Roadha Mihaaru
ބްރިޖުގެ ޑިޒައިން އާންމުނުކުރާތީ އިދިކޮޅުގެ ކަންބޮޑުވުން

ތިލަމާލެ ބްރިޖުގެ އިންޖިނިއަރިން ޑިޒައިން އާންމު ނުކުރާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

12 ޑިސެމްބަރ 2022

އިންޑިއާގެ ސަރުކާރުގެ ބޮޑު އެހީއަކާއެކު ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ އިންޖިނިއަރިން ޑިޒައިން އާންމުނުކުރާތީ އިދިކޮޅުން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ ސަރުކާރުގެ ބޮޑު އެހީއަކާއެކު ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ އިންޖިނިއަރިން ޑިޒައިން އާންމުނުކުރާތީ އިދިކޮޅުން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަގަހަ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ތިލަމާލެ ބްރިޖުގެ އިންޖިނިއަރިން ޑިޒައިން އަމިއްލަ ބަޔަކަށް ނުފެންނައިރު، ހައުސިން މިނިސްޓްރީގެ އެއްވެސް ބަޔަކަށް ވެސް އެ ޑިޒައިން އަދި ނުފެންނަކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސައީދު ވިދާޅުވިގޮތުގައި، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލުމަށް މި ސަރުކާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏަށް ނުކުރެވޭނެކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ގަބޫލު ކުރައްވަ އެވެ.

ހައުސިން މިނިސްޓަރު ވެސް ގަބޫލުކުރޭ. މިކަން ދޮގެއް ނުކުރެވޭނެ. ހައުސިން މިނިސްޓަރު އެބަ ގަބޫލުކުރައްވާ އިންޑިއާއަށް މިކަން ނުވާކަން: ސައީދު، މާވަށު ދާއިރާގެ މެމްބަރު

"ހައުސިން މިނިސްޓްރީގެ މިކަމާ ބެހޭ ބޭފުޅަކާ އަޅުގަނޑު ވާހަކަ ދެއްކިން. އިންޖިނިއަރިން ޑިޒައިން ނުދައްކާތީ އެ ބޭފުޅުން ވެސް ތިބީ ކަންބޮޑުވެފައި. އިންޖިިނިއަރިން ޑިޒައިން އުޅެއުޅެ ނުފެނުނު. ހެދި ކަމަށް ވޭ އިންޖިނިއަރިން ޑިޒައިނެއް،" ޖަލްސާގައި ސައީދު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަގަހަ ޖަލްސާގައެއްގައި (ކ-ވ) މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު. -- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަގަހަ ޖަލްސާގައެއްގައި (ކ-ވ) މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު. -- ފޮޓޯ: ޕީޕީއެމް

އޭނާ ވިދާޅުވީ ކަނޑު ހުރަސްކޮށް އަޅާ ބްރިޖެއްގެ އިންޖީނިއަރިން ޑިޒައިން ހެދުމުގެ ގާބިލުކަމާއި ޓެކްނޮލޮޖީ ވެސް އިންޑިއާގައި ނެތް ކަމަށް ރާއްޖޭގައި ތިބި އިންޖީނިއަރިން ދާއިރާގެ ތަޖުރިބާކާރުން ވެސް ބުނަމުންދާ ކަމަށެވެ. އަދި އެފްކޮންސް ކުންފުނިން މީގެ ކުރިން ކަނޑު ހުރަސްކޮށް ބްރިޖެއް އަޅައިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

"ހައުސިން މިނިސްޓަރު ވެސް ގަބޫލުކުރޭ. މިކަން ދޮގެއް ނުކުރެވޭނެ. ހައުސިން މިނިސްޓަރު އެބަ ގަބޫލުކުރައްވާ އިންޑިއާއަށް މިކަން ނުވާކަން،" ސައީދު ވިދާޅުވި އެވެ.

މި ސަރުކާރުން ތިލަމާލެ ބްރިޖު ހަދަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ސިނަމާލެ ބްރިޖު ހަދަން ދިޔަ އަގުގެ، ދެގުނަ އިތުރަށް ހަރަދުކޮށްގެން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. ތިލަމާލެ ބްރިޖު ހަދަން 600 މިލިއަނަށް ވުރެ ގިނަ ޑޮލަރު މި ސަރުކާރުން ހަރަދުކޮށްފި ކަމަށާއި އެ އަގުގައި ސިނަމާލެ ބްރިޖު ކަހަލަ 10 ބްރިޖު ވެސް އެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ. އޭގެ އިތުރުން ބްރިޖު މަޝްރޫއު ހިމެނޭ ގޮތަށް އިންޑިއާގެ ޕްރޮޖެކްޓުތައް އަވަސްކުރަން ސަރުކާރުން 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ނަގާފައިވެ އެވެ.

ތިލަމާލެ ބްރިޖުގެ މަޝްރޫއު ފެށުމުގެ ކުރިން އެ ބްރިޖުގެ އެނިމޭޑެޓް ކުރެހުންތަކެއް ޕްލޭނިން މިނިސްޓްރީން އާންމުކުރި އެވެ. އޭރު ސަރުކާރުން ބުނެފައި ވަނީ އެ ބްރިޖުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނުނިމޭ ކަމަށެވެ. މި އަހަރު ޖެނުއަރީ މަހު އެ މަސައްކަތް ފެށި ކަމަށް ބުންޏަސް، ފަހުން އެ ވާހަކައެއް ނުދައްކަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ބަހެއް ނުލިބޭތީ ބްރިޖުގެ އިންޖީނިއަރިން ޑިޒައިންއާ ގުޅޭ މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ.

ބްރިޖާ ގުޅިގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކުރިއިރު، އެ މަސައްކަތް ލަސްވާތީ ވެސް އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ. އަދި ބްރިޖުގެ މަސައްކަތްކުރަނިކޮށް މިފަހުން ހިނގި ބައެއް އެކްސިޑެންޓުތަކާ ގުޅިގެން އެފްކޮންސް ކުންފުނީގެ ގާބިލުކަމާ މެދު ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ބޮޑު ގެއްލުމާ ގުޅިގެން ކުރި، 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިއްޔެ އިސްތިއުނާފުކޮށްދިމުން އެކަމަށް ވެސް އާންމުން ދަނީ ފާޑުކިޔަމުންނެވެ.