Roadha Mihaaru
ރޯގާއަކާ ހެދި މެޗު ދޫކޮށްލުން، ފުޓްބޯޅަ ގޯހުންގޯހަށް

ހުމުގެ ރޯގާއަކާ ހެދި މެޗު ދޫކޮށްލުން، ދިވެހި ފުޓްބޯޅަ ވީރާނާވެފައިވާ މަންޒަރެއް

10 އޯގަސްޓް 2023

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވާ ގޮތުން ފުޓްބޯޅައިގެ މައިބަދަ އަކީ ކްލަބްތަކެވެ. އަނދަވަޅަކަށް ވެއްޓިފައިވާ ފުޓްބޯޅައިގައި ދިރި އޮތް އެއްޗަކީ ލީގު ނުހުއްޓި ކުރިއަށް ދިއުމެވެ. ނަމަވެސް ލީގާ މެދު، މައިބަދަކަމަށް ސިފާ ކުރާ ބައެއް ކްލަބްތަކުގެ ސީރިއަސްކަމެއް ނުފެނެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވާ ގޮތުން ފުޓްބޯޅައިގެ މައިބަދަ އަކީ ކްލަބްތަކެވެ. އަނދަވަޅަކަށް ވެއްޓިފައިވާ ފުޓްބޯޅައިގައި ދިރި އޮތް އެއްޗަކީ ލީގު ނުހުއްޓި ކުރިއަށް ދިއުމެވެ. ނަމަވެސް ލީގާ މެދު، މައިބަދަކަމަށް ސިފާ ކުރާ ބައެއް ކްލަބްތަކުގެ ސީރިއަސްކަމެއް ނުފެނެ އެވެ.

މި އަހަރުގެ ސީޒަންގައި ވެސް ދެ ކްލަބަކުން އެ ޓީމުތައް ކުޅެން އޮތް މެޗުތައް ނުކުޅެ ދޫކޮށްލި އެވެ. ވެލެންސިއާ އާއި ގްރީން ސްޓްރީޓްސްއިން ހަމަޖެހިފައިވާ މެޗު ދޫކޮށްލީ، މާލޭގައި ފެތުރެމުންދާ ހުމުގެ ރޯގާގެ ސަބަބުން ޓީމު ހަމަނުވާ ކަމަށް ބުނެ އެވެ.

ފެތުރެމުންދާ ހުމުގެ ރޯގާއަކާ ހެދި ކްލަބަކަށް ޓީމު ހަމަނުކުރެވުމަކީ ފުޓްބޯޅަ އަޑިގަނޑަކަށް ވެއްޓިފައިވާ ދަށް ފެންވަރު ހާމަވާ ކަމެއްކަމަށް ތަޖުރިބާކަރުން ބުނެ އެވެ.

ގިނަ ކްލަބްތައް އޮތީ އަމިއްލަ ފައި މައްޗަށް ކޮޅަށް ނުތެދުވެވޭހާ މިންވަރަށް އަޑިއަޅައިލައިފަ އެވެ. ލީގުގައި މެޗު ދޫކޮށްލި ދެ ޓީމަކީ ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން ފީފާގެ ޓްރާންސްފާ ބޭންގެ އަދަބު ކުރިމަތިވެފައިވާ ދެ ކްލަބެވެ.

ގަސްތުގައި މެޗު ދޫކޮށްލުމުގެ މައްސަލަ އާންމުވާން ފެށީ 2019 އިން ފެށިގެންނެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބުން 2019 ގައި ތިން މެޗު ނުކުޅެ ދޫކޮށްލި އެވެ. އޭގެ ކުރީގެ ސިޒަންގައި ވެސް ދެ މެޗު ނުކުޅެ އެ ޓީމުން ދޫކޮށްލި އެވެ.

ގްރީންސް ސްޓްރީޓްސްއިން ލީގުގެ މެޗަކަށް ނުކުންނަނީ: އަންގާރަ ދުވަހުގެ ރޭ ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗު ގްރީންއިން ދޫކޮށްލީ ހުމުގެ ރޯގާއާ ހެދި ކުޅުންތެރިން ހަމަނުވާ ކަމަށް ބުނެ --- ފައިލް ފޮޓޯ: އެފްއޭއެމް

ގްރީންސް ސްޓްރީޓްސްއިން ލީގުގެ މެޗަކަށް ނުކުންނަނީ: އަންގާރަ ދުވަހުގެ ރޭ ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗު ގްރީންއިން ދޫކޮށްލީ ހުމުގެ ރޯގާއާ ހެދި ކުޅުންތެރިން ހަމަނުވާ ކަމަށް ބުނެ --- ފައިލް ފޮޓޯ: އެފްއޭއެމް

