Roadha Mihaaru
އަރްޖުން ޓެންޑުލްކާ ވެސް ފުރަތަމަ މެޗުގައި ސައްތައެއް

އަރްޖުން ޓެންޑުލްކާ ވެސް ބައްޕަ ގޮތަށް ފުރަތަމަ މެޗުގައި ސައްތައެއް ހަދައިފި

14 ޑިސެމްބަރ 2022

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާ އިންޑިއާގެ ސަޗިން ޓެންޑުލްކާގެ ދަރިފުޅު އަރްޖުން ޓެންޑުލްކާ، ކުޅުނު ފަސްޓް ކްލާސް ފުރަތަމަ މެޗުގައި މިއަދު ސައްތައެއް ހަދައި ބައްޕަ ފަދައިން ކާމިޔާބު ފެށުމެއް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާ އިންޑިއާގެ ސަޗިން ޓެންޑުލްކާގެ ދަރިފުޅު އަރްޖުން ޓެންޑުލްކާ، ކުޅުނު ފަސްޓް ކްލާސް ފުރަތަމަ މެޗުގައި މިއަދު ސައްތައެއް ހަދައި ބައްޕަ ފަދައިން ކާމިޔާބު ފެށުމެއް ހޯދައިފި އެވެ.

ކްރިކެޓް ތާރީހުގައި އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް އޮންނަ ސަޗިން ކުޅުނު ފުރަތަމަ ފަސްޓް ކްލާސް މެޗުގައި، އުމުރުން 15 އަހަރުގައި 1988 ގެ ރަންޖީ ޓްރޮފީގައި ގުޖުރާތާ ދެކޮޅަށް ސައްތައެއް ހެދި އެވެ.

ގޯއާ ޓީމަށް ކުޅޭ އަރްޖުން ސައްތައެއް ހެދީ އިންޑިއާގެ ޑޮމެސްޓިކް ކްރިކެޓުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ރަންޖީ ޓްރޮފީގައި ރާޖަސްތާނާ ދެކޮޅަށް ކުޅޭ ހަތަރު ދުވަހުގެ މެޗުގެ ދެ ވަނަ ދުވަހުގެ ކުޅުމުގަ އެވެ. އޭނާ ވަނީ 207 ބޯޅައިން 120 ލަނޑު ހަދައިފަ އެވެ. އޭނާ ދެ ފަހަރު ހަޔަކަށް އަދި 16 ފަހަރު ހަތަރަކަށް ޖެހި އެވެ.

އިންޑިއާގެ 19 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅުނު އަރްޖުން ވަނީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ މުމްބާއީ އިންޑިއަންސް އަށް ވެސް ކުޅެފަ އެވެ. އެކަމަކު މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އޭނާ ގޯއާ އަށް ބަދަލުވީ ކުޅުމުގެ ފުރުސަތު ހޯދާށެވެ. އެކަމަކު ބެލެވޭ ގޮތުގައި ދެން އޮންނަ އައިޕީއެލް ގައި އޭނާ އަށް ފުރުސަތުތަކެއް ލިބޭނެ އެވެ.

އަރްޖުންގެ ބައްޕަ ސަޗިން އަކީ އިންޑިއާ ދުށް އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އުމުރުން 16 އަހަރުގައި 1989 ވަނަ އަހަރު ކަރާޗީގައި ޕާކިސްތާނާ ދެކޮޅަށް ސީނިއާ ކެރިއަރު ފެށި ސަޗިން ވަނީ އިންޑިއާއާ އެކު 2011 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.