Roadha Mihaaru
ސަޗިންގެ ފުރަތަމަ ކާރު ހޯދަން އާންމުންގެ އެހީއަށް

ސަޗިން ފުރަތަމަ ގަތް ކާރު ހޯދަން އާންމުންގެ އެހީ އަށް އެދެފި

21 އޯގަސްޓް 2020

އެންމެ ފުރަތަމަ ގަތް ކާރަށް ވީ ގޮތެއް ނޭނގޭ ކަމަށާއި އެކަމަކު އެ ކާރު އަލުން ބޭނުންވާތީ އެ ހޯދަން އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ތަރި ސަޗިން ޓެންޑުލްކަރް އާންމުންގެ އެހީ އަށް އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ފުރަތަމަ ގަތް ކާރަށް ވީ ގޮތެއް ނޭނގޭ ކަމަށާއި އެކަމަކު އެ ކާރު އަލުން ބޭނުންވާތީ އެ ހޯދަން އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ތަރި ސަޗިން ޓެންޑުލްކަރް އާންމުންގެ އެހީ އަށް އެދިއްޖެ އެވެ.

ޓޯކް ޝޯ "އިން ދަ ސްޕޮޓްލައިޓް" ގައި ސަޗިން، 47، ބުނީ އޭނާ ޕްރޮފެޝަނަލް ކްރިކެޓް ކުޅުންތެރިއަކަށްވި ފަހުން އެންމެ ފުރަތަމަ ގަތް ކާރަކީ ރަތް ކުލައިގެ މަރޫޓީ 800 މަރުކާގެ އެއްޗެކެވެ. އެކަމަކު އެ ކާރަށް ވީނުވީއެއް ނޭނގި ބީވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބުންޏެވެ.

"އަހަރެން އެ ކާރު އަލުން ވަރަށް ބޭނުން. އެހެންވެ އާންމުންގެ ކިބައިން އެދެން މިކަމުގައި އަހަންނަށް އެހީވެދޭން. ކާރާ ބެހޭ އެއްވެސް މައުލޫމާތެއް އޮޅުންފިލުވަން ނުވަތަ ދޭން ބޭނުން ނަމަ ކޮންމެ ވަގުތަކު ވެސް އަހަންނާ ގުޅާލެވޭނެ،" ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެރި ކްރިކެޓް ކުޅުންތެރިްނގެ ތެރޭގައި ހިމެނޭ ސަޗިން ބުންޏެވެ.

ސަޗިން މަރޫޓީ ކާރާގެ ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން.

ސަޗިން މަރޫޓީ ކާރާގެ ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން.

އަލަތު ކާރުގެ ހަނދާން އާކުރަމުން ސަޗިން ކިޔައިދިން ގޮތުގައި އެ ކާރަކީ އޭނާގެ ވަރަށް ހާއްސަ ހަނދާންތަކާ ވެސް ގުޅިފައިވާ އެއްޗެކެވެ. އެގޮތުން އޭނާގެ ގެ ކައިރިގައި ގިނަ ބަޔަކު އެއްވެގެން ފިލްމު ބަލަން ހަދާފައި ހުރި އޯޕަން ހޯލެއްގެ ކައިރީގައި ކާރު ބާއްވައިގެން އޭގެ ތެރޭގައި ފިލްމު ބަލަން އިންނަ ކަމަށް ބުންޏެވެ.

"ބޭބެ އާއި އަހަރެން އާންމުކޮށް އޭރު ފިލްމު ބަލަން ތިބެނީ ހޯލުގެ ކައިރީގައި ކާރު ޕާކްކޮށްގެން އޭގެ ތެރޭގައި. އޭރު ވަރަށް ގިނަ ބަޔަކު ކާރު ޕާކްކޮށްގެން ތިބޭނެ އެތަނުގައި ފިލްމު ބަލަން." ސަޗިން ބުންޏެވެ.