Roadha Mihaaru
"ޔާމީން ޖަލަށްލުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން"

ޔާމީން ޖަލަށްލުމަކީ އުފާކުރަންޖެހޭ ކަމެއް ނޫން: ނަޝީދު

01 ޖެނުއަރީ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަކީ އުފާކުރަން ޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަކީ އުފާކުރަން ޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވާފައިވާތީ ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ވަނީ އުނިވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ޔާމީން 11 އަހަރުގެ ޖަލު ހުކުމެއްގައި ޔާމީން ހުންނެވުމުން އިދިކޮޅު ޕީޕީއެމުން ކޯލިޝަނުން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އަދި ލީޑަރަކު ޖަލުގައި އޮތުމަކީ އުފާ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ލީޑަރަށް ދެރަ ގޮތެއް ވީމަ ނުރުހޭނެ. އިހްސާސްތައް ހުންނާނެ. އުދާސްތައް ހުންނާނެ. އެއީ އަޅުގަނޑުމެން އެންމެން ވެސް ބަލައިގަންނަންޖެހޭ ކަމެއް. އަދި އެއީކީ އަޅުގަނޑުމެން އުފާކުރަންޖެހޭ ބާވަތުގެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މީހުން ޖަލަށްލުމަކީ މާ މޮޅު ކަމެއް ކަމަށް އެމަނިކުފާނު އެއްވެސް އިރަކު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެކަމަކު ޔާމީނަށް އިއްވީ ސިޔާސީ ހުކުމެއް ކަމަށް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަކީ އެއްވެސް މީހަކު ޖަލަށްލައިގެން އެއީ މާ މޮޅު ކަމަކަށް ހަދައިގެން އެއްވެސް އިރަކު އުޅުނު މީހެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

"ހެއްކާއި ގަރީނާގެ މައްޗަށް ހުކުމް އިއްވަނީ. އުފުލިފައިވަނީ ގާނޫނުގައިވާ މާއްދާތަކުގެ ތެރެއިން މާއްދާއެއްގެ ދައުވާއެއް. އެހެންވީމަ އަޅުގަނޑަށް ތިކަމާ އެހެން ދަންނަވަން ނުކެރޭނެ." ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެމްބަރުކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ޔާމީން ޖަލަށްލާން ހުކުމް ކުރުމުން އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ދަނީ އެ ހުކުމާ ދެކޮޅަށް އިހްތިޖާޖް ކުރަމުންނެވެ. އަދި ޔާމީނަށް ވާދަ ނުކުރެވޭ ގޮތަށް ރިޔާސީ އިންތިޚާބު ނުބޭއްވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ގެންދަނީ ބުނަމުންނެވެ.