Roadha Mihaaru
ދަރި ނަފީކުރަން 35 އަހަރުފަހުން އެދުމުން ނާކާމިޔާބު

ދަރިއެއް ނޫންކަން ސާބިތުކުރަން 35 އަހަރު ފަހުން ހުށަހެޅި މައްސަލަ ހައި ކޯޓުން ވެސް ނާކާމިޔާބު

26 އޮކްޓޯބަރ 2021

ދަރިއެއް ނޫން ކަމަށް ބުނެ ޑީއެންއޭ ބޭނުން ކޮށްގެން އެކަން ސާބިތުކުރަން 35 އަހަރު ފަހުން ހުށަހެޅި މައްސަލައެއް ބެލެން ނެތް ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

ދަރިއެއް ނޫން ކަމަށް ބުނެ ޑީއެންއޭ ބޭނުން ކޮށްގެން އެކަން ސާބިތުކުރަން 35 އަހަރު ފަހުން ހުށަހެޅި މައްސަލައެއް ބެލެން ނެތް ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

ފެމިލީ ކޯޓަށް 2011 ގައި ފިރިހެނަކު މައްސަލަ ހުށަހެޅީ އޭނާގެ ކުރީގެ އަންހެނުން 1976 ވަނަ އަހަރު ވިހެއި ފިރިހެން ކުއްޖަކީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނެ އެވެ. އޭރުގެ ދަރިފުޅުގެ އުމުރުން 35 އަހަރު ވެފައިވާތީ ފެމިލީ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ 2013 ވަނަ އަހަރު އެވެ. ދެވަނަ ފަހަރަށް އެ މީހާގެ ފަރާތުން މިދިޔަ އަހަރު ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅީ އެއީ އޭނާގެ ދަރިއެއް ނޫން ކަން ޑީއެންއޭ ބޭނުންކޮށްގެން ސާބިތު ކުރުމަށެވެ. އެއީ އޭރު އަންހެން މީހާ މަރުވެފައިވާތީ އެވެ.

ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ، ފެމިލީ ކޯޓުން ބަލައިނުގަތުމަށް ނިންމީ ދަރި ނަފީ ކުރުމަށްޓަކައި ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު ހަމަވެފައިވާތީ އެވެ.

އެ މީހާ ބުނެފައިވާ ގޮތުން މައްސަލަ ހުށަހެޅުން ލަސްވީ އެއީ އޭނާގެ ދަރިއެއް ކަމަށް ރަސްމީ ލިޔުންތަކުގައި އޮތްކަން އޭނާއަށް ނޭނގޭތީ އެވެ. އަދި އަންހެން މީހާ ވަރިކުރި ފަހުން ދަރިއަކު ލިބުނު ކަން އޭނާއަށް އަންގާފައި ނެތުމުގެ އިތުރުން އެ ދަރިފުޅަށް ޚަރަދު ކުރަން އެދިފައި ނެތް ކަމަށް އެ މީހާ ބުނެފައިވެ އެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ކުއްޖާ ވިހާފައިވަނީ ދަރިލެއްވުމުގެ މުއްދަތުގެ ތެރޭގައިކަން އެ ފިރިހެން މީހާގެ އިއުތިރާފުން އެނގޭ ކަމަށެވެ. އަދި ދަރިލައްވާ މުއްދަތުގައި ކުއްޖަކު ވިހާފައިވުމަކީ އެ މީހަކަށް އެ ދަރި ނިސްބަތްވާނެ ކަމުގެ ޝަރުއީ ހުއްޖަތެއް ކަމަށާއި އެކަން ނަފީ ކުރެވޭނީ ލިއާން ކޮށްގެން ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ރާއްޖޭގައި ދަރިލެއްވުމުގެ އުސޫލުތައް ކަނޑައަޅާފައިވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒް ރިިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައިވާ ގޮތުން ދަރި ނަފީ ކުރުމަކީ ސީރިއަސް ނަތީޖާތަކެއް ނިކުންނަ ކަމަކަށް ވާއިރު، އެ ފިރިހެން މީހާގެ ފަރާތުން އަމަލުކުރި ގޮތަށް ބަލާއިރު ސީރިއަސް ކަމެއް ފެންނާކަށް ނެތެވެ.

އެގޮތުން އެ މީހާ ދަރި ނަފީކުރަން ފުރަތަމަ މައްސަލަ ހުށަހެޅީ ދަރިފުޅުގެ އުމުރުން 35 އަހަރު ވެފައި ވަނިކޮށް ކަމަށް ވުމާއި އެ މައްސަލަ ބޭރުކޮށްލުމުން ދެވަނަ ފަހަރަށް އޭނާ މައްސަލަ ހުށަހެޅީ އޭގެ ހަތް އަހަރު ފަހުން ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މައްސަލަ ބަލައިނުގަތުމަށް ފެމިލީ ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ނިޔާޒްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.