Roadha Mihaaru
ޓީއެފްޖީ ލޯންގް ރަންގެ ރަޖިސްޓްރޭޝަން ކުރިއަށް ދަނީ

ޓީއެފްޖީ ލޯންގް ރަން އަންނަ މަހު، ރަޖިސްޓްރޭޝަން ކުރިއަށް ދަނީ

05 ނޮވެމްބަރ 2023

ޓީއެފްޖީއިން ބާއްވާ "ލޯންގް ރަން"ގެ ތައްޔާރީތައް ފަށާފައިވާ ކަމަށް އެ ޖިމުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓީއެފްޖީއިން ބާއްވާ "ލޯންގް ރަން"ގެ ތައްޔާރީތައް ފަށާފައިވާ ކަމަށް އެ ޖިމުން ބުނެފި އެވެ.

ޓީއެފްޖީން ބުނީ އަންނަ މަހުގެ 8 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ދުވުމަށް ތައްޔާރުވުމުގެ ގޮތުން ރަޖިސްޓްރޭޝަންގެ މަސައްކަތްތައް ހަލުވި ދުވެލީގައި ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި ދުވުމުގެ ރަޖިސްޓްރޭޝަން އޮންލައިންކޮށް އެ ތަނުގެ ވެބްސައިޓުން ހުށަހެޅޭނެ ކަމަށް ވެސް އެ ޖިމުން ބުންޏެވެ.

ޓީއެފްޖީއިން ބުނީ ދުވުމަށް ތައްޔާރުވުމުގެ ގޮތުން، ރަޖިސްޓްރީވެފައިވާ އެކި ކްލަބްތަކާއި އޮފީސްތަކާ އެކު ބައްދަލުވުންތަކެއް ވެސް ކުރިއަށްދާ ކަމަށެވެ. އަދި މި ބައްދަލުވުންތަކަކީ ދުވުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވަމުންދާ ބައްދަލުވުންތަކެއް ކަމަށް އެ ޖިމުން ބުންޏެވެ.

މި ދުވުމަށް ކްލަބްތަކާއި އޮފީސްތަކުން އަބަދުވެސް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މި އަހަރު ވެސް އެންމެ މޮޅު ކްލަބަށް "ލޯންގަސްޓް ޓީމް" ޓައިޓަލް އާއި އެންމެ މޮޅު އޮފީހަށް "ލޯންގަސްޓް އޮގަނައިޒޭޝަން" ޓައިޓަލް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ ލޯންގް ރަން މެރަތަންގައި ހަތް އުމުރުފުރާއަކުން ވާދަކުރެ އެވެ. އެއީ 13 އަހަރުން ދަށުގެ އުމުރުފުރާ އާއި 14 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 20 އަހަރާއި 29 އަހަރާއި ދެމެދުގެ އުމުރުފުރާ އާއި 30 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާ އާއި 40 އާއި 49 ދެމެދުގެ އުމުރުފުރާ އާއި 50 އަހަރާއި 59 އަހަރާއި ދެމެދުގެ އުމުރުފުރާ އާއި 60 އަހަރުން މަތީގެ އުމުރުފުރާ އެވެ.

މި މެރަތަންގައި 13 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކުރެވޭނީ ފައިވް ކޭ ދުވުމުގައި އެކަންޏެވެ. އަދި 14 އަހަރާއި 19 އަހަރާއި ދެމެދުގެ އުމުރުފުރާގައި ޓެން ކޭ އަދި ފައިވް ކޭ ދުވުމުގައި ވާދަކުރެވޭނެ އެވެ.

ވިހި އަހަރުން ފެށިގެން މަތީގެ ހުރިހާ އުމުރުފުރާއަކުން ހުރިހާ ދުވުމެއްގައި ބައިވެރިވޭނެ އެވެ. އޭގެ ތެރޭގައި ފައިވް ކޭ، 10 ކޭ، 21.1ކޭ އަދި 42.2ކޭ ގެ ދުވުން ހިމެނެ އެވެ.

މި މެރަތަން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ މެންދަމު 2 އިން ފެށިގެންނެވެ.

މި މެރަތަންގައި ކޮންމެ އުމުރުފުރާއަކުން އަންހެން އަދި ފިރިހެން ބައިވެރިން މެދުގައި ވަކިވަކިން އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ހޮވާނެ އެވެ.

އާއްމުންގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށާއި ސިއްހީ ދުޅަހެޔޮކަމާއި މެދު އަހުލުވެރިކުރުވުމުގެ މަގުސަދުގައި ބާއްވާ މި ދުވުމުގެ ޕާޓްނަރެއްގެ ގޮތުގައި ކެންސާ ސޮސައިޓީއާ އެކު ވެސް ވަނީ ސޮއި ކޮށްފަ އެވެ.

މި ދުވުމަކީ ކޮންމެ އަހަރަކު ވެސް ޓީއެފްޖީއިން ބާއްވަމުންދާ ދުވުމެކެވެ.