Roadha Mihaaru
ޝާހުރުކާއި ދިޕިކާގެ ލަވަ ބޮޑު މައްސަލަގަނޑަކަށް ވެއްޖެ

ޝާހުރުކާއި ދިޕިކާގެ ލަވަ ބޮޑު މައްސަލަގަނޑަކަށް ވެއްޖެ

18 ޑިސެމްބަރ 2022

މެދުކެނޑުމަކަށް ފަހު ޝާހްރުކް ހާން ޝޫޓްކުރި "ޕަތާން" ފިލްމުގެ ފުރަތަމަ ނެރުނު ލަވަ، "ބެޝަރަމް ރަންގް" އަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. މީގެ ފަސް ދުވަސް ކުރިން ޔޫޓިއުބަށް ރިލީޒް ކުރި އެ ލަވަ މިހާތަނަށް 70 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައި ވާއިރު އެއަށް ފާޑުކިޔުން ވެސް އެހާ ބޮޑެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މެދުކެނޑުމަކަށް ފަހު ޝާހްރުކް ހާން ޝޫޓްކުރި "ޕަތާން" ފިލްމުގެ ފުރަތަމަ ނެރުނު ލަވަ، "ބެޝަރަމް ރަންގް" އަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. މީގެ ފަސް ދުވަސް ކުރިން ޔޫޓިއުބަށް ރިލީޒް ކުރި އެ ލަވަ މިހާތަނަށް 70 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައި ވާއިރު އެއަށް ފާޑުކިޔުން ވެސް އެހާ ބޮޑެވެ.

ބޮލީވުޑްގައި މި ދުވަސްވަރު އެންމެ ގަދައަށް ދެކެވެމުން އަންނަނީ ވެސް އެ ލަވައިގެ ވާހަކަ އެވެ. ސޯޝަލް މީޑިއާގައި ދެކެވެނީ އެ ލަވައިން ފެންނަ 57 އަހަރުގެ ޝާހްރުކްގެ ރީތި ހަށިގަނޑާއި އޭނާއާ އެކު އެ ފިލްމަގައި އުޅޭ އެކްޓްރެސް ދިޕިކާ ޕަޑޫކޯންގެ ރީތިކަމުގެ ވާހަކަ އެވެ.

އެކަމަކު، އެ ލަވައިގާ ދިޕިކާ ލައިގެން ހުރި ކޮސްޓިއުމަށް އިންޑިއާގެ ގިނަ ބަޔަކު، ހާއްސަކޮށް ހިންދޫން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި "ޕަތާން" ފިލްމު ބޮއިކޮޓްކުރުމަށް ގޮވާލައި ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.

އެ މީހުން ބުނާ ގޮތުގައި، އެފަދަ ލަވައެއްގައި ދިޕީކާ ލައިގެން ހުރި ކޮސްޓިއުމާއި، ޝާހްރުކާ އެކު ފެންނަ ނެށުމަކީ ހިންދޫންގެ ދީނީ ޝުއޫރުތަކާއި ހިލާފުވާ އަދި ގިނަބަޔަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ފަދަ ލަވައެކެވެ.

އެ ލަވައިގާ "ސެފްރޯން" ނުވަތަ އޮރެންޖު ކަހަލަ ކުލައެއްގެ ހެދުމެއް ދިޕީކާ ލައިގެން ހުރި މަންޒަރު ފެނެ އެވެ. ހިންދޫ ދީނުގައި މަތީ ލަގަބެއް ދޭ އެ ކުލައަކީ ހިންދޫންގެ ދީނީ އެންމެ އިސް މީހުން ލައި އުޅޭ ހެދުމުގައި ވެސް ހުންނަ ކުލަ އެވެ.

ގިނަބަޔަކު އެއާ ދެކޮޅުވާ ސަބަބަކީ އެ ލަވައިގެ ނަމާއި ދައްކުވައިދޭ މަންޒަރުތަކުގެ ސަބަބުން ދޭ ނޭދެވޭ މެސެޖުކަމަށް އެ މީހުން ބުނެ އެވެ. "ބޭޝަރަމް ރާންގް" ގެ ނަމުގެ ލަފްޒީ މާނަ އަކީ "ލަދުވެތިކަމެއް ނެތް ކުލަ" އެވެ.

ޝާހްރުކާއި ދިޕީކާ: ހިންދޫން ގޮވާލަނީ އެ މީހުންގެ އާ ފިލްމް ބޭން ކުރުމަށް

ޝާހްރުކާއި ދިޕީކާ: ހިންދޫން ގޮވާލަނީ އެ މީހުންގެ އާ ފިލްމް ބޭން ކުރުމަށް

އިންޑިއާގެ ގާނޫނީ ވަކީލަކު ދާދިފަހުން ވަނީ ޝާހްރުކާއި ދިޕިކާ ހިމެނޭހެން "ޕަތާން" ފިލްމުގެ ޕްރޮޑަކްޝަންގައި ހަރަކާތްތެރިވާ އެންމެނާ ދެކޮޅަށް އެ ގައުމުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅައިފަ އެވެ.

އެ މިނިސްޓްރީ އަަށް އޭނާ ފޮނުވާފައިވާ ސިޓީއަކާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، އެ ލަވައިން ހިންދޫންގެ އަގީދާތަކަށް ފުރައްސާރަކޮށްފައިވާ ކަމަށާއި އެ ފިލްމުގެ ތަރިންނާ އެކު އެހެން އެންމެނަށް ފިޔަވަޅު އަޅަން ޖޭހޭނެ ކަމަށް ގޮވާލައިފައިވެ އެވެ. އަދި ވީ އެންމެ އަވަހަކަށް އެ ލަވަ މަނާކޮށް، އިންޓަނެޓުން ނެގުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

ހިންދޫންގެ އިސް މީހަކު ވަނީ އެ ފިލްމު އަޅުވާ ތިއޭޓަރުތަކުގައި ހުޅު ޖެހުމަށް ވެސް ގޮވާލައިފަ އެވެ.

ޝާހުރުކާއި ދިޕީކާ ދިފާއުކޮށް ވެސް ބޮލީވުޑްގެ ގިނަ ބަޔަކު އަންނަނީ ސޯޝާލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ. ޝާހްރުކް އުޅޭ ފިލްމް، "ރައީސް" ގެ ޑިރެކްޓަރު ރާހުލް ދޮލަކިއާ ވަނީ އެފަދަ "ގަމާރު" ވިސްނުންތަކުގެ މީހުން މަޑުން ތިބުމަށް ގޮވާލައިފަ އެވެ.

"ޝާހްރުކް ހާނަަށް ދެމުން އަންނަ ނަފްރަތުގެ ހަމަލާތައް ފިލްމް އިންޑަސްޓްރީގެ އެންމެން ކުށްވެރިކުރަން ޖެހޭ،" ރާހުލް ބުންޏެވެ.

އަދިތިޔާ ޗޯޕްރާގެ އުންމީދީ "ސްޕައި ޔުނިވާސް" ގައި ހިމެނޭ "ޕަތާން" ފިލްމުގައި އިންޑިއާގެ މިވަގުތު އެންމެ ކުރީ ސަފުން ފާހަގަކޮށްލެވޭ އެކްޓަރުން ފެންނާނެ އެވެ. އޭގެތެރޭގައި، ޝާހްރުކާއި ދިޕިކާގެ އިތުރުން ޖޯން އަބްރަހަމް ފާހަގަކޮށްލެވެ އެވެ. އެ ފިލްމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.