Roadha Mihaaru
މެމްބަރުން ވަކިކުރަނީ ރުހުމާއެކު ނޫނީ އީސީން އެންގުމުން

އެމްޑީޕީން ބުނަނީީ މެމްބަރުން ވަކި ކުރަނީ ވަކިވާން އެދުމުން ނޫނީ އީސީން އެންގުމުން ކަމަށް

19 ޑިސެމްބަރ 2022

އެމްޑީޕީގެ މެމްބަރުން މިހާރު އެ ޕާޓީން ވަކިކޮށްދެނީ އެ މެމްބަރަކު އަމިއްލަ އަށް އެކަމަށް އެދުމުން ނޫނީ އެ މެމްބަރަކު އެހެން ޕާޓީއަކަށް ސޮއި ކުރުމުން އެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންގުމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އެމްޑީޕީގެ މެމްބަރުން މިހާރު އެ ޕާޓީން ވަކިކޮށްދެނީ އެ މެމްބަރަކު އަމިއްލަ އަށް އެކަމަށް އެދުމުން ނޫނީ އެ މެމްބަރަކު އެހެން ޕާޓީއަކަށް ސޮއި ކުރުމުން އެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންގުމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) އެހެން ވިދާޅުވީ، އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކޮށް، މެމްބަރުން ގަޑުބަޑުކޮށްފައިވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެން ދެއްވި ރައްދެއްގަ އެވެ.

އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ނަޝީދު، އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، އެމްޑީޕީގެ ދަފުތަރުން އެނގުމަކާ ނުލައި 40 ޕަސެންޓަށް ވުރެ ގިނަ މެމްބަރުން ވަކިކުރުމުން ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށެވެ.

ނަޝީދުގެ ސިޓީގައި ފައްޔާޒުގެ އަރިހުން އެދިވަޑައިގަތީ އެ މެމްބަރުންގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރު ކޮށްދެއްވުމަށެވެ. އެ މަނިކުފާނު ވިދާޅުވީ، އެ މެމްބަރުންގެ ބައިވެރިވުމާ ނުލައި ޕްރައިމަރީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށެެވެ.

އެކަމާ ގުޅިގެން އިބުރޭ މިއަދު "މިހާރު" އަށް ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންގެ ދަފުތަރަކީ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ދަފްތަރެއް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، އެމްޑީޕީން އަމިއްލަ އަށް އެދިގެން ނުވަތަ އެހެން ޕާޓީއަކަށް ސޮއިކޮށްގެން އެންގުމުން ނޫން ގޮތަކަށް މިހާރު އެ ޕާޓީން މެމްބަރުން ވަކި ނުކުރެ އެވެ.

"އެމްޑީޕީން އެއްވެސް މެމްބަރަކު އަމިއްލަ އަށް އެދިގެން ނުވަތަ އެހެން ޕާޓީއަކަށް ސޮއިކޮށްގެން އީސީ އިން އެކަން އެންގުމުން ނޫން ގޮަތަކަށް މިހާރު ވަކި ނުކުރަން،" އިބުރޭ ވިދާޅުވި އެވެެ.

ސިޔާސީ ޕާޓީތަކަށް އަބަދުވެސް މީހުން ގުޅި، ވަކިވަމުންދާތީ އެއްވެސް ޕާޓީއެއްގެ ދާއިމީ ދަފްތަރެއް ނޯންނާނެ ކަމަށް އިބުރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ދަފުތަރުން މެމްބަރުން ވަކި ކުރި ކަމަށް ނަޝީދު ވިދާޅުވަނީ، އީސީގެ ދަފްތަރުގައި ނުހިމެނޭ އެމްޑީޕީގެ މީހުންގެ ތެރޭގައި އެހެން ޕާޓީތަކުގައި ވެސް ރަޖިސްޓަރީ ވެފައިވާ މެމްބަރުން ހިމެނޭތީ އެ އެންމެން ޕާޓީން ވަކި ކުރަން ގައުމީ މަޖިލީހުން ކުރި ނިންމި ނިންމުމަކާ ގުޅުވައިގެންނެވެ.

އެގޮތަށް ގައުމީ މަޖިލީހުން ނިންމީ، ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ކުރިން ހުށަހެޅި ގަރާރަކާ ގުޅިގެންނެވެ. ގައުމީ މަޖިލީހުން އޭރު ނިންމީ އެމްޑީޕީގެ އެކި މަގާމުތަކުގައި ތިބި މީހުންގެ މެމްބަޝިޕް ވަގުތުން ސައްހަކޮށް، އެހެން ޕާޓީއެއްގައި ރަޖިސްޓަރީކޮށްފައި ތިބި މީހުން ވަކިކުރުމަށެވެ.

އީސީގެ ދަފްތަރުގައި ނުހިމެނޭ މީހުން އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އީސީގެ ދަފްތަރުގައި ރަޖިސްޓަރީވާން ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ވެސް އޭރު ނިންމި އެވެ.