Roadha Mihaaru
"ޓެންޑުލްކާގެ ދަރިއަށް ވުމަކީ ޕްރެޝަރެއް ނޫން"

ޓެންޑުލްކާގެ ދަރިއަށް ވުމަކީ ޕްރެޝަރެއް ނޫން: އަރްޖުން

31 ޖެނުއަރީ 2018

ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 31) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކާގެ ދަރިއަކަށް އޭނާ ވުމަކީ ކުރިއަށް ދިއުމަށް އޮތް ޕްރެޝަރެއް ނޫން ކަމަށް އޭނާގެ ދަރިފުޅު އަރްޖުން ޓެންޑުލްކާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 31) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކާގެ ދަރިއަކަށް އޭނާ ވުމަކީ ކުރިއަށް ދިއުމަށް އޮތް ޕްރެޝަރެއް ނޫން ކަމަށް އޭނާގެ ދަރިފުޅު އަރްޖުން ޓެންޑުލްކާ ބުނެފި އެވެ.

ސައުވީސް އަށް ވުރެ ގިނަ އަހަރު އެންމެ މަތީ ފަންތީގައި ކުޅުމަށް ފަހު ކުޅަދާނަ ބެޓްސްމަން ސަޗިން ކްރިކެޓުން ރިޓަޔަކުރީ 2013 ގަ އެވެ. އޭނާ ކުޅުން ހުއްޓާލުމުން އިންޑިއާގެ ކްރިކެޓުގައި ދެ ވަނަ ސަޗިން އެއް ނާންނާނެ ކަމަށް ވާހަކަ ދެކެވުނެވެ. އެހެން ނަމަވެސް ސަޗިންގެ އޭރުގެ އުއްމީދަކީ ވެސް އަރްޖުން ކާމިޔާބު ކްރިކެޓް ކުޅުންތެރިޔަކަށް ހެދުމެވެ.

ސަޗިން ކާމިޔާބުވީ ބެޓްސްމަނެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އުމުރުން 18 އަހަރުގެ އަރްޖުން އަމާޒު ހިފާފައިހުރީ ފާސްޓް ބޯލަރަކަށް ވުމަށެވެ.

"ބައްޕަ (ސަޗިން ޓެންޑުލްކާ) އަކީ ބްރޭންޑެއް ނޫނީ ލެޖެންޑަކަަށް ވުމަކީ އަހަންނަށް ޕްރެޝަރެއް ނޫން. އެއީ ހިތްވަރެއް. އަހަރެންގެ އުއްމީދަކީ ކާމިޔާބު ބޯލަރަކަށް ވުން. އަހަރެން ވަރަށް ބޭނުން އެކަން ހާސިލްކުރަން. އެއީ އިންޑިއާގައި ގިނައީ ބެޓްސްމަނުން. އަހަރެން ބޭނުންވަނީ ތަފާތެއް ދައްކަން،" އިންޑިއާޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އަރްޖުން ބުނެފައިވެ އެވެ.

އޭނާ ބުނީ ކުޑައިރުގައި ތަފާތު ކުޅިވަރުތައް ކުޅުނު ކަމަށާއި ކްރިކެޓަށް ހާއްސަވުމަކީ އެއްވެސް ފަރާތަކުން މަޖުބޫރު ކުރިވި ކަމެއް ނޫން ކަމަށެވެ.

"އަހަރެން ކުޑައިރުގައި ފުޓްބޯޅަ، ފެތުން، ދުވުން އަދި ޓައެކްވޯންޑޯ (ކޮރެއަން މާޝަލް އާޓްސް)ގައި އުޅުނިން. ދެން އަހަރެންގެ ކްރިކެޓް ހުނަރު ތަރައްގީވީ. އެ ހިސާބުން އަހަރެން ކްރިކެޓަށް ހާއްސަވީ. މިއީ އެއްވެސް މީހެއްގެ މަޖުބޫރުންވި ކަމެއް ނޫން،" އަރްޖުން ބުންޏެވެ.

އޭނާ ބުނީ އުއްމީދަކީ އިންޑިއާ ގައުމީ ޓީމުން ފުރުސަތު ހޯދައި ގިނަ ކާމިޔާބީތަކެއް ހޯދައި ސަޗިންގެ ނަން އަނެއްކާ ވެސް އިންޑިއާ ކްރިކެޓުގައި އުފުލުން ކަމަށެވެ.