Roadha Mihaaru
ގަރުނެއް ފުރޭ ވޯލްޑް ކަޕް ބާއްވަނީ ތިން ބައްރުގައި

ވޯލްޑް ކަޕަށް ގަރުނެއް ފުރުން ފާހަގަ ކުރަން 2030 ގެ މުބާރާތް ތިން ބައްރުގައި ބާއްވަނީ

05 އޮކްޓޯބަރ 2023

ނިއޯން (އޮކްޓޫބަރު 5) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވަން ފެށިތާ 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން 2030 ވަނަ އަހަރުގެ މުބާރާތް ތިން ބައްރެއްގައި ބާއްވަން ފުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނިއޯން (އޮކްޓޫބަރު 5) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވަން ފެށިތާ 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން 2030 ވަނަ އަހަރުގެ މުބާރާތް ތިން ބައްރެއްގައި ބާއްވަން ފުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފި އެވެ.

މުބާރާތުގެ ކޯ ހޯސްޓުންނަކީ ޔޫރަޕްގެ ސްޕެއިން އާއި ޕޯޗުގަލް އަދި އެފްރިކާ ބައްރުގެ މޮރޮކޯ އެވެ. މީގެ އިތުރުން މުބާރާތުގެ ފުރަތަމަ ތިން މެޗު ކުޅުވަން ހަމަޖެހިފައި ވަނީ ދެކުނު އެމެރިކާ ބައްރުގެ އުރުގުއޭ އާއި އާޖެންޓީނާ އަދި ޕެރަގުއޭގަ އެވެ.

މި ހަ ގައުމަށް ވެސް ވަނީ ވޯލްޑް ކަޕުން އޮޓަމެޓިކް ޖާގައެއް ލިބިފަ އެވެ. އަދި އެ މުބާރާތް ވެގެން ދާނީ އެކި ބައްރުތަކުގައި ވޯލްޑް ކަޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރަށެވެ.

މި ނިންމުން ތަސްދީގު ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރު ބާއްވާ ފީފާ ކޮންގްރެސްގަ އެވެ.

ދެކުނު އެމެރިކާ އާއި ޔޫރަޕް އަދި އުތުރު އެފްރިކާ ގައި 2030 ގެ ވޯލްޑް ކަޕް ބާއްވާއިރު، ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިން މުބާރާތް ތެރޭގައި ތަފާތު މޫސުން ތަޖުރިބާ ކުރަން ޖެހޭނެ އެވެ.

ގިނަ ބައްރުތަކެއްގައި މުބާރާތް ބާއްވަން ނިންމުނުން ޔޫރަޕްގެ ފުޓްބޯޅަ ސަޕޯޓަރުންގެ ޖަމިއްޔާ އިން ވަނީ ފީފާ އަށް ފާޑުކިޔައިފަ އެވެ. ނަމަވެސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނީ، ބައިބައިވެފައިވާ ދުނިޔެ އެއްބައިވަންތަ ކޮށްދެނީ ފީފާ އާއި ފުޓްބޯޅަ ކަމަށެވެ.

"ދުނިޔޭގެ ފުޓްބޯޅަ ތަމްސީލުކުރާ ފީފާ ކައުންސިލުން، ފީފާ ވޯލްޑް ކަޕަށް ގަރުނެއް ފުރުން ފާހަގަ ކުރަން ނިންމައިފިން، މީގެ ފުރަތަމަ މުބާރާތް 1930 ވަނަ އަހަރު ވަރަށް ފުރިހަމަކޮށް އުރުގުއޭގައި ބޭއްވިގެން ދިޔަ،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުންޏެވެ.

"އަންނަ 2030 ވަނަ އަހަރު އަހަރެމެން ތިން ބައްރަކަށް އަހަރެމެން ފިޔަވަޅު އަޅާނަން - އެފްރިކާ، ޔޫރަޕް އަދި ދެކުނު އެމެރިކާ - ހަ ގައުމު - އާޖެންޓީނާ، މޮރޮކޯ، ޕެރަގުއާ، ޕޯޗުގަލް، ސްޕެއިން އަދި އުރުގުއޭ - މުޅި ދުނިޔެއަށް މަރުހަބާ ކިޔައި އެއްބައިވަންތަ ކަމާއެކު ފީފާ ވޯލްޑް ކަޕަށް ގަރުނެއް ފުރުން ފާހަގަ ކުރާނީ."

ފީފާ އިން ހާމަ ކުރި ގޮތުގައި 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބަލައިގަންނާނީ އޭޝިއާ އަދި އޯޝޭނިއާ ބައްރުގެ ގައުމުތަކުން ހުށަހަޅާ ބިޑްތަކެވެ. މިއާ އެކު ސައުދީ އަރަބިއްޔާ އިން ވަނީ އެ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑް ކުރާނެކަން ހާމަ ކޮށްފަ އެވެ.