Roadha Mihaaru
ޝަރީފަށް އަނެއްކާވެސް ޔާމީންގެ ވަރުގަދަ އިންޒާރެއް!

ޝަރީފް އަމިއްލައަށް ޖެހެންޏާ ކަރަންޓުގައި ޖެހޭ، ނޫނީ މައްސަލަ ބަލާނަން: ޔާމީން

24 ޑިސެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވި 2018ގެ ރިޔާސީ އިންތިހާބާ ގުޅިގެން އޭރު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފަށް ކުރައްވާ ތުހުމަތުތައް ރޭ ވެސް ތަކުރާރު ކުރައްވައި އޭނާގެ މައްސަލަ ބަލާނެ ކަމުގެ އިންޒާރު ޔާމީން ދެއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވި 2018ގެ ރިޔާސީ އިންތިހާބާ ގުޅިގެން އޭރު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފަށް ކުރައްވާ ތުހުމަތުތައް ރޭ ވެސް ތަކުރާރު ކުރައްވައި އޭނާގެ މައްސަލަ ބަލާނެ ކަމުގެ އިންޒާރު ޔާމީން ދެއްވައިފި އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކާނިވަލުގައި، "ފެލާލައިފި" ނަމުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށާއި ޝަރީފްގެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އެކަން ޕީޕީއެމް އަލުން ވެރިކަމަށް އަތުވެއްޖެ ނަމަ ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރު ބަދަލުވެ ޕީޕީއެމް ސަރުކާރެއް އައިސްފި ކަމުގައިވާ ނަމަ، އީސީ ޝަރީފް އަމިއްލައަށް ޖެހެންޏާ ކަރަންޓުގައި ޖެހޭ. އެހެން ނޫނީ މައްސަލަ ބަލާނަން،" ޔާމީން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް އިންތިހާބަށް ފަހު ޔާމީން އާއި ޕީޕީއެމުން ވަނީ ވޯޓު އޮޅުވާލި ކަމުގެ ތުހުމަތުކޮށްފަ އެވެ. އެކަމުގެ އަޑީގައި ހުންނެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި ޝަރީފް ކަމަށް ބޮޑެތި ފާޑުކިއުން އަމާޒުކުރި އެވެ.

ވޯޓު އޮޅުވާލި ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ އިންތިހާބު ބާތިލްކުރަން ޖެހޭނެ ފަދަ ކަމެއް ހުށަހެޅި މައްސަލައާ ގުޅިގެން ނެތް ކަމަށެވެ.

މި ހުކުމަށް ފަހު ވެސް، ޕީޕީއެމްގައި ކުރިން އުޅުއްވި އަދި ޔާމީނާ އަަރިސް ބޭފުޅެއްގެ ގޮތުގައި ސިޔާސީ މަސައްކަތުގައި ކުރިން އުޅުއްވި ޝަރީފަށް ޕީޕީއެމުން އިންޒާރުދީފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުންނެވި އިރު ޝަރީފް ނޫސްވެެރިންނާ ވާހަކަ ދައްކަވަނީ. މިހާރު/ފޮޓޯ: ނިޝާން އަލީ

އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުންނެވި އިރު ޝަރީފް ނޫސްވެެރިންނާ ވާހަކަ ދައްކަވަނީ. މިހާރު/ފޮޓޯ: ނިޝާން އަލީ

ޔާމީން ރޭ ތުހުމަތު ކުރެއްވި ގޮތުގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް މި ސަރުކާރުން އޮޅުވާލާނެ އެވެ.

"އިހަށްދުވަހު އެ ގެންދިޔައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް. އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާސްތައް ނައްތާލާއިރު ކަލޭމެންގެ އެހީތެރިކަން ބޭނުމޭ، މި ވާހަކަ ދައްކަން ގެންދިޔައީ. އަނެއްކާ ވެސް އިންތިހާބު ވަގަށް ނެގޭނީ ކިހިނެތްތޯ ބަލަންވެގެން. އެއީ، އެނގޭ 2018ގައި ކަރުދާސްތަކަށް ވެސް މި ހުރީ ހަމަ އެހެން ހަދާފައިކަން." އިލެކްޝަންސް ކޮމިޝަނާއި އެމްއެންޑީއެފުގެ ބައްދަލުވުމަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލިކަން އެންމެންނަށް އެނގޭ ކަމަށެވެ. އެކަމަކު އެއްވެސް އިދާރާއަކުން އެ މައްސަލަ ނުބަލާ ކަމަށާއި އެކަމުގެ ވާހަކަ ވެސް ނުދައްކާ ކަމަށް ވިދާޅުވި އެވެ.

"ދެހާސްއަށާރައިގައި ކަރުދާސް ނައްތާލިއިރަކު އެ ތަނަކު ނެތް ސަލާމަތީ ބާރެއް. ޗީފް އޮފް ޑިފެންސްފޯސެއް، ވައިސް ޗީފްއަކީ ވެސް ހުރި މީހެއް ނޫން. ސުޕްރީމް ކޯޓުގައި ފަނޑިޔާރުން ތިބި، އެއީ ތިބި ބައެއް ނޫން. ޕޮލިސް ޗީފަކީ ހުރި މީހެއް ނޫން. ރާއްޖޭގެ އެއްވެސް މުއައްސަސާއެއް ނެތް މިކަމަށް ފާޑުކިޔާފައި ބަހެއް ބުނަން ބޭނުންވާ ބައެއް. އެންމެ ކުޑަމިނުން ނޫސްގަނޑެއްގައި ވެސް މި ވާހަކަ ޖަހާފައެއް ނެތް،" ޔާމީން ވިދާޅުވި އެވެ.

ވޯޓު އޮޅުވާލި މައްސަލައިގައި ޝަރީފުގެ މައްސަލަ ބެލުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ވޯޓު އޮޅުވާލި ކަމުގެ ތުހުމަތާ ގުޅިގެން ޝަރީފް ކުރިން ވިދާޅުވެފައި ވަނީ ވޯޓު ކަރުދާސް ނައްތައިލީ އެ ކަރުދާސް ބެލެހެއްޓުމަށް ގާނޫނުން ލާޒިމްކުރާ މުއްދަތު ހަމަވެ ހަތް ދުވަސްވީ ފަހުން ކަމަށެވެ. އޭނާއަށް ޔާމީނާއި ޕީޕީއެމުން މީގެ ކުރިން ވެސް ވޯޓު އޮޅުވާލި ކަމަށް ތުހުމަތު ކުރުމުން ޝަރީފް ވަނީ އެކަން ދޮގުކުރައްވައި އެއީ ބަލި ގަބޫލުނުކުރެވިގެން ފަތުރާ ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ޔާމީނަށް ލިބިވަޑައިގަތީ އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން 96،000 ވޯޓު ނުވަތަ 41 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވީ 134،000 ވޯޓާ އެކު 58 ޕަސެންޓުންނެވެ.

ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ޔާމީން ބަލިވެވަވަޑައިގަތުމާ އެކު، ވޯޓު ކަރުދާހުގައި މަކަރެއް ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެކަން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ކޯޓުގައި ވަކީލުން ވިދާޅުވެފައިވަނީ ވޯޓު ކަރުދާޙުގައި ޖަހާ ފާހަގަ ފޮހެވުމާއި ފާހަގަ "ވެއްޓުން" ފަދަ ކަންކަން ހިނގި ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެ ފަދަ ކަމެއް ސާބިތުނުވާ ކަމަށެވެ. އެހެންވެ، އިންތިހާބު ބާތިލް ކުރާނެ ފަދަ ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.