Roadha Mihaaru
ކްލަބްތަކުގެ ބިދޭސީ ކުޅުންތެރިންގެ ޖާގަ ހަޔަކަށް

ކޮންމެ ކްލަބަކަށް ބިދޭސީ ހަ ކުޅުންތެރިން ގެނެވޭގޮތަށް ހަދައިފި

22 ޑިސެމްބަރ 2022

އަންނަ ސީޒަނުން ފެށިގެން ކޮންމެ ކްލަބެއްގައި ބިދޭސީ ހަ ކުޅުންތެރިން ޖެހުމުގެ ހުއްދަ ދިނުމަށް އެފްއޭއެމުން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަންނަ ސީޒަނުން ފެށިގެން ކޮންމެ ކްލަބެއްގައި ބިދޭސީ ހަ ކުޅުންތެރިން ޖެހުމުގެ ހުއްދަ ދިނުމަށް އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމްގެ އެކްސްކޯއިން އެގޮތަށް ނިންމި ނަމަވެސް، އެކްސްކޯގެ ބައެއް މެންބަރުން އެކަމަށް ތާއީދެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި އެ ނިންމުމަށް ތާއީދު ނުކުރާކަން ހާމަ ކުރި އެކްސްކޯގެ މެންބަރުންނަކީ އެފްއޭއެމްގެ ނައިބު ރައީސް އަދި މާޒިޔާގެ ކުރީގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި ޓީސީ ސްޕޯޓްސް ކްލަބްގެ ކުރީގެ ރައީސް އަހުމަދު ނަޝީދު (ޑޭވް) އެވެ.

ބިދޭސީ ކުޅުންތެރިންގެ ޖާގަ ހަޔަކަށް އިތުރު ނުކުރަން ޝާފިއު އާއި ޑޭޥް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެކަމާ ބެހޭގޮތުން ނަޝީދު އަށް ގުޅުމުން އޭނާ ވިދާޅުވީ ބިދޭސީ ހަ ކުޅުންތެރިންގެ ގަވާއިދުން ރާއްޖޭގެ ފުޓްބޯޅަ އަށް މާބޮޑު ފައިދާއެއް ކުރާތަން އޭނާ އަށް ނުފެންނަ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ ރާއްޖޭގެ ފުޓްބޯޅަ އަށް އޭގެއިން ކުރާނެ މާބޮޑު ފައިދާއެއް. ރާއްޖެ އަށް ކުޅުންތެރިން މި ގެންނަ އަގުތަކުގައި ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންނެއް ނުގެނެވޭ. ތަފާތު މޮޅު ބިދޭސީ ކުޅުންތެރިންތަކެއް ގެނެވޭނަމަ ރާއްޖޭގެ ފުޓްބޯޅަ އަށް ފައިދާތަކެއް ކުރާނެ. މިހާރު ރާއްޖެ އަށް މި ގެންނަ ބިދޭސީ ކުޅުންތެރިންނަކީ ދިވެހި ކުޅުންތެރިންނަށް ވުރެ ވެސް ފެންވަރު ދަށް ކުޅުންތެރިން،" ކުރިން ސްޕޯޓްސް ކޮމިޝަނަރުކަން ވެސް ކުރެއްވި ޑޭވް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ ތަނަވަސް ކްލަބް، މާޒިޔާ އަށް ވެސް ތަފާތު ފެންވަރުގެ ބިދޭސީ ކުޅުންތެރިޔަކަށް ގެނައީ މިދިޔަ ސީޒަންގައި އެ ޓީމަށް ކުޅުނު ސްޕެއިންގެ ފޯވާޑް ޕެޑްރޯ ޑޮމިންގޭޒް (ޓާނާ) އެވެ.

"އެއީ މޮޅު ކުޅުންތެރިޔެއް. އެކަމަކު ސުވާލަކީ ކޮންމެ ސީޒަނެއްގައި އެވަރުގެ އެހެން ކުޅުންތެރިންތަކެއް ގެނެވޭނެތޯ." ޑޭވް ވިދާޅުވި އެވެ.

ރާއްޖޭގެ ކްލަބްތަކަށް ބިދޭސީ 4 ކުޅުންތެރިން ޖެހުމުގެ ހުއްދަ ދިނީ 2015 ގަ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކު ވާން ޖެހޭނީ އޭޝިއާގެ ކުޅުންތެރިޔަކަށެވެ. އޭއެފްސީގެ ކްލަބް މުބާރާތްތަކުގައި ބިދޭސީ ހަ ކުޅުންތެރިން ޖެހުމުގެ ހުއްދަ ދޭން އޭއެފްސީން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކު ވާން ޖެހޭނީ އޭޝިއާގެ ކުޅުންތެރިޔަކަށެވެ. އޭއެފްސީ ކްލަބް މުބާރާތްތަކުގައި 2023/2024 ން ފެށިގެ އެގޮތަށް އަމަލު ކުރުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

އިންޑިއާގެ އެންމެ ބޮޑު ލީގު، އިންޑިއަން ސުޕަ ލީގު 2012 ގައި ލޯންޗު ކުރުމަށް ފަހު ބިދޭސީ ހަ ކުޅުންތެރިންނަށް ފުރުސަތު ދޭ ގޮތަށް ހަމަޖެއްސި އެވެ. މިދިޔަ އަހަރާ ހަމައަށް އެގޮތަށް އަމަލު ކުރި އެވެ. އެކަމަކު މިހާރު އިންޑިއާގެ ހުރިހާ ލީގެއްގައި ވެސް އަމަލު ކުރަނީ ހަތަރު ކުޅުންތެރިންގެ ގަވާއިދަށެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ އޭޝިއާ ކުޅުންތެރިޔަކަށް ވާން ޖެހޭނެ ކަމަށް ލީގުގެ ގަވާއިދުގައި ބުނެ އެވެ.

ހަ ކުޅުންތެރިންގެ ގަވާއިދު ސުޕަ ލީގުން އުވާލީ ލޯކަލް ކުޅުންތެރިންނާއި އިންޑިއާގެ ގައުމީ ޓީމުގެ ކޯޗު އީގޯ ސްޓީމަޗް ވެސް ކުރި ޕްރެޝަރުތަކާއެކު އެވެ. ސްޓިމަޗް އާއި އިންޑިއާގެ ކުޅުންތެރިންގެ ކަންބޮޑުވުމަކީ އަމިއްލަ ގައުމުގެ ކުޅުންތެރިންނަށް ކްލަބްގައި ކުޅެން ލިބޭ ފުރުސަތު މަދުވުމެވެ. ބިދޭސީ ކުޅުންތެރިންގެ ޖާގަ އިތުރު ކޮށްފިނަމަ ދިވެހި ކުޅުންތެރިންނަށް ވެސް އެ މައްސަލަ ކުރިމަތި ވާނެ ކަމަށް ބެލެވެ އެވެ.

ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށް ކްލަބްތަކުގައި ކުޅެން ފުރުސަތު ނުލިބޭތީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރި އެވެ.