Roadha Mihaaru

ކްރެޑިޓަށް ތެލާއި އައިސް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ: ރައީސް

ތިން މަސް ދުވަހުގެ ތެރޭ މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކްރެޑިޓަށް ތެލާއި އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

24 ޑިސެމްބަރ 2022

ތިން މަސް ދުވަހުގެ ތެރޭ މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތަރައްގީގެ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ހުވަދޫގެ ބައެއް ރައްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ގއ. ދާންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ފެނަކަ މެދުވެރިކޮށް ކްރެޑިޓަށް އައިސް ވިއްކުމާއި، މަސްވެރިން ބޭނުންވާ މިންވަރަށް އެސްޓީއޯ މެދުވެރިކޮށް ތެޔޮ ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކްރެޑިޓަށް ވެސް ތެލާއި ޑީސަލް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ އެވެ.

"ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ، އެސްޓީއޯ މެދުވެރިކޮށް މަސްވެރިން ބޭނުންވާ ވަރަށް ތެޔޮ ލިބިގެންދާނެ. ދެތިންމަސް ތެރޭ މަސްވެރިންގެ ކަންކަމަށް ވަގުތީ ހައްލު ލިބިގެންދާނެ." ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާ އަށް ވަޑައިގެން އެ ސަރަހައްދުގެ މަސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިން ވަނީ މަސް ކިރުމުގައި ހުރި ދަތިތަކާއި މަސްވެރިން ކިރުވާ މަހަށް ފައިސާ ލިބުން ލަސްވުމާއި އައިސް ލިބުމުގެ ދަތިތަކާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ ރައީސަށް ދަންނަވައިފަ އެވެ.