Roadha Mihaaru
ހާހެއް ދުވުންތެރިންނާ އެކު ލޯންގް ރަން ބާއްވައިފި

ހާހެއް ދުވުންތެރިންނާ އެކު ޓީއެފްޖީގެ މޯލްޑިވްސް ލޯންގް ރަން ބާއްވައިފި

09 ޑިސެމްބަރ 2022

ކޮވިޑުގެ ސަބަބުން މިދިޔަ ދެ އަހަރު ރާއްޖޭގައި ދުވުމުގެ އިވެންޓެއް ބޭއްވޭ ގޮތް ނުވުމުން ދުވުމަށް ލޯބިކުރާ މީހުން ތިބީ މާޔޫސްވެފަ އެވެ. ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އެ މާޔޫސްކަން ފިލުވައިދިނީ، މި އަހަރު ކުރީކޮޅު އިއުލާންކުރި ފުރިހަމަ ރަނިން ކަލަންޑަރާ އެކު އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކޮވިޑުގެ ސަބަބުން މިދިޔަ ދެ އަހަރު ރާއްޖޭގައި ދުވުމުގެ އިވެންޓެއް ބޭއްވޭ ގޮތް ނުވުމުން ދުވުމަށް ލޯބިކުރާ މީހުން ތިބީ މާޔޫސްވެފަ އެވެ. ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އެ މާޔޫސްކަން ފިލުވައިދިނީ، މި އަހަރު ކުރީކޮޅު އިއުލާންކުރި ފުރިހަމަ ރަނިން ކަލަންޑަރާ އެކު އެވެ.

އަހަރު ފެށީ މޭ 13 ގައި "ބީއެމްއެލް ވައު ކިޑްސް" އިންނެވެ. ޖޫން ތިނެއްގައި "އެމްވީ ރަން" އަދި ސެޕްޓެމްބަރު 2 ގައި "ބޮޑު ފަހެއް" ބޭއްވުމަށް ފަހު އަހަރު ނިންމާލީ ހުޅުމާލޭގައި މިއަދު ބޭއްވި އެ ކުންފުނީގެ ފްލެގްޝިޕް އިވެންޓް ކަމަށްވާ "ދި މޯލްޑިވްސް ލޯންގް ރަން" އިންނެވެ.

ޖުމްލަ 900 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވި މި އިވެންޓުގައު ހަތަރު ރޭހެއް އޮތެވެ. އެންމެ ފުރަތަމަ އޮތީ މެންދަމު 12:30 ގައި ފެށި ފުލް މެރެތަން (42 ކިލޯމީޓަރު) ރޭހެވެ. އޭގެ ފަހުން ހާފް މެރެތަން (21 ކިލޯމީޓަރު) ރޭސް ފެށީ މެންދަމު 3:20 ގަ އެވެ. ދެން އޮތީ ފަތިހު 5:20 ގައި ފެށި 10 ކިލޯމީޓަރު ރޭހެވެ. އަދި އިވެންޓް ނިންމާލީ ހެނދުނު 6:20 ގައި ފެށި ފަސް ކިލޯމީޓަރު ރޭހުންނެވެ.

ނޫސްވެރިޔާ ހަފްސީ (ކ) އާއި ކޯޗު ރިއްފަތު މެޑަލް ދައްކާލަނީ.

ނޫސްވެރިޔާ ހަފްސީ (ކ) އާއި ކޯޗު ރިއްފަތު މެޑަލް ދައްކާލަނީ.

ރާއްޖޭގެ ދުވުމުގެ އެހެން އިވެންޓްތަކާ ހިލާފަށް މި އިވެންޓުގައި ވަނަތަކެއް ނުހޮވަ އެވެ. ބަދަލުގައި ރޭސް ފުރިހަމަ ކުރާ ކޮންމެ މީހަކަށް މެޑަލް ދެނީ އެވެ. ޓީއެފްޖީން ދެކޭ ގޮތުގައި ދުވުމުގެ ރާސްތާ، އެ އޮންނަ ވަގުތުގެ ތެރޭގައި ފުރިހަމަކުރާ ކޮންމެ މީހަކީ "ރޭސް ވިނާ" އެކެވެ.

މި އަހަރުގެ އިވެންޓުގައި ވެސް އަލަށް ވަރަށް ގިނަ ދުވުންތެރިން ފުލް މެރެތަން ފުރިހަމަކުރި އެވެ. އާއްމުކޮށް ގިނަ ދުވުންތެރިން ފުރަތަމަ ފުލް މެރެތަން ޖަހަން ދަނީ ރާއްޖޭގެ ބޭރުގެ ފަސޭހަ ރޫޓަކަށް ކަމަށްވީ ނަމަވެސް، ވަރަށް ގިނަ ދުވުންތެރިން އަލަތު މެރެތަން އަށް ޓީއެފްޖީގެ މި އިވެންޓް ހިޔާރުކުރެ އެވެ. ސަބަބަކީ، ހުޅުމާލޭގެ ހިތްފަސޭހަ ރޫޓާއި މެންދަމު ފެށުމާއި އިންތިޒާމުތައް ރަނގަޅުވުމެވެ.