މިދިޔަ އަހަރު އެ މައްސަލަ ނިސްބަތުން ގިނަ އެވެ. އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގެ މެޗަށް ވެލެންސިއާއިން ބަންގްލަދޭޝް އަށް ދަތުރުނުކޮށް މެޗު ދޫކޮށްލި އެވެ. ދެ ވަނަ ޑިވިޝަންގައި ވާދަކުރި ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބުން ގަސްތުގައި ދެ މެޗަށް ހާޒިރު ނުވެ އެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕުގެ ތިންވަނަ ގްރީން އަށް ލިބުނީ ތިން ވަނަ ހޮވާ މެޗު ނުކުޅެ އެވެ. އެ މެޗުގައި އަނެއް ކޮޅުން ވާދަ ކުރަން އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މެޗު ކުޅެން ބޭނުމެއް ނުވި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ މެޗު ދޫކޮށްލި ގްރީންގެ ކޯޗު އަލީ ނިސްތާރު މުހައްމަދު، ކުރިން "މިހާރު" އަށް ބުނެފައި ވަނީ މެޗުތައް ދޫކޮށްލުމަކީ ފުޓްބޯޅައިގެ ސީރިއަސްކަން ގެއްލިދާނެ ސަބަބެއް ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅަ އަކީ ސީރިއަސް އެއްޗެއްކަން އެބަޖެހޭ ދައްކަން. އެހެންވީމަ އެކަމެއް ނުކުރެވޭނެ މެޗު ދޫކުރުމާ އެކަހަލަ ކަންކަން އަންނަންޏާ ދެއްތޯ،" މިދިޔަ އަހަރު އެހެން ކްލަބްތަކުން މެޗުތައް ދޫކޮށްލުމުން ނިސްތާރު އޭރު ބުނެފައި ވެއެވެ.

ހުމުގެ ރޯގާއެއްގެ ސަބަބުން ޓީމަކުން މެޗު ދޫކޮށްލާ ހާލަތަށް ކްލަބްތައް ވެއްޓެން ޖެހުނީ އެފްއޭއެމުން ދޭނެ ކަމަށް ބުނާ ފައިސާ އަށް އެކަނި ކްލަބްތައް ބަރޯސާ ވާން ޖެހުމުން ކަމަށް ފުޓޯޅައިގެ ކުރީގެ ހިންހުންތެރިޔަކު ވިދާޅުވި އެވެ.

"ގިނަ ކްލަބްތަކަށް ނެތް އެހެން ގޮތަކުން ފައިސާ ޖެނަރޭޓް ކުރެވޭނެ ގޮތެއް. ކޮންމެ ކްލަބަކުން ވެސް ބަރޯސާވީ އެފްއޭއެމުން ދޭނެ ކަމަށް ބުނާ ފައިސާ އަށް. އެފްއޭއެމަށް ބަރާބަރަށް ފައިސާއެއް ނުދެވޭ. އެކަމަކު ކްލަބްތައް އަމިއްލަ އަށް ވެސް ފައިސާ ހޯދޭނެ ގޮތްތައް ޖެނަރޭޓްކުރަން ޖެހޭ. އެކަން ނުކުރެވޭނަމަ ރާއްޖޭގެ ލީގުގެ ފެންވަރު މިއަށް ވުރެ ވެސް ދަށަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކުރިން ކުޅުނު ބިދޭސީ ކުޅުންތެރިޔަކު ބުނީ ކްލަބްތައް މެޗު ދޫކޮށްލުމަކީ ފުޓްބޯޅަ ޖޯކަކަށްވުން ކަމަށް ސިފަ ކުރެވޭ ކަމަށެވެ.

"ކްލަބްތައް މެޗު ދޫކޮށްލީމަ އެކަން ވަނީ ޖޯކަކަށް. ދެހާސް ސަތާރަ އަދި 2018 ގައި ލީގު ވަރަށް ބޮޑަށް ވާދަވެރިކޮށް ފެނުނު. އެކަމަކު އޭގެ ފަހުން ލީގުގެ ވާދަވެރިކަން ދަށްވަމުން ދަށްވަމުން ގޮސް އެއްކޮށް އެކަން ކެނޑިއްޖެ،" އޭނާ ބުންޏެވެ.

މި އަހަރު ލީގުގެ ފުލަށް ދިޔަޔަސް އެއްވެސް ޓީމެއް ރެލިގޭޓް ނުވާނެ އެވެ. އެބިރުވެރި ކަމެއް އެއް ވެސް ކްލަބަކަށް ނެތެވެ.

ކްލަބްތައް މެޗުތައް ދޫކޮށްލާ ހިސާބަށް ދިޔައީ ރެލިގޭޝަނެއް ނެތުމުންތޯ ސުވާލު ކުރުމުން އޭނާ ބުނީ ރެލިގޭޓް ނުވުމަކީ ކްލަބްތަކުގެ ސީރިއަސްކަން ގެއްލެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"އިންޑިއާގެ ސުޕަ ލީގުގައި ވެސް ނޯވޭ ރެލިގޭޝަނެއް. އެކަމަކު އެ ކްލަބްތައް ފުޓްބޯޅަ އަށް ސީރިއަސް. ސަބަބަކީ އެ ލީގުގައި ވާދަކުރާ ކްލަބްތައް ރަނގަޅު އޮނިގަނޑެއްގެ މަތީގައި ބިނާކުރެވިފައިވުން،" އޭނާ ބުންޏެވެ.

ރާއްޖޭގައި ކްލަބްތައް ހިންގާނެ ރަނގަޅު އޮނިގަނޑެއް ނެތެވެ. މައިބަދަ ހަރަކާތް ނުކުރެވޭނަމަ ފުޓްބޯޅަ ކުރިއަށް ހިނގަންނަ ދަތި ވެއެވެ.