Roadha Mihaaru
އެސެޓްރިކަވާ ކުރާނެ މަގެއް ދެނެގަނެވިއްޖެ: އޭސީސީ

ދައުލަތަށް ގެއްލުނު ފައިސާ ހޯދާނެ މަގެއް ފެނިއްޖެ: އޭސީސީ

01 ޑިސެމްބަރ 2022

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި އެ ނޫން ވެސް ބޮޑެތި މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ރިކަވާ ކުރެވޭނެ ނިޒާމެއް ދެނެގަނެވިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި އެ ނޫން ވެސް ބޮޑެތި މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ރިކަވާ ކުރެވޭނެ ނިޒާމެއް ދެނެގަނެވިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އެކި މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދާނެ އެކަށީގެންވާ ނިޒާމެއް ރާއްޖޭގައި މިހާތަނަށް އެކުލަވާލައިފައެއް ނުވެ އެވެ. މިއީ, މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް, އެމްއެމްޕީއާރުސީ މެދުވެރިކޮށް ގެއްލުވާލި ފައިސާ ދައުލަތަށް ހޯދަން ބެލިއިރު ވެސް ކުރިމަތިވި ގޮންޖެހުމެކެވެ.

އޭސީސީ އާއި އޮޓިޑް އޮފީހުން ވެސް މިހާތަނަށް ބެލި މައްސަލަތަކުގައި ދައުލަތަށް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުހޯދި އެބަހުއްޓެވެ. ފައިސާ ދައްކަން މުއައްސަސާތަކުން އަންގާފައި އޮތަސް އެ ފައިސާ ނުދައްކަ އެވެ.

އޭސީސީން ބުނި ގޮތުގައި މިހާރުގެ ކޮމިޝަނުގެ މެމްބަރުން ހަވާލުވެ، އެންމެ އިސްކަމެއްގެ ގޮތުގައި މަސައްކަތްކުރީ އެސެޓް ރިކަވާ ކުރެވޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމަށެވެ. މުއައްސަސާތަކާ އެކު ކުރި މަސައްކަތުން އެ މަގު ދެނެގަނެވިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ކޮމިޝަންގެ ރައީސް އާދަމް ޝާމިލް "މިހާރު" އަށް މިދިޔަ ހަފުތާގައި ވިދާޅުވީ، ކުށްކުރުމުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދޭނެ ގޮތްތަކެއް މީގެ ކުރިން ވެސް އެކި ދިމާތަކުގައި ކަނޑައެޅިފައި އޮންނަ ކަމަށެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ނެތީ ފައިސާ އާއި މުދާ ރިކަވާ ކުރާނެ ވަށައިޖެހޭނެ ފުރިހަމަ ނިޒާމެއް ކަމަށް ވިދާޅުވި އެވެ. އެއީ ކުށްކުރަން ބޭނުންކުރި ފައިސާ އާއި ކުށް ކޮށްގެން ހޯދި ފައިސާ ދައުލަތަށް ނެގޭނެ ގޮތުގެ އޮނިގަނޑެކެވެ.

"އެއާއެކު ކުށްކޮށްގެން ހޯދާފައިވާ ފައިސާއާ މުދާ މަދަނީ މިންގަނޑުން ސާބިތުކޮށްފައި، ދައުލަތުން ގެއްލުނު ފައިސާ އާއި މުދާ އަނބުރާ ދައުލަތަށް ރުޖޫއަ ކުރުމުގެ ނިޒާމް ރާއްޖޭގައި ނެތް ކަޅާއި ހުދުން ލިޔެވިފައި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭސީސީން މުއައްސަސާތަކާ އެކު ކުރި މަސައްކަތުން ތައްޔާރުވެ ނިމިފައި މިއޮތީ މި ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވީ ކިހިނެއްކަން. ގުޅުން ހުރި މުއައްސަސާތަކާ އެއްކޮށް ފަހު ބައްދަލުވުން ދެން ބާއްވާނީ. އެއީ ޓައިމްލައިނެއް ކަނޑައަޅަން."

އޭސީސީގެ ރައީސް ޝާމިލް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭސީސީގެ ރައީސް ޝާމިލް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭސީސީން މަސައްކަތާ ހަވާލުވި އިރު އެސެޓް ރިކަވާކުރާނެ އެދެވޭ ރަނގަޅު މަގެއް ނެތަސް ނިޒާމުގައި ހުރި މައްސަލަތަކާއި ދޯހަޅިކަންތައްތަކާއި ނިޒާމު ރަނގަޅު ކުރަން ޖެހޭ ކަންކަމަށް މަސައްކަތްތައް އޮތީ ނުކުރެވި ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ދައުލަތަށް ގެއްލުނު ފައިސާ ރާއްޖެ އިން ބޭރުގައި ހުރި ކަމަށް ވެސް ތުހުމަތުކުރެ އެވެ. ރާއްޖެ ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އދ. ގެ މުއާހަދާގައި ބައިވެރިވެފަ އެވެ. އެ މުއާހަދާގައި އެސެޓް ރިކަވަރީ ވެސް ހިމެނޭއިރު ބައިވެރިންގެ މެދުގައި އެއްކޮށް މަސައްކަތްކުރަން ޖެހޭނެ ގޮތްތަކެއް ވަނީ އެކަށައަޅައިފަ އެވެ.

ރާއްޖޭގެ ގާނޫނީ ނިޒާމު އޮތް ގޮތުން ރާއްޖެއާ އެއްކޮށް މަސައްކަތްކުރާނެ ގައުމުތަކެއް ކަނޑައަޅަން ޖެހެ އެވެ. މި ބައިވެރިވުމާ އެކު ގައުމުތަކާ ގުޅިގެން ވެސް ރަނގަޅު ހައްލުތަކެއް ހޯދަން އޭސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ކޮމިޝަނުން މިހާތަނަށް ހޯދި ހައްލަކީ ރާއްޖޭގެ އެތެރޭގެ ނިޒާމުގައި ކަންކަން ހަރުދަނާވުމެވެ.

އޭސީސީން ބުނި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ވަރަށް ދުވަސްވީ މައްސަލައަކަށް ވުމާ އެކު ހެކި ހޯދުމުގައި ދިމާވާ ކަންކަމެވެ. އެއާއެކު ވެސް އޭސީސީން މި ތަހުގީގުގެ ސްޕީޑް އަވަސްކޮށްފައިވާ ކަމަށާއި ނަތީޖާ ވެސް ފެންނާނެ ކަމަށް ވިދާޅުވި އެވެ. ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް އަންދާޒާއަކީ އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވެފައިވާ ކަމެވެ. އޭސީސީން ބުނެފައިވާ ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށެވެ. އެމްއެމްޕީއާރުސީން ގެއްލުނު ފައިސާގެ ތެރެއިން ބޮޑެތި އަދަދުތަކެއް ދައުލަތަށް ހޯދަން ޖެހިފައިވާކަމަށް އޭސީސީން ބުނެފައިވެ އެވެ.