Roadha Mihaaru
ސިޓީ ކައުންސިލުން ކަށުނަމާދު ޕޭޖެއް ހިންގަން ފަށަނީ

މާލޭ ސިޓީ ކައުންސިލުން ކަށުނަމާދު ޕޭޖެއް ހިންގަން ފަށަނީ

20 ޑިސެމްބަރ 2022

މާލޭގައި މަރުވާ މީހުންގެ ކަށުނަމާދުގެ މައުލޫމާތު، މާލޭ ސިޓީ ކައުންސިލުން ހިންގާ ޕޭޖަކުން އާއްމުކުރަން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގައި މަރުވާ މީހުންގެ ކަށުނަމާދުގެ މައުލޫމާތު، މާލޭ ސިޓީ ކައުންސިލުން ހިންގާ ޕޭޖަކުން އާއްމުކުރަން ނިންމައިފި އެވެ.

މަރުވާ މީހުންގެ މައުލޫމާތު މިހާރު އާންމުކުރަނީ "ކަށުނަމާދު" ކިޔާ ފޭސްބުކް ޕޭޖަކާއި ވައިބާ ގުރޫޕެއްގެ އިތުރުން ޓީވީ/ ރޭޑިއޯއިންނެވެ. ސޯޝަލް މީޑިއާގައި ހިންގާ ކަށުނަމާދު ޕޭޖު ހުއްޓާލަން ސިޓީ ކައުންސިލުން އަންގާފައިވާ ކަމަށް ބުނެ އެ ޕޭޖު ހިންގާ އަހުމަދު މުނައްވަރު އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް ކައުންސިލުން ބުނީ ޕޭޖު ހިންގުން ހުއްޓާލަން އަންގާފައި ނުވާނެ ކަމަށެވެ.

ކައުންސިލުގެ ތަރުޖަމާން މަރިޔަމް ޝިއުނާ "މިހާރު" އަށް މިއަދު ވިދާޅުވީ، ކަށުނަމާދުގެ މައުލޫމާތުތައް އާންމު ކުރަމުން އަންނަނީ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.

މާލެ ސަރަހައްދުގައި މަރުވާ މީހުންގެ މައުލޫމާތު މިހާރު އާންމު ކުރަނީ ކައުންސިލްގެ ރަސްމީ ޕޭޖަކުން ނުވާތީ ކައުންސިލުން އެ ހިދުމަތް ދިނުމަށް ޕޭޖެއް ތައްޔާރުކޮށްފައިވާ ކަމަށައި ވަރަށް އަވަހަށް އެ ހިދުމަތް ކައުންސިލުން ދޭން ފަށާނެ ކަމަށް ޝިއުނާ ވިދާޅުވި އެވެެ.

"ކަށުނަމާދު ޕޭޖަކީ މިހާރު ވެސް ކައުންސިލްގެ މެމްބަރެއް ހިންގަމުން އަންނަ ޕޭޖެއް. ކައުންސިލްގެ މުދަލާއި ކައުންސިލްގެ ވަސީލަތްތައް ބޭނުން ކޮށްގެން އެ ޕޭޖު ހިންގަނީ އަމިއްލަ ޕޭޖެއްގެ ގޮތުގައި. ކައުންސިލްގެ ރަސްްމީ ޕޭޖަކަށް އެ ޕޭޖު ނުވާތީ އެކަން ކުރަން ފަށަން އިއްޔެ މަޝްވަރާ ކުރީ،" އޭނާ ވިދާޅުވި އެވެ.

"ކައުންސިލުން އެ ޕޭޖު ހިންގުން ހުއްޓުވާކަށް ނޫޅެން. އެކަން އަމިއްލަ ގޮތުން ކުރަންވީ. އެކަމަކު ކައުންސިލަށް ލިބޭ މައުލޫމާތެއް ބޭނުމެއް ނުކުރެވޭނެ. ކައުންސިލުން ރަސްމީކޮށް ދެން އިއުލާން ކުރަނީ."

ޝިއުނާ ވިދާޅުވިގޮތުގައި، މަރުވާ މީހުންގެ މައުލޫމާތު ސިޓީ ކައުންސިލުން ކޮށްދޭނީ ހިލެ އެވެ.

"މިކޮޅުން ވެސް އެ ކަން ކުރާނީ ކައުންސިލުން ދޭ ހިދުމަތެއްގެ ގޮތުގައި ފްރީކޮށް،" އޭނާ ވިދާޅުވި އެވެ.

ކަށުނަމާދު ޕޭޖު މިހާރު ހިންގާ މުނައްވަރު އިއްޔެ "މިހާރު" އަށް ވިދާޅުވީ އަމިއްލަ މީހަކަށް އެގޮތަށް ޕޭޖެއް ނުހިންގޭނެ ކަމަށާއި އެއީ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެތަނުން ބުނެފައިވާ ކަމަށެވެ.

ކަށުނަމާދު ޕޭޖު މެދުވެރިކޮށް ކަށުނަމާދުގެ މައުލޫމާތު ފޯރުކޮށްދޭތާ ހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ޕޭޖުގެ ފޮލޯވަރުންގެ އަދަދު 70،000 އަށް ވުރެ ގިނަ އެވެ.