Roadha Mihaaru
ސަޗިންގެ ދަރިފުޅު އަރްޖުން އައިޕީއެލް ކެރިއަރު ފަށައިފި

ސަޗިންގެ ދަރިފުޅު އަރްޖުން އައިޕީއެލް ކެރިއަރު ފަށައިފި

17 އެޕްރީލް 2023

އޭނާގެ ލެޖެންޑްރީ ބައްޕަ ސަޗިން ޓެންޑުލްކާރު އެއް ދުވަސްވަރެއްގައި ކެޕްޓަންކަން ކުރި މުމްބާއީ އިންޑިއަންސް ޓީމާ އެކު، އަރްޖުން ޓެންޑުލްކާރް އިއްޔެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި އަލަތު މެޗު ކުޅެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޭނާގެ ލެޖެންޑްރީ ބައްޕަ ސަޗިން ޓެންޑުލްކާރު އެއް ދުވަސްވަރެއްގައި ކެޕްޓަންކަން ކުރި މުމްބާއީ އިންޑިއަންސް ޓީމާ އެކު، އަރްޖުން ޓެންޑުލްކާރް އިއްޔެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި އަލަތު މެޗު ކުޅެފި އެވެ.

ކޮލްކަތާ ނައިޓް ރައިޑާސް އަތުން ފަސް ވިކެޓުން މުމްބާއީ އިންޑިއަންސް މޮޅުވި މެޗުގައި އަރްޖުން ކުޅުނު ދެ އޯވަރުގައި ވިކެޓެއް ނެގޭ ގޮތެއް ނުވި އެވެ. އޭނާ އުކި ބޯޅަތަކުން އިދިކޮޅު ޓީމުން 17 ލަނޑު ހެދި އެވެ.

ސަޗިން އެ ސްޓޭޑިއަމެއްގައި މޮޅު ކުޅުމެއް ދެއްކި މުމްބާއީގެ ވަންކެޑެ ސްޓޭޑިއަމުގައި ކުޅުނު މި މެޗަށް ފަހު ސަޗިން ވަނީ އޭނާގެ ދަރިފުޅަށް ހިތްވަރުދީ މެސެޖެއް ސޯޝަލް މީޑިއާގައި ލިޔެފަ އެވެ.

"އަރްޖުން މިއަދު ތި އެޅީ ކްރިކެޓުގެ ދަތުރުގައި މުޅިއްމު ފިޔަވަޅެއް،" ސަޗިން ލިޔުނެވެ.

ސަޗިން ބުނީ މި ކުޅިވަރަށް ހައްގުވާ އިހުތިރާމް އަރްޖުން ދޭނެ ކަމަށް، އޭނާ ދެކެ ލޯބިވާ ބައްޕައެއްގެ ހައިސިއްޔަތުންނާއި މި ކުޅިވަރު ދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން ގަބޫލުކުރާ ކަމަށާއި އަދި މި ކުޅިވަރު ވެސް އަރްޖުން ދެކެ ލޯބިވާނެ ކަމަށް ޔަގީންކުރާ ކަމަށެވެ.

"މިހިސާބަށް އައުމަށް ދަރިފުޅު ވަރަށް ބުރަކޮށް މަސައްކަތްކޮށްފި. އަދި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްކުރާނެކަން ޔަގީން. މިއީ އުފާވެރި ދަތުރެއްގެ ފެށުން،" އޭނާ ލިޔުުނެވެ.

އަރްޖުން ވަނީ މިދިޔަ ޑިސެމްބަރު މަހު، އޭނާ ކުޅުނު ފަސްޓް ކްލާސް ފުރަތަމަ މެޗުގައި ސައްތައެއް ހަދައި ބައްޕަ ފަދައިން ކާމިޔާބު ފެށުމެއް ހޯދައިފަ އެވެ.

ކްރިކެޓް ތާރީހުގައި އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް އޮންނަ ސަޗިން ކުޅުނު ފުރަތަމަ ފަސްޓް ކްލާސް މެޗުގައި، އުމުރުން 15 އަހަރުގައި 1988 ގެ ރަންޖީ ޓްރޮފީގައި ގުޖުރާތާ ދެކޮޅަށް ސައްތައެއް ހެދި އެވެ.

ގޯއާ ޓީމަށް ކުޅޭ އަރްޖުން ސައްތައެއް ހެދީ އިންޑިއާގެ ޑޮމެސްޓިކް ކްރިކެޓުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ރަންޖީ ޓްރޮފީގައި ރާޖަސްތާނާ ދެކޮޅަށް ކުޅޭ ހަތަރު ދުވަހުގެ މެޗުގެ ދެ ވަނަ ދުވަހުގެ ކުޅުމުގަ އެވެ. އޭނާ ވަނީ 207 ބޯޅައިން 120 ލަނޑު ހަދައިފަ އެވެ. އޭނާ ދެ ފަހަރު ހަޔަކަށް އަދި 16 ފަހަރު ހަތަރަކަށް ޖެހި އެވެ.

އަރްޖުންގެ ބައްޕަ ސަޗިން އަކީ އިންޑިއާ ދުށް އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އުމުރުން 16 އަހަރުގައި 1989 ވަނަ އަހަރު ކަރާޗީގައި ޕާކިސްތާނާ ދެކޮޅަށް ސީނިއާ ކެރިއަރު ފެށި ސަޗިން ވަނީ އިންޑިއާއާ އެކު 2011 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.