

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ރޭ، ގަތަރާއި އިކުއެޑޯ ބައްދަލު ކުރި މެޗުގައި އިކުއެޑޯއިން، ގަތަރުގެ ގޯލަށް ވައްދާލި ފުރަތަމަ ބޯޅައިން ގޯލެއް ކަމަށް ރެފްރީ ނިންމިއަސް، އޭގެ ހަތަރު ވަރަކަށް މިނެޓް ފަހުން އެކަން ބަދަލު ކުރަން ޖެހުނީ ބޯޅައިގެ އެތެރޭގައި ހަރުކޮށްފައިވާ ޗިޕުން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އޮފިޝަލުންނަށް ފޯރުކޮށްދިން މައުލޫމާތުންނެވެ.

"އަލް ރިހްލާ" ގެ ނަން ދީފައިވާ މި ބޯޅައަކީ، ވޯލްޑް ކަޕުގެ ތާރީހުގައި ސެންސާ ޗިޕް ބޭނުން ކުރާ ފުރަތަމަ ބޯޅަ އެވެ.

ބޯޅަ އުފެއްދި ޖަރުމަންގެ އެޑިޑާސް ކުންފުންޏާއި ފީފާ ގުޅިގެން އާންމުކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުން ބޯޅައިގައި ހަރުކޮށްފައިވާ ޗިޕު މެދުވެރިކޮށް ވީޑިއޯ އެސިސްޓެންޓް ރެފްރީންނާއި ކޯޗުންނާއި މީޑިއާތަކަށް ހަމަ ވަގުތުން ޑޭޓާ ފޯރުކޮށްދޭނެ އެވެ. މިސާލަކަށް: އޮފްސައިޑް ނިންމުންތައް ނިންމުގައި ވަރަށް އަވަހަށް ސަމާލުކަމަށް ގެންނާނެ އެވެ.

ބޯޅައިގައި ޗިޕް ހަރުކޮށްފައި

ބޯޅައިގައި ޗިޕް ހަރުކޮށްފައި

މި ޗިޕް ސިސްޓަމް، ވަޔާލެސްކޮށް ގުޅާލާފައި ވަނީ ސްޓޭޑިއަމްތަކުގެ ފުރާޅު ދަށުގައި ހުރި 12 ވަރަކަށް ޓްރެކިން ކެމެރާގެ ޑޭޓާ އާއެވެ.

ނެޓްވޯކް ސިސްޓަމުން ގުޅާލަފައިވާ ބޯޅަ ވޯލްޑް ކަޕްގެ 64 މެޗުގައި ވެސް ބޭނުން ކުރާނެ އެވެ. މި ޗިޕް ހަރުކޮށްފައި ހުންނާނީ ކޮންމެ މެޗަކަށް ގެންދާ ބޯޅަތަކުގައި އެކަންޏެވެ.

"ކޮންމެ ދަނޑެއްގައި 12 ޑެޑިކޭޓެޑް ކެމެރާއިން ބޯޅަ ޓްރެކް ކުރުމުގެ އިތުރުން ކުޅުންތެރިން ވެސް ޓްރެކް ކުރާނެ. އޮފްސައިޑް ވެއްޖެ ހާލަތެއްގައި ކަމާގުޅޭ ކޮންމެ ހަރަކާތެއްގެ ތަފުސީލީ ޑޭޓާ ފޯރުކޮށްދޭނެ،" ބޯޅަ އާ ބެހޭގޮތުން ފީފާއިން އާންމު ކުރި މައުލޫމާތުތަކުގައި ލިޔެފައި ވެއެވެ.

ބޯޅައިގައި ޗިޕް ހަރުކޮށްފައިވާ ރަބަރު އެތިކޮޅު: މީތިކޮޅު އިންނަނީ ބޯޅައިގެ އެތެރޭ ހަރުކޮށްފަ

ބޯޅައިގައި ޗިޕް ހަރުކޮށްފައިވާ ރަބަރު އެތިކޮޅު: މީތިކޮޅު އިންނަނީ ބޯޅައިގެ އެތެރޭ ހަރުކޮށްފަ

"ވީއޭއާރުގެ އޮފިޝަލުންނަށް ސިކުންތަކަށް 500 ފަހަރު ޑޭޓާ ފޯރުކޮށްދީ، ބޯޅައިގެ ކޮންމެ މިނެޓެއް އަތްލުމާއި ހަރަކާތް ޓްރެކް ކުރެވޭނެ އެވެ."

އެޑިޑާސްއިން ބުނި ގޮތުގައި ބޯޅައިގައި ހުންނަ ސެންސަރުގެ ޗިޕްގެ ސަބަބުން ބޯޅައިގެ ސްޕީޑަށް އަސަރެއް ނުކުރާނެ އެވެ. އަދި މެޗުގައި ބޯޅަ ޖެހުމުގައި ވެސް ކުޅުންތެރިންނަށް ބަރުކަމެއް އިހްސާސެއް ނުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްޓޭޑިއަމްގައި ކެމެރާ ހަރުކޮށްފައި: މި ކެމެރާތަކާ ބޯޅައިގެ ޗިޕާ ވަނީ ވަޔަލެސްކޮށް ގޫޅާލާފަ

ސްޓޭޑިއަމްގައި ކެމެރާ ހަރުކޮށްފައި: މި ކެމެރާތަކާ ބޯޅައިގެ ޗިޕާ ވަނީ ވަޔަލެސްކޮށް ގޫޅާލާފަ

“މި ޓެކްނޮލޮޖީއަކީ މުބާރާތަށް އިންސާފް ކުރާ ރެފްރީންނާއި ވާދަ ކުރާ ޓީމުތަކާއި ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވީހާވެސް ރަނގަޅު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފީފާ އާއި އަހަރެމެންގެ ޕާޓްނަރު އެޑިޑާސް އިން ތިން އަހަރު ވަންދެން ހެދި ދިރާސާތަކުގެ ނަތީޖާ،" ފީފާގެ ޑިރެކްޓަރު ފުޓްބޯލް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން ޖޯހަންސް ހޯލްޒްމުލާ ވިދާޅުވެފައި ވެއެވެ.

މި ބޯޅަ ވޯލްޑް ކަޕަށް އައުމުގެ ކުރިން ވަނީ ފީފާ އެރަބް ކަޕާއި މިދިޔަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގައި އަޖުމަ ބަލައި ތަޖުރިބާ ކޮށްފަ އެވެ.