ޓީއެފްޖީ އަކީ، ރާއްޖޭގައި މެރެތަން ރޭސްތައް ހުއްޓިފައި އޮއްވާ އެ ރާސްތާގެ ރޭސްތައް ތައާރަފުކުރި ކުންފުންޏެވެ. ހަމައެކަނި އެޔެއް ވެސް ނޫނެވެ. ޓީއެފްޖީން 2013 ގައި މި އިވެންޓް ފެށީ ރާއްޖެ އަށް ޓައިމިން ޓެކްނޮލޮޖީ ތައާރަފްކޮށްގެންނެވެ. އިލެކްޓްރޯނިކް ޗިޕެއް މެދުވެރިކޮށް ރޭސް ނިންމާ ވަގުތު، އެކިއުރޭޓް ޓައިމިން ދުވުންތެރިންނަށް ބަލައިދޭން ފެށީ ޓީއެފްޖީންނެވެ. މީގެ އިތުރުން ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑަލް ދިނުމުގެ ސަގާފަތް ރާއްޖެ އަށް ތައާރަފުކުރީ ވެސް ޓީއެފްޖީންނެވެ. މީގެ އިތުރުން މާލޭގެ ހަލަބޮލިކަމުގެ ތެރޭގައި އޮތް ދުވުމުގެ ރޭސްތައް ހުޅުމާލެ އަށް ބަދަލުކުރީ ވެސް ޓީއެފްޖީންނެވެ.

މި އަހަރުގެ އިވެންޓުގައި ވެސް ގައުމީ ފެންވަރުގެ ދުވުންތެރިންނާއި ކަސްރަތަށް ދުވާ މީހުންނާއި މަޖަލަށް ދުވާ މީހުން ހިމެނޭހެން އުމުރުންދުވަސް މީހުންނާއި ޒުވާނުން އަދި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި އެވެ. އެންމެ ފާހަގަކޮށްލެވޭ ދުވުންތެރިޔަކީ ހާފް މެރެތަން ފުރިހަމަކުރި ބައިނަލްއަގްވާމީ ދުވުންތެރިޔަ މުހައްމަދު އަލީ އެވެ.

މުހައްމަދު އަލީ (ކ-2) ލީލާ (ކ) އާއި (ވ-2) އަދި ނެލްފާއާ އެކު އިވެންޓް ނިންމާފައި ފޮޓޯއަކަށް ހުއްޓިގެން.

މުހައްމަދު އަލީ (ކ-2) ލީލާ (ކ) އާއި (ވ-2) އަދި ނެލްފާއާ އެކު އިވެންޓް ނިންމާފައި ފޮޓޯއަކަށް ހުއްޓިގެން.

އެހެން ފަހަރުތަކާ ހިލާފަށް މި އަހަރު ވަރަށް ގިނަ އޮފީސްތަކާއި ކުންފުނިތަކުން، ޓީމެއްގެ ގޮތުގައި މުވައްޒަފުން ބައިވެރިކުރި އެވެ. އޭގެ ތެރޭގައި އެމްޑަލްބިއުއެސްސީ އާއި އެމްޓީސީސީގެ ޓީމެއް ހިމެނެ އެވެ. މީގެ އިތުރުން ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާއި މީރާގެ މުވައްޒަފުން ވެސް ދުވި އެވެ. އަދި ރާއްޖޭގެ މަޝްހޫރު ދެ ރަނިން ކްލަބް ކަމަށްވާ އައި ރަނާސް އާއި ރަޝާސްގެ ދުވުންތެރިން ވެސް ރޭހުގައި ވާދަކުރި އެވެ.

މި އަހަރުގެ ރަނިން ކަލަންޑަރު އިއުލާންކުރުމަށް ޓީއެފްޖީން ބޭއްވި އިވެންޓުގައި އެ ކުންފުނީގެ ކޯ ފައުންޑަރު ހުސެއިން ޒިނާން ވިދާޅުވީ މި އިވެންޓްތަކާ އެކު އަނެއްކާ ވެސް ޓީއެފްޖީން ދުވުމުގެ އިތުރު ރީތި ވާހަކަތަކެއް ލިޔަން ފަށާނެ ކަމަށެވެ. ކާމިޔާބު ހަތަރު އިވެންޓާ އެކު ޓީއެފްޖީން އަހަރު މި ނިންމާލީ ދުވުންތެރިންނަށް ހިތްގައިމު ތަޖުރިބާތަކެއް ހޯދައިދީފަ އެވެ.

މި އަހަރުގެ އިވެންޓުގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީ އެވެ. އެސޯސިއޭޓް ސްޕޮންސަރެއްގެ ގޮތުގައި ސޮނީ ސްޕޯޓްސް ބައިވެރި ވިއިރު ވެނިއު ސްޕޮންސަރަކީ އެޗްޑީސީ އެވެ. ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބް، ވޮޗް ޕާޓްނަރަކަށް ޕޮލާ އަދި ވޯޓާ ޕާޓްނަރަކަށް އާރޯ ހަރަކާތްތެރި ވި އިރު، އޮފިޝަލް އިވެންޓް ޕާޓްނަރަކީ އިފެކްޓްސް އެންޓަޓެއިންމަންޓް އެވެ. މީޑިއާ ޕާޓްނަރަކީ މިހާރު ނޫހެވެ.