Roadha Mihaaru
ޓީއެފްޖީ ލޯންގް ރަން: މި ފަހަރު 1500 ޖާގަ!

ޓީއެފްޖީ ލޯންގް ރަން: މި ފަހަރު 1500 ޖާގަ!

05 ފެބުރުއަރީ 2018

ޓީއެފްޖީން އޭޕްރިލް 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ "ކޮކާކޯލާ ލޯންގް ރަން" ގައި ބައިވެރިވާން 1500 ޖާގަ ހުޅުވާލަން ނިންމައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓީއެފްޖީން އޭޕްރިލް 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ "ކޮކާކޯލާ ލޯންގް ރަން" ގައި ބައިވެރިވާން 1500 ޖާގަ ހުޅުވާލަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް ކުންފުނިން 2013 ވަނަ އަހަރު އެންމެ ފުރަތަމަ މި ދުވުން ބޭއްވި އިރު ހުޅުވާލީ 200 ޖާގަ އެވެ. ޖެހިގެން އައި އަހަރު 300 ޖާގަ ދިން އިރު ފަހުން 500 އަށް ވެސް އިތުރުކުރި އެވެ. އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި އިވެންޓުގައި ފުރުސަތު ދިނީ 800 ބައިވެރިންނަށެވެ.

"މި ފަހަރު އަޅުގަނޑުމެން މި ހުޅުވާލަނީ އޭގެ ދެ ގުނަ 1500 ޖާގަ. އެއާ އެކު މި ފަހަރުގެ އިވެންޓް ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ އިވެންޓަށް،" ޓީއެފްޖީގެ ޑިރެކްޓަރު ހުސެއިން ޒިނާން ވިދާޅުވި އެވެ.

ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހު، ގޯޓުރޭސް ޑޮޓްކޮމްގައި އޮންލައިންކޮށް ހުޅުވާލާނެ އެވެ.

ޓީއެފްޖީން ވަނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ރޭހަށް އެއްވެސް އަގެއް ނުނަގައި 300 ދުވުންތެރިން ތަމްރީންކޮށްދޭން ނިންމައި އެ މަސައްކަތް ފަށައިފަ އެވެ. ތަމްރީންކޮށްދެނީ 10 ކިލޯމީޓަރު، ހާފް މެރެތަން އަދި މެރެތަން ދުވަން ބޭނުންވާ ބައިވެރިންނެވެ. އިވެންޓުގައި ދެން ހިމެނެނީ ފަސް ކިލޯމީޓަރު ދުވުމެވެ.

މީގެ އިތުރުން އެލައިޑް އިންޝުއަރެންސް، ބޭންކް އޮފް މޯލްޑިވްސް، އެމްޓީސީސީ އަދި އެމްޕީއެލްގެ މުވައްޒަފުންގެ ޓީމްތަކަށް ވެސް ޓީއެފްޖީން ތަމްރީން ދޭނެ އެވެ.

ޓީއެފްޖީގެ ލޯންގް ރަން އަކީ ރާއްޖޭގައި ބާއްވާ އެންމެ އިންތިޒާމް ފުރިހަމަ އެއް ރޭހެވެ. އެގޮތުން ދުވުންތެރިންގެ ޓައިމިން ވަގުތުން ބަލާލެވޭ ޓައިމިން ޓެކްނޮލޮޖީ އެންމެ ފުރަތަމަ ތައާރަފްކުރީ 2013 ވަނަ އަހަރު ޓީއެފްޖީންނެވެ. އަދި ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑަލް ދޭން ފެށީ ވެސް ޓީއެފްޖީންނެވެ.

ހުޅުމާލޭގައި ބާއްވާ ލޯންގް ރަންގެ އިތުރުން ރަން އިން މޯލްޑިވްސް ސިލްސިލާގެ ދަށުން އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ވެސް ރޭސްތައް އަންނަނީ ބާއްވަމުންނެވެ.